ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅި ޝަކުވާތަކަކަށްފަހު، ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކެއް ކަމަށްބުނެ ކުރުސީ، ދިޔަވަރު އަދި ދޮންއަމާއަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ން ބުނެފި އެވެ.
އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި ތިން ވެބްސައިޓާ ގުޅޭ ގޮތުން އެ އޮފީހަށް ވަރަށް ގިނަ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ ވެބްސައިޓުތަކާ ދެކޮޅަށް ޖުމުލަ 16 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އަށް މައްސަލައަކީ ރައީސް އޮފީހުން ހުށަހެޅި މައްސަލަތަކެއްކަމަށްވެސް މި ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން ބައެއް މިނިސްޓްރީތަކުން ހުށަހެޅި މައްސަލަތައް ވެސް ހިމެނެ އެވެ.
"މަތީގައި ދެނެންވުނު ވެބްސައިޓްތަކާ ގުޅޭ ގޮތުން މި ކައުންސިލަށް ލިބިފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން މިހާތަނަށް ވަނީ ފާހަގަ ކުރެވިފަ. އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް މި ކައުންސިލްގެ ނިންމުންތައް އާންމު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން
އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުރުސީ އާއި ދިޔަވަރުއަކީ މީގެ ކުރިން ސަރުކާރުން ބްލޮކްކޮށްފައިވާ ދެ ވެބްސައިޓެވެ. ނަމަވެސް އާންމުންނާއި ބައެއް ޖަމިއްޔާތަކުން ކުރިމަތި ކުރުވި ޕްރެޝަރުތަކާއެކު އެ ދެ ނޫސް އަންބްލޮކް ކުރީ އެވެ.
އެމްއެމްސީން ބުނީ، ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބެލޭނެ ހަރުދަނާ އުސޫލެއް އެކުލަވާލުމަށް އެ ކައުންސިލުން ނިންމާލާފައިވާ ކަމަށެވެ.
މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް މި ކައުންސިލްގެ ގިނަ މެންބަރުން ދެކޭ. އެހެންވެ ކައުންސިލުން ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި، ކަމާ ގުޅޭ އުސޫލެއް ހަދަން ކައުންސިލުގެ ޖަލްސާއިން، ފާސް ކޮށްފަ.
އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެމްއެމްސީން ބުނީ ދޮގު ނުފެތުރުމަށް އެ ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ. އަދި ދޮގު ހަދަމުންދާ ނަމަ އެ ބަޔަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ބޭނުން ހިފާއިރު އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖްތަމައު ތެރޭ ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަކީ މި ކައުންސިލުން ކުރާ އިލްތިމާސެއް. އަދި މިފަދަ ކަންކަން ތަކުރާރުކޮށް ކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުތަކާ އަދި ހެދިފައި ހުރި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ދަންނަވަން.
އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ދިޔަވަރު އޮންލައިން"އިން މިހާތަނަށް ފޯރުކޮށް ދީފައިވާ ހުރިހާ މައުލޫމާތަކީވެސް ހަގީގީ މައުލޫމާތުތަކުގެ މައްޗަށް ބަރޯސާކޮށް ގެނެސްދީފައި ޚަބަރާއި މައުލޫމާތު ކަމުގައި ދަންނަވަމެވެ.
އަދި ގާނޫނު އަސާސީން ފޯރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ރާވަމުންދާ މި ޖަރާިމާތައް ހުއްޓުވުމަށް މީޑިއާ ކައުންސިލްއަށާއި އަދި އެދޫންވެސް އެހެން ޖަމިއްޔާތަކަށް މިނޫހުން އިލްތިމާސް ކުރަމެވެ.