ޚަބަރު

ރިޕޯޓު: އައިއެމްއެފްގެ ހަރުކަށި"ބޭންކްރަޕްސީ ޕްރޮގްރާމަށް" ދާން ރާއްޖެއަށް މަޖުބޫރު ވެއްޖެ, އެ ޕްރޮގްރާމަށް ވަނުމާއެކު, އަތްމަތި ދަތިވެ, މާލީގޮތުން ބޮޑު ނުތަނަވަސް ކަމަކާ ރައްޔިތުންނަށް ކުރިމަތިލާން ޖެހޭނެ!

ދިޔަވަރު
ރިޕޯޓު: އައިއެމްއެފްގެ ހަރުކަށި"ބޭންކްރަޕްސީ ޕްރޮގްރާމަށް" ދާން ރާއްޖެއަށް މަޖުބޫރު ވެއްޖެ, އެ ޕްރޮގްރާމަށް ވަނުމާއެކު, އަތްމަތި ދަތިވެ, މާލީގޮތުން ބޮޑު ނުތަނަވަސް ކަމަކާ ރައްޔިތުންނަށް ކުރިމަތިލާން ޖެހޭނެ!

ރައީސް މުއިއްޒުގެ ވެރިކަން ފެށިގެން އައީ ނުހަނު ފޮނި އުއްމީދުތަކަކާއެކީއެވެ.

މާލީގޮތުން ރައްޔިތުންގެ އަތްމަތި ތަނަވަސް ކޮށްދޭނެކަމުގެ ވައުދުތަކާއި, ދައުލަތުގެ ޚަރަދު ކުޑަކޮށް, ޑޮލަރުގެ ތާށިކަން ފިލުވާ, އަދި ދައުލަތުގެ މުސާރައިގެ އޮނިގަޑުތައް އަލުން މުރާޖައާކޮށް, މުޅި ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކަކީ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިން ހަގީގީ ސަބަބުތަކެވެ.

އެއީ ރައްޔިތުން އެމީހުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް ކުރި އުއްމީދުތަކެވެ. ޖީބުތައް ތަނަވަސް ވެގެންދާނެ ކަމަށް ދެކުނު އާ ހުވަފަންތަކެވެ. ހައްލު ނުކުރެވި ހުރި މާލީ އެތައް މައްސަލަތަކެއް ހައްލު ކޮށްދޭއްވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ހުވަފެންތަކަށް ރައްޔިތުންނަށް ކުރެވުނު އިތުބާރަކީވެސް, ރައްޔިތުން ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ލީ ވޯޓެވެ.

އެހެންނަމަވެސް, މިމަހުގެ 17 ވަނަ ދުވަސް ވެގެންދާނީ ރައީސް ރާއްޖޭގެ ވެރިކަމާއި ހަވާލުވިތާ 3 މަސް ފުރޭ ދުވަހެވެ. އެއީ މާދަމައެވެ. އާދޭހެވެ! ރައީސް މުއިއްޒުގެ ވެރިކަމަށް އެންމެ 3 މަސް ފުރިގެން ދާއިރު, އެމަނިކުފާނު މިވަނީ ކުރީގެ ސަރުކާރުތަކަށް ހެދިފައި ނުވާ ވަރަށް ގިނަ ރެކޯޑްތަކެއް ހައްދަވާފައެވެ.

އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރަކީ އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ސިޔާސީ މަގާމްތައް އުފެއްދި ސަރުކާރެވެ. އަދި މިއީ އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ސިއްރު އެއްބަސްވުންތަކުގައި ސޮއިކޮށް, ބޭރުގައުމެއްގެ އުގަށް ވެއްޓިގަތް ހަމަ އެކަނި ސަރުކާރުވެސް މެއެވެ. ހަމައެއާއެކު ރައީސް މުއިއްޒުގެ ސަރުކާރު ވެގެން ގޮސްފައިވަނީ, އެންމެ 3 މަސްުދުވަހުގެ ތެރޭގައި, އެ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތު ފެއިލްވެ, ބޭރުގެ ބޮޑެތި ބާރުތަކުން ތޮޅޭ ތޮޅުމުގެ ތެރޭގައި ރާއްޖެ ތާށިކޮށް, އިންޑިއާއާއި ޗައިނާ ހަނގުރާމައިގެ ތުންފަތްމައްޗަށް ގެނައި ސަރުކާރު ކަމުގައިވެސްމެއެވެ.

