އިސްރާއީލާއެކީ އަޑިނޭގޭ ގުޅުމެއް ބައްވަމުން އަންނަ ނުރައްކާތެރި ކުންފުންޏެއް ކަމަށްވާ, ޔޫއޭއީގެ ޔޫއެސްޖީ ކުންފުނިން ރާއްޖޭގައި އިންވެސްޓު ކުރުމަށް މުއިއްޒު ފުރުސަތު ދެއްވައިފިއެވެ.
ޔޫއޭއީގެ ޝާހީއާއިލާވެސް ގުޅުން އޮންނަ ޔޫއެސްޖީ ކުންފުނީގެ ޕްރޮފައިލްގައި ވާގޮތުން, އެކުންފުންޏަކީ, އޮގަސްޓް 2020 ގައި ޔޫއޭއީ އާއި އިސްރާއީލާ ދެމެދު ވެފައިވާ އަބްރަހަމް އެކޯޑްސް ސުލްހައިގެ އެއްބަސްވުން ހަގީގަތަކަށް ހަދައިދިން ކުންފުންޏެވެ. ޔޫއެސްޖީ ގުރޫޕްގެ ރައީސް އަލް ސުވައިދީގެ ޕްރޮފައޮލްއިން އެނގޭ ގޮތުގައި އޭނާއަކީ އިސްރާއީލާ ޚާއްސަ ގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ.
އެގޮތުން ޔޫއެސްޖީގެ ގުރޫޕްގެ ރައީސްކަމަށްވާ, އަލް ސުވައިދީ ވަނީ ޔޫއޭއީ އާއި އިސްރާއީލާ ދެމެދު ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ގަލްފް-އިސްރާއީލް ގްރީން ވެންޗަރސް ނަމަކަށް ކިޔާ ކުންފުންޏަކާއެކު ތިމާވެށީގެ ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޔުނައިޓެޑް ސްޓާސް ގްރޫޕު (ޔޫއެސްޖީ)ން ފުރަތަމަ ފަހަރަށް ޔޫއޭއީ-އިސްރާއީލް އެމްއޯޔޫގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައައިކަމަށް ޔޫއެސްޖީ ގުރޫޕްގެ ރައީސްގެ ޕްރޮފައިލްގައި ލިޔެފައި ވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ގްރީންޓެކް އާއި ކްލީންޓެކްގެ ހަލުވިކަމާއެކު ފުޅާކޮށް ދެ ދާއިރާގައި ވެސް އިޒްރޭލުގެ އީޖާދީ ޓެކްނޮލޮޖީތައް ޔޫއޭއީއަށް ގެނައުމުގe ބިންގާ ޔުނައިޓެޑް ސްޓާސް ގްރޫޕުން އަޅާދީފައިވާކަމަށްވެސް އޭނާގެ ވަނަވަރުގައި ބަޔާން ކޮށްފައި ވެއެވެ. އޭގެ އިތުރުންވެސް ޔޫއެސްޖީ ގުރޫޕުގެ ރައީސްއަކީ ގަލްފް-އިސްރާއީލީ ގްރީން ވެންޗަރ ކުންފުނީގެ ސްޓްރަޓީޖިކް ޕާރޓްނަރެއްކަމަށާއި, އަދި އޭނާއަކީ ޔޫއޭއީ-އިސްރާއީލް ބިޒްނަސް ކައުންސިލްގެ މެމްބަރެއްކަމުގައިވެސް, ރާއްޖޭގައި ޓެކްނޮލިޖީގެ ދާއިރާއިން އިންވެސްޓުކުރުމަށް މިހާރު ތައްޔާރުވަމުންދާ ޔޫއެސްޖީ ގުރޫޕްގެ ރައީސްގެ ޕްރޮފައިލްގައި ބަޔާން ކޮށްފައިވެއެވެ.
މިކުންފުނިން މިހާރު ހާމަކުރާ ގޮތުގައި ރައީސް ސާލިހުގެ ވެރިކަމުގަވެސް, ޓެކްނޮލިޖީގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓު ކުރުމަށް އެކުންފުނިން ހުށަހެޅިއެވެ. އެހެންނަމަވެސް އެކުންފުންމަކީ އިސްރާއީލާ ސިއްރު ގުޅުންތަކެއް އޮންނަ, އަދި އިސްރާއީލުގެ ޓެކްނޮލިޖީތައް ދުނިޔެއަށް ވިއްކުމަށް މަސައްކަތްކުރާ ކުންފުންޏެއްކަން ޔަގީންވި ހިސާބުން ރައީސް ސާލިހުގެ ސަރުކާރުން އެކުންފުންޏާއެކު ވާހަކަދެއްކުންވަނީ ހުއްޓާލާފައެވެ.
އިސްރާއީލާއެކީ ވިޔަފާރީގެ ގުޅުންތައް ބާއްވަމުންދަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ކުންފުނިތަކުންނެވެ. އަދި މިފަދަ ބައެއް ކުންފުނިތަކަކީ އަރަބި ގައުމުތަކާއި ގާތް ގުޅުންތައް ބާއްވާ, އިސްރާއީލުގެ ޖާސޫސީ ކުންފުނިކަމަށްވާ މޮސާޑުގެ ބައެއް ޓެކްނޮލޮޖީތައް އަރަބި ބައެއް ގައުމުތަކަށް ވިއްކުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ކުންފުނިތައްކަންވެސް ފާހަގަ ކޮށްލެވެއެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑަކީ ސިއްރިއާތުގައި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ޓެރަރިސްޓު އޮޕްރޭޝަނެއް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ނުރައްކާތެރި އޭޖެންސީއެކެވެ. އެ އޭޖެންސީގެ އެންމެ އިސް ވާޖިބަކަށް ހަދާފައި އޮންނަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ފަރާތްތައް ޝަހީދުކުރުމުގެ އިތުރުން އިސްރާއީލާއި ދެކޮޅު ގައުމުތަކުގައި ޓެރަރިސްޓް އޮޕްރޭޝަންތައް ހިންގުމެވެ.
އިސްރާއީލާއެކީ ސިއްރު ގުޅުންތައް ބާއްވަމުންދާ ޔޫއެސްޖީ ކުންފުނިން ރާއްޖޭގައި އިންވެސްޓު ކުރުމަށް މިހާރު ތައްޔާރުވަމުންދަނީ ޑްރޯން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. މުޅި ދުނިޔޭގައިވެސް އެންމެ ކުރިއަރާފައިވާ ޑްރޯން ޓެކްނޮލިޖީ މިހާރު ހުރީ އިސްރާއީލު އަތުގައެވެ.
އެ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އެގައުމުން އެންމެ ފުޅާ ދާއިރާއެއްގައި މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކަކީ, ހަމާސްގެ އިސް ލީޑަރުންތައް ޝަހީދު ކުރުމެވެ. އެގޮތުން ފާއިތުވި ޖެނުއަރީމަހުގެ 3 ވަނަ ދުވަހު ބެއިރޫތުގައި ހުންނަ ހަމާސްގެ އޮފީހަށް އިސްރާއިލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހް އަލް އަރޫރީ ހިމެނޭއިރު އޭނާ ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައެވެ.
އަދި އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެތައް ބަޔަކު ޝަހީދުކުރަމުންދަނީވެސް ޑްރޯންތައް ބޭނުންކޮށްގެންކަން ފާހަގަ ކޮށްލެވެއެވެ.