ޚަބަރު

ޗައިނާއާ ސޮއިކުރި މިލިޓަރީ އަދި އިގުތިސޯދީ އެެއްބަސްވުންތައް ސިއްރުކޮށްފި! މިއީ އެއްބަސްވުންތައް ހާމަ ނުކޮށްގެން އިސްތިޤްލާލާއި، މިނިވަންކަން ގެއްލިފައިވާކަމަށް ބުނެ ފިތުނަ އާއި ދޮގު ފެތުރި މުއިއްޒުގެ ފެންވަރު!

ދިޔަވަރު
ޗައިނާއާ ސޮއިކުރި މިލިޓަރީ އަދި އިގުތިސޯދީ އެެއްބަސްވުންތައް ސިއްރުކޮށްފި! މިއީ އެއްބަސްވުންތައް ހާމަ ނުކޮށްގެން އިސްތިޤްލާލާއި، މިނިވަންކަން ގެއްލިފައިވާކަމަށް ބުނެ ފިތުނަ އާއި ދޮގު ފެތުރި މުއިއްޒުގެ ފެންވަރު!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވަފުދެއް މިދިޔަ މަހުގެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ގައުމާ އެކު ސޮއިކުރި 20 އެއްބަސްވުމުގެ ތެރެއިން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ސޮއި ކުރި ހުރިހާ އެއްބަސްވުމެއް ސިއްރު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ޗައިނާއާއެކު ސޮއިކުރީ ހަތަރު އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ހަތަރު އެއްބަސްވުމުގެ ތަފުސީލު ވަކި ވަކިން ހޯދުމަށް "އަދަދު" އިން އެދުމުން މިނިސްޓްރީން ވަނީ އެ ތަފުސީލުތައް ދިނުމަށް ދެކޮޅު ހަދާފަ އެވެ.

ވަކިވަކިން ހުށަހެޅި ހަތަރު ހުށަހެޅުމަށް ވެސް މިނިސްޓްރީން އިޖާބަ ދީފައި ނުވަނީ އެ ގާނޫނުގެ 31 ވަނަ މާއްދާއާ ހަވާލު ދިނުމަށް ފަހު އެވެ. އެއީ ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސް އެޅޭ ކަމަށް ބުނެ އެވެ.

މި ނިންމުން ރިވިއު ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ ރިވިއު ކޮމިޓީއަށް މިހާރު ވާނީ ހުށަހަޅާފަ އެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ސޮއިކުރި ހަތަރު އެއްބަސްވުން ސިއްރުކުރި އިރު، ރައީސްގެ ދަތުރުގެ ތެރެއިން ޗައިނާއިން ވެސް ވަނީ ރާއްޖެ އާއެކު ސޮއިކުރި 20 އެއްބަސްވުމުގެ އަގާއި ތަފުސީލު ހާމަ ކުރަން ދެކޮޅުހަދާފަ އެވެ.

"ދިވެހިރާއްޖޭގެ ރައީސް ޗައިނާއަށް ކުރައްވާ ދަތުރާ ގުޅޭ ގޮތުން ޝައުގުވެރިކަން ފާޅުކުރުމުން އެކަން ބަލައިގަންނަން. [އެއްބަސްވުންތަކާ ގުޅޭ] މައުލޫމާތު ކަރުދާހެއް ވާނީ ހާމަކޮށްފަ. އިތުރު މައުލޫމާތެއް މިވަގުތު ދެވޭކަށް ނެތް،" ނިއުސް އެޖެންސީ އޭއެފްޕީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްްޓްރީގެ ތަރުޖަމާނު މާއޯ ނިންގް، ޖެނުއަރީ 12، 2024 ގައި ވިދާޅުވި އެވެ.

ޗައިނާއިން މި އެއްބަސްވުންތަކުގެ ތަފުސީލު ހާމަނުކުރި ނަމަވެސް، ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ޗައިނާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމަށް ވަކި ތާރީހެއް ދީފައެއް ނުވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ސިއްރުކުރި ހަތަރު އެއްބަސްވުމަކީ:

މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕޮލިސީ
މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ސްޓްރެންތްނިން ޑިޖިޓަލް އިކޮނޮމީ ކޯޕަރޭޝަން
މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޖޮއިންޓްލީ އެކްސެލެރޭޓިން ދަ ފޯމިއުލޭޝަން އޮފް ދަ ކޯޕަރޭޝަން ޕްލޭން އޮން ދަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް
މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޕްރޮމޯޓިން އިންވެސްޓްމަންޓް ކޯޕަރޭޝަން އިން ގްރީން ޑިވެލޮޕްމެންޓް