ރައްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, މިހާލަތުން އަރައިގަތުން އައިއެމްއެފްގެ "ބޭންކްރަޕްޓް ޕްރޮގްރާމް"އަށް ރާއްޖެއިން ވަނުމަށް ނިންމާފައިވާއިރު, ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް, ރައީސް މުއިއްޒު އަންގަވައިގެން ހުރިހާ ވަޒީރުން ރޭ ދަންވަރު އާ ރަށަށް ވަޑައިގެންވިއެވެ.
އައިއެމްފްގެ "ބޭންކްރަޕްޓް ޕްރޮގްރާމް" އަކީ ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ކާރިސާތައް ކުރިމަތިވުމުން, ކާރިސާތަކުން އަރައިގަތުމަށް, މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް (ބެއިލް އައުޓް ކުރުމަށް) ހަމަޖައްސާފައި އޮންނަ ޕްރޮގްރާމްއެކެވެ.
ގައުމުތަކަށް ކުރިމަތިވާ މާލީ ކާރިސާތަކުގައި އެހީތެރި ވެދިނުމުގެ ގޮތުން އައިއެމްފްއިން މާލީ އެހީތެރިކަން ގައުމުތަކަށް ފޯރުކޮށްދޭއިރު, އެ ހާލަތުގައި އައިއެމްއެފްގެ މާލީ އެހީތެރިކަން ލިބެނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ވަަރަށް ހަރުކަށި އިގްތިސާދީ ފިޔަވަޅުތައް އެޅުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އެއްބަސް ވުމުންނެވެ.
އޭގެ ތެރޭގައި ސަބްސިޑީތައް ކަނޑާލުމާއި، ރިކަރަންޓް ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމާއި، ވަޒީފާތަކުގެ އަދަދު އިތުރު ނުކުރުމާއި، ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުން ހުއްޓާލުންފަދަ ފިޔަވަޅުތައްވެސް ހިމެނެއެވެ. އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް އެ ފިޔަވަޅުތައް ހިމެނޭ އައިއެމްއެފްގެ ޕްރޮގްރާމަށް ދިއުމަށް އެގައުމަށް މަޖުބޫރު ވިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މުއިއްޒު އަންގަވައިގެން އާރަށް ހުރިހާ ވަޒީރުން ވަޑައިގަތުމަށް އެންގެވީ ނައިބު ރައީސް ސެމްބެއެވެ.
އަދި ގިނަ ވަޒީރުން ރޭ އާރަށަށް ވަޑައިގަތުމަށް ރައީސް އޮފީސް ކުރިމަތީ ޖެޓީން ފުރާވަޑައިގަތި ރޭ 12:42 ހާއިރުއެވެ. އަދި ރައީސް މުއިއްޒުވެސް މިއަދު ވަރަށް ހެނދުނާ އާރަށަށް ވަޑައިގެންފައިވާކަންވެސް "ދިޔަވަރު އޮންލައިން"އަށް ވަނީ ކަށަވަރު ކުރެއްވިފައެވެ.
ރަައީސް މުއިއްޒުއާއި ކެބިނެޓް ވަޒީރުން ކުއްލި ގޮތަކަށް މިއަދު އާރަށަށް ވަޑައިގެންފައިވާއިރު, ރާއްޖެއިން ބޭރުން ބަޖެޓް ސަޕޯޓަށް އެހީވާނެ އެއްވެސް ޤައުމެއް ނުލިބިގެން، ރާއްޖެ ބަނގުރޫޓުވެގެން، އައިއެމްއެފް އިން ޤައުމުތައް ބޭންކްރަޕްޓް ވުމުން ދޭ އެހީގެ ޕެކޭޗް ނަގައި، އައިއެމްއެފްގެ ޕްރޮގްރާމަށް ރާއްޖެ ވަދެއްޖެއެވެ. އައިއެމްއެފް ޕްރޮގްރާމަށް ވަނުމާއި އެކު ކުރިއަށް އޮތީ ތަދު، ނިކަމެތި، ބިރުވެރި ދުވަސްތަކެކެވެ. ސަރުކާރުން އައިއެމްއެފް ޕްރޮގްރާމަށް ވަންނަން މިހާރު ދަނީ، ބޭނުންވާ އެހީގެ ޕެކޭޗް ފައިނަލް ކުރަމުންނެވެ.
އައިއެމްއެފްގެ ބޭންކްރަޕްޓް ޕްރޮގްރާމްގައި ބައިވެރި ވުމުން، ޚަރަދު ކުޑަކުރުމަށް ވަކި ކަންކަން ތަކެއް ސަރުކާރުގެ މައްޗަށް ކުރުން ލާޒިމް ވާނެއެވެ. މިކަންކަން ނުކުރާނަމަ، ސަރުކާރުން، އައިއެމްއެފްގެ ޕްރޮގްރާމަށް އިޚްތިރާމް ނުކުރާކަމަށް ބަލައި އެ ޕްރޮގްރާމުން ރާއްޖެ ބޭރު ކޮށްލާނެއެވެ.