އެހެންނަމަވެސް މިހުރިހާ ރެކޯޑްތަކަށްވުރެވެސް އަދި މާބޮޑު ކަންބޮޑުވުމަކާ, ރައީސް މުއިއްޒުގެ ވެރިކަަމަށް ތިން މަސް ފުރިގެން ދާއިރު ގައުމަށް މިވަނީ ކުރިމަތިލާން ޖެހިފައެވެ. އެއީ މާލީ ގޮތުން ދިވެހިރާއްޖެ ބަނގުރޫޓުވެ, ދުނިޔޭގެ މާލީ އިދާރާތަކުގެ އެހީތެރިކަަމަށް އެދެން މި ކުޑަކުޑަ ދިވެހިރާއްޖެއަށް މަޖުބޫރުވެގެން ދިއުމުގެ ކަންބޮޑުވުމާއި ބިރުވެރިކަމެވެ.

އެގޮތުން ރައްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, މިހާލަތުން އަރައިގަތުން އައިއެމްއެފްގެ ”ބޭންކްރަޕްސީ ޕްރޮގްރާމް“އަށް ރާއްޖެއިން ވަނުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން މިހާރު ދަނީ ރަސްމީކޮށް މި ޕްރޮގްރާމްގެތެރެއަށް ވަނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އައިއެމްފްގެ ”ބޭންކްރަޕްސީ ޕްރޮގްރާމް“ އަކީ ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ކާރިސާތައް ކުރިމަތިވުމުން, ކާރިސާތަކުން އަރައިގަތުމަށް, މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް (ބެއިލް އައުޓް ކުރުމަށް) ހަމަޖައްސާފައި އޮންނަ ޕްރޮގްރާމްއެކެވެ.

ގައުމުތަކަށް ކުރިމަތިވާ މާލީ ކާރިސާތަކުގައި އެހީތެރި ވެދިނުމުގެ ގޮތުން އައިއެމްފްއިން މާލީ އެހީތެރިކަން ގައުމުތަކަށް ފޯރުކޮށްދޭއިރު, އެ ހާލަތުގައި އައިއެމްއެފްގެ މާލީ އެހީތެރިކަން ލިބެނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ވަަރަށް ހަރުކަށި އިގްތިސާދީ ފިޔަވަޅުތައް އެޅުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އެއްބަސް ވުމުންނެވެ.

އޭގެ ތެރޭގައި ސަބްސިޑީތައް ކަނޑާލުމާއި، ރިކަރަންޓް ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމާއި، ވަޒީފާތަކުގެ އަދަދު އިތުރު ނުކުރުމާއި، ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުން ހުއްޓާލުންފަދަ ފިޔަވަޅުތައްވެސް ހިމެނެއެވެ. އޭގެ އިތުރުންވެސް, ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމާއި, ދައުލަތުން ހިލޭ ފޯރުކޮށްދޭ ސިއްޙީ ފަރުވާއަށް ކުރާ ޚަރަދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާން މަޖުބޫރުވުންފަދަ, ރައްޔިތުންގެ އާންމު ހާލަތާއި ގުޅުންހުރި އެތައް ބަދަލުތަކެއް ހިމެނެއެވެ.

އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް, ސަރުކާރުން މިހާރުވެސް ނަގަމުންދާ ޓެކްސްތައް ބޮޑުކުރުންވެސް, އައިއެފްގެ މި ބްރޮގްރާމްގައި ހިމެނުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ގެންނާންޖެހޭ މާލީ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރު ބަނގުރޫޓުވުމުން، އައިއެމްއެފް އިން، އެ ޤައުމެއް އަލުން އަނބުރައި އަރައި ގަތުމަށް ދޭ ލޯނު އެހީގެ ޕްރޮގްރާމުގައި ރާއްޖެއަށް ލާޒިމް ކުރާ ކަންތައްތައް:

ރާއްޖެއާއި، އައިއެމްއެފް އާއި، މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިހާތަނަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ތިރީގައި ހިމަނާލާނަމެވެ.

