ޚަބަރު

އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން އުފައްދާފައިވާ ޑްރޯންތައް, ޔޫއޭއީގެ ޔޫއެސްޖީ ކުންފުނި މެދުވެރިކޮށް ރާއްޖެ އެތެރެކުރަނީ, މިއީ ހަމާސްގެ ލީޑަރުން ޝަހީދުކުރުމަށް އިސްރާއީލުން ބޭނުން ކުރަމުންދާ ޑްރޯން ޓެކްނޮލޮޖީ!

ދިޔަވަރު
އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން އުފައްދާފައިވާ ޑްރޯންތައް, ޔޫއޭއީގެ ޔޫއެސްޖީ ކުންފުނި މެދުވެރިކޮށް ރާއްޖެ އެތެރެކުރަނީ, މިއީ ހަމާސްގެ ލީޑަރުން ޝަހީދުކުރުމަށް އިސްރާއީލުން ބޭނުން ކުރަމުންދާ ޑްރޯން ޓެކްނޮލޮޖީ!

ޑޯރޯން ޓްރާސްޕޮޓޭޝަން ސިސްޓަމް އަދި ޑްރޯން އޮޕަރޭޓިން މެނޭޖްމަންޓް ސިސްޓަމް [ނުވަަތަ] ޔޫޓީއެމްގެ ނަމުގައި, އިސްރާއީލުން އުފައްދާފައިވާ އަސްކަރީ ޑްރޯން ރާއްޖޭގެ އެމްއެންޑީއެފްއަށް, ޔޫއޭއީގެ ޔޫއެސްޖީ ކުންފުނި މެދުވެރިކޮށް ދިވެހި ސަރުކާރުން ގަތުމަށް މަސައްކަތް ކުރަމުންދާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓުގެ ބޭނުން ކުރުން ހުއްޓާލުމަށްފަހު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން މިހާރު މިސަރުކާރުގައި ނެތްކަމަށް އެންމެ ފަހުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި އެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ވަރަށް އަވަހަށް އެމްއެންޑީއެފްއަށް ލިބިގެންދާނެ ކަމުގައެވެ.

އެގޮތުން ފާއިތުވެދިޔަ ތަނުގައި ސާވައިލަންސް ހެދުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތައް އެމްއެންޑިއެފްއަށް ގަތުމަށް ސަރުކާރުންވަނީ ތުރުކީގެ ކުންފުނިތަކާވެސް ވާހަކަ ދައްކާފައެވެ.

އެހެންނަމަވެސް, ރައީސް މުއިއްޒު އެންމެ ފަހުން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި, އިސްރާއީލާއެކީ އަޑިނޭގޭ ގުޅުމެއް ބައްވަމުން އަންނަ ނުރައްކާތެރި ކުންފުންޏެއް ކަމަށްވާ, ޔޫއޭއީގެ ޔޫއެސްޖީ ކުންފުނިން ރާއްޖޭގައި އިންވެސްޓު ކުރުމަށް މުއިއްޒު ވަނީ ފުރުސަތު ދެއްވާފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫއެސްޖީ ކުންފުނި މެދުވެރިކޮށް, ދިވެހި އަސްކަރިއްޔާއިން އިސްރާއީލުގެ ޑްރޯކް ޓެކްނޮލޮނީ ރާއްޖެ އެތެރެކުރުމަށް މަސައްކަތް ކުރަމުންދާއިރު, މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ޑްރޯންތަކުގެ ބޭނުންކޮށްގެން, ޑްރޯން އޮޕަރޭޓިން މެނޭޖްމަންޓް ސިސްޓަމްއެއްވެސް ރާއްޖޭގައި ޔޫއެސްޖީ ކުންފުނިން ގާއިމް ކުރާނެއެވެ.

އިސްރާއީލާއެކީ ވިޔަފާރީގެ ގުޅުންތައް ބާއްވަމުންދަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ކުންފުނިތަކުންނެވެ. އަދި މިފަދަ ބައެއް ކުންފުނިތަކަކީ އަރަބި ގައުމުތަކާއި ގާތް ގުޅުންތައް ބާއްވާ, އިސްރާއީލުގެ ޖާސޫސީ ކުންފުނިކަމަށްވާ މޮސާޑުގެ ބައެއް ޓެކްނޮލޮޖީތައް އަރަބި ބައެއް ގައުމުތަކަށް ވިއްކުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ކުންފުނިތައްކަންވެސް ފާހަގަ ކޮށްލެވެއެވެ.

އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑަކީ ސިއްރިއާތުގައި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ޓެރަރިސްޓު އޮޕްރޭޝަނެއް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ނުރައްކާތެރި އޭޖެންސީއެކެވެ. އެ އޭޖެންސީގެ އެންމެ އިސް ވާޖިބަކަށް ހަދާފައި އޮންނަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ފަރާތްތައް ޝަހީދުކުރުމުގެ އިތުރުން އިސްރާއީލާއި ދެކޮޅު ގައުމުތަކުގައި ޓެރަރިސްޓް އޮޕްރޭޝަންތައް ހިންގުމެވެ.

އިސްރާއީލާއެކީ ސިއްރު ގުޅުންތައް ބާއްވަމުންދާ ޔޫއެސްޖީ ކުންފުނިން ރާއްޖޭގައި އިންވެސްޓު ކުރުމަށް މިހާރު ތައްޔާރުވަމުންދަނީ ޑްރޯން ޓެކްނޮލޮޖީގެ ދާއިރާއިން ކަމަށްވާއިރު, މުޅި ދުނިޔޭގައިވެސް އެންމެ ކުރިއަރާފައިވާ ޑްރޯން ޓެކްނޮލިޖީ މިހާރު ހުރީ އިސްރާއީލު އަތުގައެވެ.

އެ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އެގައުމުން އެންމެ ފުޅާ ދާއިރާއެއްގައި މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކަކީ, ހަމާސްގެ އިސް ލީޑަރުންތައް ޝަހީދު ކުރުމެވެ. އެގޮތުން ފާއިތުވި ޖެނުއަރީމަހުގެ 3 ވަނަ ދުވަހު ބެއިރޫތުގައި ހުންނަ ހަމާސްގެ އޮފީހަށް އިސްރާއިލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހް އަލް އަރޫރީ ހިމެނޭއިރު އޭނާ ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައެވެ.

އަދި އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެތައް ބަޔަކު ޝަހީދުކުރަމުންދަނީވެސް ޑްރޯންތައް ބޭނުންކޮށްގެންކަން ފާހަގަ ކޮށްލެވެއެވެ.

މިކުންފުނިން މިހާރު ހާމަކުރާ ގޮތުގައި ރައީސް ސާލިހުގެ ވެރިކަމުގަވެސް, ޓެކްނޮލިޖީގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓު ކުރުމަށް އެކުންފުނިން ހުށަހެޅިއެވެ. އެހެންނަމަވެސް އެކުންފުންމަކީ އިސްރާއީލާ ސިއްރު ގުޅުންތަކެއް އޮންނަ, އަދި އިސްރާއީލުގެ ޓެކްނޮލިޖީތައް ދުނިޔެއަށް ވިއްކުމަށް މަސައްކަތްކުރާ ކުންފުންޏެއްކަން ޔަގީންވި ހިސާބުން ރައީސް ސާލިހުގެ ސަރުކާރުން އެކުންފުންޏާއެކު ވާހަކަދެއްކުންވަނީ ހުއްޓާލާފައެވެ.