ސަރުކާރުން އައިއެމްއެފްގެ ޕެކޭޖް ނަގަން ޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ. ރާއްޖޭގެ ފޮރިން ޕޮލިސީގެ ސަބަބުން ދުނިޔޭގެ އެއްވެސް ޤައުމަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ނުވެއެވެ. އެންމެ ބޮޑަށް ރާއްޖެއަށް އެހީތެރިވެދޭ ޤައުމާއި އާއި، ވެރިކަމަށް އައުމަށްޓަކައި، އިންޑިޔާ އާއި މެދު ދޮގު ވާހަކަ ފަތުރައި އިންޑިޔާ ބަދުނާމުކޮށް، ގުޅުން ކަނޑާލުމުން އެ ޤައުމުން ރާއްޖެއަށް އެހީތެރި ވުމުގެ ޝައުގެއް ނެތެވެ. މެދުއިރުމަތީގެ ޤައުމުތަކުން މިހާތަނަށް ސަރުކާރަށް އެއްވެސް ބަޖެޓް ސަޕޯޓެއް ދޭން ބޭނުން ނުވެއެވެ. ދިނަސް ސަރުކާރުގެ އާންމު ހާލަތު ބަދަލުވާނެ މިންވަރެއްގެ އެހީއެއް ނުލިބޭނެއެވެ. ދުނިޔެ ހަނގުރާމައެއްގައި އޮތް އިރު، މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ރުންކުރު، ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް އެހީ ވުމަށް އެއްވެސް ޤައުމެއްގެ ޝައުގެއް މިވަގުތު ނެތެވެ.
ސަރުކާރު ބަނގުރޫޓުވުމުން، އައިއެމްއެފް އިން، އެ ޤައުމެއް އަލުން އަނބުރައި އަރައި ގަތުމަށް ދޭ ލޯނު އެހީގެ ޕްރޮގްރާމުގައި ރާއްޖެއަށް ލާޒިމް ކުރާ ކަންތައްތައް:
ރާއްޖެއާއި، އައިއެމްއެފް އާއި، މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިހާތަނަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ތިރީގައި ހިމަނާލާނަމެވެ.
- އާސަންދައިގެ ޚިދުމަތް ދޭ މިންގަނޑު ބަދަލުކޮށް އެންމެންނަށް އާސަންދަ ނުދިނުން.
- ސިވިލް ސާވަންޓުންނާއި، ސަރުކާރު މުއައްޒަފުންގެ މުސާރަ ކުޑަކުރުން.
- އާ ޕްރޮޖެކްޓަތައް ސަރުކާރުގެ ޚަރަދުގައި ނުފެށުން.
- ސަރުކާރުން ރައްޔިތުންގެ އަތުން އާ ޓެކްސް އެއް ނަގަން ފެށުން
- ތެލާއި ޕޭޓްރޯލަށް ސަރުކާރުން ދެމުންދާ ސަބްސިޑީ ކަނޑާލުން
- ކަރަންޓުން ނަގާ ސަބްސަޑީ ކަނޑާލުން (ކަރަންޓްގެ ރޭޓްތައް ބޮޑު ކުރުން)
- ރައްޔިތުން އަތުން، ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް އިތުރު ފީއެއް ނެގުން
- ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުން (ސަބްސިޑީ ކަނޑާލުން)
- ބައެއް ސަރުކާރު ކުންފުނިތައް އުވާލުން
- މަޖިލީހުގެ އިންތިހާބުގެ ކުރިން ދީފައިވާ ބައެއް ސިޔާސީ މަގާމުތައް އުވާލުން
މީގެ އިތުރުން، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރާއްޖޭގެ %70 މީހުން ބައިނަލްއަޤްވާމީ ގޮތުން ފަގީރުންނަށް ވެގެން ދާނެއެވެ. ކާބޯތަކެތި ހޯދުމަކީ ދަތި ކަމަކަށް ވެގެން ދާނެއެވެ.
ޑޮލަރުގެ އަގަށް ބަދަލު އަންނަން ޖެހޭކަމަށް، އައިއެމްއެފްގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ. އެހެންކަމުން، ޑޮލަރުގެ އަގު 25-30 ރުފިޔާއަށް އަރާނެއެވެ. ދިވެހިރުފިޔާގެ އަގު ވެއްޓިގެން ދާނެއެވެ.
މިހުރިހާ ކަމެއް ކުރާ މަތިން، ސަރުކާރަށް 700-900 މިލިއަން ޑޮލަރުގެ ލޯނެއް އައިއެމްއެފް އިން ރާއްޖެއަށް ދޭނެއެވެ. މި ލޯނުގެ އަދަދު ސަރުކާރުން ދަނީ މިހާރު އައިއެމްއެފް އާއި އެކު މަޝްވަރާ ކުރަމުންނެވެ.
އައިއެމްއެފްގެ ޕްރޮގްރާމަށް ރާއްޖެ ވަނުމުން، މުޅި އިޤްތިޞާދު ބަންދުވެގެން ދާނެއެވެ. އަދި ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް ހުއްޓިގެންދާނެއެވެ. އައިއެމްއެފްގެ ޕްރޮގްރާމަށް ރާއްޖެ ވަނުމުން، ދިމާވާނެ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ފަހަރު ކަމެއް، ތަފްސީލު ކޮށް ދިޔަވަރު ނޫހުން ގެނެސްދޭނަމެވެ. މި ދަތިކަމުން، އާންމު ފަރާތްތައް އަދި ވިޔަފާރިތައްވެސް ސަލާމަތް ނުވާނެއެވެ. އެމްޑީޕީ ސަރުކާރުގައި ކޮވިޑްގެ އާލަމީ ވަބާގައި ޤައުމުގެ އިޤްތިޞާދީ ޚަރަކާތް ހުއްޓިފައި އޮތް އިރުވެސް، ޤައުމު ކުރިއަށް ދިޔައީ ބެންކްރަޕްޓް ނުވެއެވެ.