  • އާސަންދައިގެ ޚިދުމަތް ދޭ މިންގަނޑު ބަދަލުކޮށް އެންމެންނަށް އާސަންދަ ނުދިނުން.
  • ސިވިލް ސާވަންޓުންނާއި، ސަރުކާރު މުއައްޒަފުންގެ މުސާރަ ކުޑަކުރުން.
  • އާ ޕްރޮޖެކްޓަތައް ސަރުކާރުގެ ޚަރަދުގައި ނުފެށުން.
  • ސަރުކާރުން ރައްޔިތުންގެ އަތުން އާ ޓެކްސް އެއް ނަގަން ފެށުން
  • ތެލާއި ޕޭޓްރޯލަށް ސަރުކާރުން ދެމުންދާ ސަބްސިޑީ ކަނޑާލުން
  • ކަރަންޓުން ނަގާ ސަބްސަޑީ ކަނޑާލުން (ކަރަންޓްގެ ރޭޓްތައް ބޮޑު ކުރުން)
  • ރައްޔިތުން އަތުން، ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް އިތުރު ފީއެއް ނެގުން
  • ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުން (ސަބްސިޑީ ކަނޑާލުން)
  • ބައެއް ސަރުކާރު ކުންފުނިތައް އުވާލުން
  • މަޖިލީހުގެ އިންތިހާބުގެ ކުރިން ދީފައިވާ ބައެއް ސިޔާސީ މަގާމުތައް އުވާލުން

ދުނިޔޭގެ ގައުމުތައް މާލީގޮތުން ބަގުރޫޓުވެގެންދާ ހާލަތްތަކުގައި, އައިއެމްއެފްގެ ހަރުކަށި ”ބޭންކްރަޕްސީ ޕްރޮގްރާމް“ގެ ތެރެއަށް ވަންނަން ގައުމުތަކަށް މަޖުބޫރުވެގެންދަނީ, ބަނގުރޫޓުވެފައި އޮންނަ ގައުމަކަށް އެއްވެސް އެހެން ގައުމަކުންވެސް އަދި މާލީ އިދާރާއަކުންވެސް "ލެންޑު" ކުރުމަށް ނުވަތަ ލޯނު ދޫކުރުމަށްވެސް ދެކޮޅު ހަދާތީއެވެ. އަމުދު ހިލޭ އެހީއެއްވެސް އެހާލުތުގައި ލިބެން ނޯންނާނެތީއެވެ.

އޭގެ އެއް ސަބަބަކީ އެގައުމަކުން ނަގާފައި ހުންނާ ބޭރުގެ ލޯންތައްވެސް ޑީފޯލްޓްވެ, ދުނިޔޭގެ މާލީ އިދާރާތަކުންނާއި ރޭޓިން އިންސްޓިޓީއުޝަންތަކުވެސް "ޑިފޯލްޓް" ވެފަ އޮންނަ ގައުމެއްގެ ގޮތުގައި އެގައުމެއް ރޭޓް ކުރުމެވެ.

ގައުމެއް ބަނގުރޫޓުވެގެން ދިއުމުން މިހާލަތު ކުރިމަތިވެގެންދިޔަ ގައުމެއްގެ ގޮތުގައި އެންމެ ފަހުން ފެނިގެންދިޔައީ އަވައްޓެރި ސްރީލަންކާއެވެ. އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް ހަރުކަށި ފިޔަވަޅުތައް ހިމެނޭ އައިއެމްއެފްގެ ޕްރޮގްރާމަށް ދިއުމަށް އެގައުމަށް މަޖުބޫރު ވިއެވެ.

އޭގެ ނަތީޖާއަކަށް އިންފެލޭޝަން އިންތިހާގައި އޭރުވެސް އޮތް އެގައުމުގެ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. މުސާރަތައް ކުޑަކޮށް, ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކޮށް, އިގްތިސާދީ ކާރިސާގެ ތެރޭގައި އެގައުމުގެ އެތައް މިލިއަން ރައްުޔިތުންނެ ފަގީރު ވެގެން ދިޔައެވެ.

ސްރީ ލަންކާގެ 22 މިލިއަންގެ އަބާދީއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއަކީ ފާއިތުވި 70 އަހަރު ތެރޭގައިވެސް އެގައުމު ތަޖުރިބާ ކުރަންޖެހުނު އެންމެ ބޮޑު އިގްތިސާދީ ކާރިސާއެވެ.

ސްރީ ލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައި ގަތުމަށްތަކާ، އައިއެމްއެފްއިން އެގައުމަށް 2.9 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށް ދިނެވެ. އެހެންނަމަވެސް އެގައުމަށް "ބެއިލް އައުޓު" ކޮށްގެން އެ އިގްތިސާދީ ކާރިސާއިން އަރައިގަނެވުނު ނަމަވެސް, އެ ކާރިސާގައި ސްރީލަންކާގެ %70 މީހުންނަށް ވަނީ ފަގީރުކަމާއި ކުރިމަތި ލާންޖެހިފައެވެ.

