ރާއްޖެ ބަނގުރޫޓު ވެފައި ވާތީ، އައިއެމްއެފްއިން ބަނގުރޫޓު ވުމުން ދޭ ޕެކޭޗް ޕްރޮގްރާމަށް ވަނުމުގެ ކުރިން، 1.3 ބިލިއަން ޑޮލަރު ދިނުމަށް އެދި ޗައިނާގައި މުއިއްޒު ދަނީ އާދޭސް ކުރަމުންނެވެ. ނަމަވެސް ޗައިނާއިން މި ފައިސާ ދޭނެ ކަމުގެ ޔަގީން ކަމެއް ދިވެހި ސަރުކާރަކަށް އަދި ދީފައި ނުވެއެވެ. ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން، ރާއްޖެއަށް ފައިސާ ދިނުމުގެ ކުރިން، އިތުރަށް ރާއްޖޭގެ އޮތް މާލީ ހާލަތު ދެނެގަތުމަށް، ޗައިނާއިން ރާއްޖެއަށް ކުރިއަށް އޮތް ހަފްތާ ތެރޭ ޓީމެއް ފޮނުވުމަށް ވަނީ ހަމަ ޖެހިފައެވެ.
ޗައިނާއިން ރާއްޖެއަށް ފައިސާ ދިނުމުގައި ކަންބޮޑުވުން ހުރި ކަންކަން:
ދަރަނީގެ ދެމެހެއްޓެނިވިކަން: ދަރަނީގެ ނުރައްކާ ބޮޑު ގައުމުތަކަށް ލޯނު ދިނުމުގައި ޗައިނާ އިން ދަނީ ވަރަށް ބޮޑަށް ސަމާލުވަމުންނެވެ. ރާއްޖެ އުފުލަންޖެހޭ ދަރަނީ ގެ ބުރަ މިހާރުވެސް ވަރަށް ބޮޑެވެ. މީގެ އިތުރުން ރާއްޖެ އެންމެ ބޮޑަށް ދަރާ އޮތް ޤައުމަކީ ވެސް ޗައިނާއެވެ. މިކަމުގެ ސަބަބުން ޗައިނާގެ ދަރަނީގެ ބުރަ އިތުރަށް ރާއްޖެއަށް ބޮޑުކުރަން ޗައިނާ ފަސްޖެހޭނެއެވެ.
އެތެރޭގެ އިޤްތިޞާދީ ޕްރެޝަރުތައް: ޗައިނާގެ އަމިއްލަ އިޤްތިޞާދަށް މިވަގުތު ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ބޮޑު އިޤްތިޞާދެއް ޗައިނާގައި އޮތަސް، ޗައިނާގެ އިޤްތިޞާދު ކުރިއަރަމުންދާ ނިސްބަތް ވަނީ ސްލޯ ވެފައެވެ. މިއީ، ދުވަސްވަމުންދާ އާބާދީއާއި އެކު އިޤްތިޞާދު ބޮޑުވެ، ތަސައްރަފު ފުދުމުން އައި މަޑު ޖެހުމެކެވެ. އަދި އެމެރިކާއި އެކު އޮތް ގުޅުން ހީނަރުވެ، ވިޔަފާރީގެ ހާސްކަމާއި ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ. ޗައިނާގެ ސަރުކާރުގެ ދަރަންޏާއި، ކުންފުނިތަކުގެ ދަރަނި ހުރީ އިންތިހާއަށް ބޮޑު ކޮށެވެ. މި ދަރަނިތަކުން އަރައިގަތުމަށް، މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަދި ކުންފުނިތަކުގެ ދަރަނިތައް ނުދެއްކެން ފަށައިފި ނަމަ، ޗައިނާ އަށް އިޤްތިޞާދަށް ލޮޅުން އަންނާނެއެވެ. ދެން އޮތީ ޗައިނާގެ ރިއަލްސްޓޭޓް މާކެޓެވެ. މި މާކެޓުން ކޮންސްޓްރަކްޝަނަށް ވަނީ ބޮޑުކޮށް ލޯނު ނަގާފައެވެ. އަދި ހައުސިންގ އަށް އޮތް ޑިމާންޑް ކުޑަވަމުންދާތީ މުޅި