ޚަބަރު

މާލޭގައި ގެންގުޅުނު ގިނިކާމާދޫނީގެ ފައި ބިންދާލައިފި

ދިޔަވަރު
މާލޭގައި ގެންގުޅުނު ގިނިކާމާދޫނީގެ ފައި ބިންދާލައިފި
މާލެގެ ގެއެއްގައި ގެންގުޅުނު ބޮޑު ގިނިކާމާދޫންޏެއްގެ ފައި ބަޔަކު ބިންދާލައިފި އެވެ. އާންމު މީހަކު މާލޭ ގެއެއްގައި ގެންގުޅެމުންދިޔަ އެ ގިނިކާމާދޫނި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރީ ގޭގައި އެފަދަ ބޮޑު ދޫންޏެއް ގެންގުޅޭތީ ފާޑުކިޔަން ފެށުމުން ނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ދޫނި ބަހައްޓާފައި ހުންނަނީ އާންމުންނަށް ފެންނަ ގޮތަށް ބޮޑު ކޮށްޓެއްގެ ތެރޭގަ އެވެ. އެހެން ނަމަވެސް ކޮށި ތެރެއަށް ވަދެ ރޭގެ ވަގުތެއްގައި ބަޔަކު ވަނީ އެ ގިނިކާމާދޫންޏަށް ހަމަލާދީ އޭގެ ފައި ބިންދާލާފަ އެވެ. އެކަން އެ ދޫނި ގެންގުޅޭ ފަރާތުން ވަނީ ހާމަކޮށްފަ އެވެ. އަދި އެއީ ބަޔަކު ކުރި ވަރަށް ފިނޑި އަމަލެއްކަމަށް އެމީހާ ކުރި ފޭސްބުކު ޕޯސްޓުގައި ލިޔެފައި ވެއެވެ. އޭގެ ވެރިފަރާތުން ބުނެފައިވަނީ މި ދޫނި ބަލާލުމަށްޓަކާ 50 ނުވަތަ 100 ވަރަކަށް ކުޑަކުދިންނާއި ބޮޑެތި މީހުން ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރަމުން ގޮސްފައިވާކަމުގައެވެ. ދޫނީގެ ވެރިފަރާތުން ވަނީ ދޫންޏަށް ފަރުވާކޮށްދެވޭނެ މީހަކު ހުރިނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް 9151199 ނުވަތަ 7644446 ނަންބަރަށް ގުޅުއްވުމަށް ވެސް ދޫނީގެ ވެރިފަރާތުން ވަނީ އެދިފައެވެ. ދޫނީގެ ވެރިފަރާތުން ބުނެފައިވަނީ އެ މައްސަލަ އަދި ފުލުހަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެން އެ އަމަލު ހިންގި މީހުން ހޯދަމުން އަންނަކަމަށް އެމީހާ ވަނީ ބުނެފައެވެ.