ރާއްޖޭގެ 8 ބޭންކަކުން، މުއިއްޒުގެ ސަރުކާރަށް ފައިސާ ދެމުން ދެމުން ގޮސް، މިހާރު އެ ބޭންކްތަކުން އެއް ޤައުމަކަށް ނުވަތަ، އެއްބަޔަކަށް ދެވެން އޮތް ވަރު ހަމަވެފައިވާ ކަމަށް އައިއެމްއެފް އިން ޖެނުއަރީ 19 ގައި ރާއްޖެ އާއި ބެހޭ ގޮތުން ޝާއިޢު ކުރި ރިޕޯޓްގައި ހާމަ ކޮށްފިއެވެ. މި ގޮތަށް މި ރިޕޯޓް އެކުލަވާލާފައި ވަނީ، އައިއެމްއެފް އިން ރާއްޖެއައިސް، ރާއްޖޭގެ ހާލަތު ބެލުމަށް ކޮށްފައިވާ ދިރާސާ މަސައްކަތުގެ އަލީގައެވެ.
ވަކި ފަރާތަކަށް މާގިނަ ފައިސާ ބޭންކަކުން ދިނުމަކީ ބޭންކުގެ ފައިނޭންޝިއަލް ނުރައްކާ (ރިސްކް) އިތުރުވާ ކަމެކެވެ. މިކަމާއި ގުޅިގެން ބީއެމްއެލްއިން ވަނީ މިވަގުތު ލުއިލޯނުތައް އާންމު ފަރުދުންނަށް ދޭން ނިންމާފައެވެ. އޭރުން ބޭންކަށް އޮތް ރިސްކު ގިނަ ފަރާތްތަކަށް ބެހި، އޮޑިޓް ކުރުމުގައި ނުރައްކާ ކުޑަކުރެވިފައިވާކަމަށް (ރިސްކް މިޓިގޭޓް) ކުރެވިފައި ވާކަމަށް ދެއްކޭނެއެވެ.
މީގެ އިތުރުން، ބޭންކުން ލޯނު ދިނުމުގައި ސަރުކާރުގެ އިތުރަށް، ވަކި ބަޔަކު މުއްސަނދި ކުރަން ލޯނު ދޭ ދިނުން، ފޮރުވައި، ގަވާއިދަށް ފެތޭހެން ގިނަ ބަޔަކަށް ލޯނު ދީފައިވާ ކަމަށް ދެއްކޭނެއެވެ.
މި ލުއި ލޯނުތައް ވަކި ލިމިޓެއްގެ ތެރޭގައި ނުބަހައްޓައި، ބޭންކުގެ މޫނު މަތި ރީތި ކުރުމަށް، އާންމު ރައްޔިތުންނަށް އެތައް މިލިއަން، ނުވަތަ ބިލިއަން ރުފިޔާއެއް ދީފިނަމަ، މީގެ އަސަރު ޑޮލަރު ލިބުމަށް އިތުރަށް ކޮށް، ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދާނެއެވެ. މިއީ ފައިސާ ޗާޕް ކުރުމަށްވުރެ، މާ ނުރައްކާތެރި ކަމެކެވެ.
އަނެއް ކޮޅުން، ބީއެމްއެލްއިން މި ލޯނުތައް ނުދީފިނަމަ، ބޭރުން ބީއެމްއެލް އަށް ލޯނު ހޯދުމަށް ދަތިވެދާނެއެވެ. އެހެންކަމުން އިޤްތިޞާދީ ގޮތުން ހަމަހަމަ ހިސާބަކަށް ޤައުމު ގެނައުމުގެ ދައުރު ކުޅެން ޖެހޭނީ ސަރުކާރަށެވެ. ސަރުކާރުން މި ދައުރެއް އަދާ ނުކުރެއެވެ. މި ސަރުކާރުން މިކަމަށް ފަރުވާލެއް ނެތެވެ. ރާއްޖެ އަށް އިޤްތިޞާދީ ބޮޑު ނިކަމެތިކަމެއް، ކުރިމަތިވުމަށް، ދިމާވާން ހުރި ހުރިހާ ދޮރެއް މުއިއްޒުގެ ސަރުކާރުން ދަނީ މިހާރު ހުޅުވަމުންނެވެ.
އައިއެމްއެފް ރިޕޯޓްގައި ސަރުކާރުގެ މާލީ ހަލާތާއި މެދު، މިނޫނަސް ކަންބޮޑުވާ ގިނަ ކަންކަން އެބަހުއްޓެވެ. އެކަންކަމަށް އަލި އަޅުވާލައި، ފަހަރަކު ކަމެއް ކިޔުން ތެރިންގެ ސަމާލުކަމަށް ގެނެސް ދޭނަމަވެ. ރާއްޖެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ހީނަރު ކަމަކީ ކުރިއަށް އޮތް 05 އަހަރުތެރޭގައި އަރާގަނެވޭނެ ނިކަމެތި ކަމަކަށްވުރެ ބޮޑު ކަމެކެވެ.