ރައީސް އޮފީހުން، ދިޔަވަރު ނޫހަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ދަނީ ޗައިނާ ސަރުކާރުން އަންގައިގެން ކަމަށާއި، މައްސަލައަކީ ޗައިނާގެ ދެ މަނަވަރެއް ރާއްޖޭގެ ދެފަރާތުގައި އޮވެގެން، ރާއްޖޭގެ އީއީޒެޑް ކައިރި ސްކޭން ކޮށް، މެޕް ކުރަމުން ދާ ވާހަކަ ދިވެހި ރައްޔިތުންގެ ސަމާލު ކަމަށް ގެނެސްގައިވާތީ ކަމަށް ރައީސް އޮފީހުން މިކަމާއި ގުޅިގެން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ.
ރައީސް އޮފީހުން ހޭޔަންބޯ ހަލީލް އިސްވެ ހުންނަވައިގެން ދިޔަވަރު ނޫހަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ދެވަނަ ސަބަބަކީ ޗައިނާގައި ދިރިއުޅެމުންދާ އެތައް މިލިއަން މުސްލިމުންނެއް ޖަލުގައި ބައިތިއްބައިގެން، އެ ކޭމްޕް ތަކުގައި އެތައް ބަޔަކު އަބަދަށް ވާނުވާނޭނގި ގެއްލި، ރީ-އެޑިޔުކޭޝަންގެ ނަމުގައި އެމީހުން އިސްލާމް ދީން ދޫކުރުމަށް މަޖުބޫރު ކުރާ ވާހަކަ ގެނެސް ދިނުމެވެ.
ދިޔަވަރު ނޫހުން ގެނެސް ދީފައިވާ، މިފަދަ ކޮންމެ ލިޔުމަކީ އދ. ވެބްސައިޓުން އަދި އަލްޖަޒީރާއިން ނަގާފައިވާ ލިޔުންތައް ކަމަށާއި، ދިޔަވަރު ނޫހުން ހަމަ އެކަނި ކޮށްފައިވާ ކަމަކީ އދ. އިން ލިޔެ، ޕަބްލިޝް ކޮށްފައިވާ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުން ކަން ދިވެހި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި ދަންނަވަމެވެ. އަލްޖަޒީރާ ނޫހުން ނަގާފައިވަނީ އެންމެ ލިޔުމެއް ކަން ވެސް މިވަގުތުގައި ފާހަގަ ކޮށްލަމެވެ. އަލްޖަޒީރާ ނޫހަކީ މުއިއްޒުގެ ސަރުކާރުން އިތުބާރު ކުރައްވާ، އަމިއްލަފުޅަށް މުއިއްޒު އިންޓަވިއު ދެއްވާފައިވާ ނޫހެއް ކަމުން، އެ ނޫހުން ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާ އާއި މެދު ހަޤީގަތާއި ޚިލާފު އެއްވެސް ވާހަކަ އެއް ދައްކާނެ ކަމަކަށް ނުބެލެވެއެވެ.
އެހެން ކަމުން، އިސްލާމުންނަށް ކުރަމުން ދާ އަނިޔާތައް ރައްޔިތުންނާއި ހަމަ އަށް ގެނެސްދީ، ރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަމަށް އެއިން އަސަރު ކުރާހެން އެސްއީޒެޑް މަތީ ޗައިނާގެ މަނަވަރުން ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ ގެނައުމަކީ، އެކަމާއި ޗައިނާ ސަރުކާރުން ހިތްހަމަ ނުޖެހި، މިވަގުތު ޗައިނާގެ.ބާރުގެ ދަށުގައިވާ، ކުޑަކުޑަ ދިވެހިރާއްޖޭގައި ހިނގާ އާދައިގެ ނޫހަކަށް ކުރިމަތި ލާން ޖެހުނު ބޮޑު ގޮންޖެހުމެކެވެ. އަދި ދިޔަވަރު ނޫހަށް ފިޔަވަޅު އެޅުމަށް، ނިންމާފައިވަނީ، ކޮމިއުނިސްޓް ޗައިނާއިން އެ ޤައުމުގެ ނޫސްތަކާއި މެދު ފިޔަވަޅު އަޅައި އުސޫލުން، ބާރާއި ބޭއިންސާފުންނެވެ.