ރިއަލްސްޓޭޓް އިންޑަސްޓްރީ މިވަގުތު އޮތީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ޓެކްނޮލަޖީ ގައި، އިތުރަށް ކުރިއަށް ދިޔުމަށް ޗައިނާ އަށް ވަނީ ދަތިވެފައެވެ. އެމެރިކާގެ ނުފޫޒުން ޗައިނާއާއި އެކު ދުނިޔޭގެ ޤައުމުތަކުން ޓެކްނޮލަޖީގެ ގޮތުން ކުރެވެން ހުރި ވިޔަފާރިތައް ވަނީ ބަންދުކޮށް ފައެވެ. މިކަމުގެ ސަބަބުން އާ އީޖާދީ ޓެކްނޮލަޖީއަށް ވާސިލްވުމަށް ޗައިނާއަށް ހުރަސްތައް ހުރެ، އޭގެ އިޤްތިޞާދީ ބުރަކަށް ޗައިނާއަށް ދަނީ މިހާރު އިހްސާސް ކުރެވެމުންނެވެ. މިނޫނާސް އިޖްތިމާޢި ގޮތުން، އިޤްތިޞާދަށް ކުރާ އަސަރުތަކާއި، ފަގީރުންނާއި، މުއްސަނދިންނާއި ދެމެދު އޮތް ފަރަގު ބޮޑެވެ، ޤައުމަށް ހައްލު ގެންނަން ޖެހޭ އިޤްތިޞާދީ ފިޔަވަޅުތައް ޗައިނާގައި ވަނީ ގިނަވެފައެވެ. އެހެންކަމުން، އެހެން ޤައުމުތަކަށް ލޯނު ދިނުމަށްވުރެ، އެތެރޭގެ އިޤްތިޞާދީ ހަމަޖެހުމަށް ޗައިނާ އޮތީ މިވަގުތު އިސްކަންދޭން ޖެހިފައެވެ.
އެތެރޭގެ ގަވާއިދުތައް: ޗައިނާގައި އެގައުމުން އެހެން ޤައުމަކަށް ލޯނު ދިނުމާ ބެހޭ އެތެރޭގެ ގަވާއިދުތައް އޮންނައިރު، އޭގެ ތެރޭގައި ވަކިވަކި ގައުމުކަށް ފައިސާ ދެވޭނެ އެންމެ ބޮޑެ މިންވަރެއް އޮންނަނީ ކަނޑައަޅާފައެވެ. މިއީ ލޯނުގެ ނުރައްކާތައް ހަމަ އަކަށް އެޅުވުމަށް (ރިސްކް މިޓިގޭޓް ކުރުމަށް) ހަދާފައިވާ ޤަވާއިދުތަކެވެ. މި އުސޫލުތައް އޮތް ގޮތުން، ރާއްޖޭގެ ހުރި ދަރަނީގެ ނިސްބަތް ދެނެގަންނާނެއެވެ. މި ގޮތުން، ޗައިނާއަށް ރާއްޖޭގެ ދަރަނީގެ ބޮޑު ނިސްބަތެއް ބަރޯސާވާން ޖެހިފައިވާއިރު، އެހެން ޤައުމުތަކަށް ހުރި ލޯންތަކުގެ ދައުރުވެސް ޗައިނާއިން ބަލާނެއެވެ. އަދި މުއިއްޒު ޚަރަދު ކޮށް، ކުރަމުންދާ އިސްރާފަށް ވެސް ބަލާނެއެވެ.
މިކަންކަމަށް ބަލާއިރު، 1،3 ބިލިއަން ޑޮލަރު ޗައިނައިން ރާއްޖެ ދިނުމާއި މެދު، ފައިނޭންޝިއަލް ސެކްޓާރގައި މަސައްކަތް ކުރާ ފަރާތްތައް ސުވާލު އުފައްދައެވެ. އެހެންކަމުން މުއިއްޒު އަދި ކިތަންމެ އާދޭހެއް ކުރިއަސް، މިއީ ޗައިނާއަށް ކޮށްދޭން ފަސޭހަ ކަމެއް ނޫނެވެ.
ނަމަވެސް، މިހާ ދަތިކަމެއް ޗައިނާއިން ކޮށްދޭ ހިސާބުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި ދިވެހި ފެއްސާއި ހުދާއި ރަތުގެ ދިދަ އޮންނަނީ ޒީ ޗިންޕިން އަތުގައެވެ.