ސްޕްރީމް ކޯޓުން މިއަދު ކުރި ޓްވީޓެއްގެ ސަބަބުން ގިނަ ބަޔަކަށް އެ ކޯޓުގެ އިއްޒަތްތެރި ފަނޑިޔާރު، ޢާއިޝާ ޝުޖޫން މުޙައްމަދު ނިޔާވެއްޖެ ކަމަށް ހީވެއްޖެއެވެ. މިވަގުތު ސްޕްރީމް ކޯޓު ކޮންޓްރޯލް ކުރަމުން ދަނީ، ކޯޓުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ހުންނެވި ހުސްނުއްސޫދު އެވެ.
އެއްވެސް އެއްޗެއް ލިޔުމެއް ނެތި، ކޮށްފައިވާ މި ޓްވީޓްގައި ވަނީ ޕޯސްޓަރެކެވެ. މީހުން މަރުވެގެން ތައުޒިޔާ ލިޔާ ކާޑު ޓެމްޕްލެޓެއްގައި، ޝުޖޫންގެ ފޮޓޯ ޖެހުމަށް ފަހު، މަހާނަ ގަލުގައާއި، ތައުޒިޔާ ކާޑުގައި، އުފަން ތާރީހާއި، މަރުވި ތާރީހު ޖަހާހެން، ތާރީޚް ޖަހައި، އަކުރުތައް ކުޑަކޮށް ލިޔެ ތައްޔާރު ކޮށްފައިވާ، މި ޕޯސްޓަރު ފެނުމުން، ގިނަބަޔަކަށް ހީވީ ޝްޖޫން ނިޔާވެގެން ސްޕްރީމް ކޯޓުން ތައުޒިޔާ ކިޔާފައިވާ ކަމަށެވެ.
ނަމަވެސް އަކުރު ކުޑަކޮށް، މި ތައުޒިޔާ ކާޑުގައި ލިޔެފައި ވަނީ، އެކަމަނާ ޖޭއެސްސީގައި ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވައި އެވާހަކައެވެ. އާންމުކޮށް ޝުކުރު ދަންނަވާފައި ލިޔާ ސޯޝަލް މީޑިޔާ ޕޯސްޓަރ ތަކަކީ މީހުން މަރުވެގެން ޖަހާ ތައުޒިޔާގެ ޕޯސްޓަރުތަކާއި ތަފާތު، އަދި ކުލަތައް ގިނައިން އެކުލެވިގެން ތައްޔާރު ކުރާ ޕޯސްޓަރު ތަކެކެވެ.
ސްޕްރީމް ކޯޓުން މައުލޫމާތު ލިބިފައިވަނީ މި ޕޯސްޓަރު ޖަހާފައިވަނީ ހުސްނުއްސުއޫދު އަންގަވައިގެންނެެވެ. ނަމަވެސް މި ގޮތަށް ޕޯސްޓް ޑިޒައިން ކުރުމަށް ހުސްނުއްސޫދު އަންގާފައިވާ ކަމެއް ސާފެއް ނުވިއެވެ. މިވަގުތު ސްޕްރީމް ކޯޓުގައި ހުންނެވި އުއްތަމަ ފަނޑިޔާރުގެ ހަރުދަނާ ކަމެއް ނެތުމުން، އޭގެ ނާޖާއިޒް ފައިދާ ހުސްނުސޫދު ދަނީ ނަގަމުންނެވެ. އަދި ޖޭއެސްސީގައި ސްޕްރީމް ކޯޓުގެ ފަރާތުން މިހާރު އިންނަވަނީ ހުސްނުސުއްއޫދުއެވެ. އެކަން ކުރީ، ޝުޖޫން އެތަނުން ބޭރު ކޮށްލުމަށް ފަހުއެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝުޖޫން އެތާގައި އިންނަވަން އަދިވެސް ބޭނުންފުޅުވެއެވެ. ނަމަވެސް ހުސްނުއްސުއޫދުގެ ނުފޫޒުން ޖޭއެސްސީއިން ޝުޖޫން ބޭރުކޮށް އެވަރުން ނުވެގެން، ސޯޝަލް މީޑިޔާއަށް ޝުޖޫން ނިޔާވިކަމަށް މީހުންނަށް ހީވާވަރު ވަނީ ކޮށްފައެވެ. ހުސްނުއްސުއޫދު ދަނީ، ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ގޮންޖައްސަވައި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބަސް އޮތް، މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަންނަމުންނެވެ.
ހުސްނުއްސުއޫދު ސްޕްރީމް ކޯޓުގެ ބާރު ނަންގަވައިގެން، މަޖިލީހުގެ ޙައްޤުތަކަށް އަރައިގެންނެވި ނަމަވެސް، އެހެން ފަނޑިޔާރުން ނިޔާވެފައިވާ ކަމަށް މީހުންނަށް ހީފުޅު ވާހެން ޓްވީޓް ނުކުރެއްވުމަށް ދިޔަވަރު ނޫހުން އަދަބުވެރި ކަމާއެކު ފަނޑިޔާރަށް ދަންނަވަމެވެ. އަދި ހުސްނުއްސުއޫދު އެ އުޅުއްވާހެން އެހްނެ ބޭފުޅުން ނޫޅުއްވުމަށް އެދެމެވެ.