ދުނޔޭގެ މާލީ އިދާރާތަކުން އަންދާޒާ ކުރާ ގޮތުގައިވެސް, ގައުމެއް ބަނގުރޫޓުވެ, އެ ގޮންޖެހުމުން އަރައިގަތުމަށް އައިއެމްއެފްގެ "ބޭންކްރަޕްސީ ޕްރޮގްރާމަށް" ދާން މަޖުބުރުވެ, ދެން އެހާލަތުން އަރައިގަނެވޭއިރު އެގައުމެއް އާބާދީގެ %75 ފަގީރުކަމާއި ކުރިމަތިލާން ޖެހޭނެއެވެ.

ދިވެހި ރާއްޖެއަށް މިހާލަތާއި ކުރިމަތިލާންޖެހުނީ ކީއްވެ?

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, އިގްތިސާދީގޮތުން ނުރަގަޅު އެތައް ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. އެންމެ ފުރަތަމަވެސް އިސްކަން ދެއްވީ ބޮޑެތި ޕްރޮޖެކްޓްއް ފެއްޓެވުމަށެވެ. އާންމު ރައްޔިތުންގެ ހާލަތު ރަގަޅު ކުރުމަށް, އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިަތަކަށް އިސްކަމެއް ނުދެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 25 މިލިއަން ޕަސެންޖަރުން ގެންނާނޭކަމުގެ ހުވަފެން ދައްކަވަން ފެއްޓެވިއެވެ. އެހެންނަމަވެސް މިއީ ކުރިޔަށް އޮތް 50 އަހަރާއި ހަމައަށް ދާއިރުވެސް އެ އަރަޕޯޓަށް ކުރިމަތިވާނެ ޑިމާންޑެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ.

އޭގެ އިތުރަށް "ރަސްމާލޭ"ގެ ނަމުގައި ބޮޑު ފަޅެއް ހިއްކަން ފެއްޓެވީއެވެ. އަދި މާލެއާއި "ރަސްމާލެ"އާ ދެމެދު ކަނޑު އަޑީގެ ޓަނަލެއް އަޅުއްވާނެކަމުގެ ވާހަކައަށް ދަންދެން ދައްކަވަން ފެއްޓެވީއެވެ. މާލީގޮތުން މާލީގޮތުން ފީސިބަލް ނޫން އެތައް ހުވަފެންތަކެއްގެ ވާހަކަ ރައްޔިތުންނާއި ހަމައަށް ތިލަކޮށް, ދައްކަވަން ފެއްޓެވިއިރު, މިއިން އެއްވެސް މަޝްރޫއަކީ އޭގެ ޒާރުގައި އާމްދަނީއެއް ގައުމަށް ހޯދާ ދޭނެ މަޝްރޫއެއް ނޫންކަން ފާހަގަ ކޮށްލާން ޖެހެއެވެ.

އޭގެ ބަދަލުގައި އާ ރިސޯޓުތަކެއް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައިވެސް ވުޖޫދު ކުރެވޭނެ އެއްވެސް ޕްލޭންއެއް ފެންނާކަށް ނެތެވެ. ދައުލަތުގެ ވަޒީރުން ދައްކަވަނީ ހުސް ވާހަކައެވެ. އާ ރިސޯޓުތައް ހުޅުވާނެކަމަށް ވިދާޅުވެ ދައްކަވަނީ ހުސް ވާހަކަތަކެވެ.

ޑޮލަރުގެ ކަޅުބާޒާރުގައި މިއިން ޒަމާނަކުވެސް އަގު އުފުލިގެން ނުދާވަރަށް އަގު އުފުލިގެން ދިއުމުން އިކޮނޮމިކް މިނިސްޓަރ މީޑިއާއަށް ދެއްވަނީ އިންޓަވިއުއެކެވެ.

ވިދާޅުވަނި 3 މަސް ތެރޭ ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށެވެ. އެއްވެސް ޕްލޭނެއް ކުރައްވާނެ ކަމެއްގެ ވާހަކަ ވިދާޅުވާކަށް އެގިވަޑައެއް ނުގަންނަވައެވެ. މާލީ ވަޒީރު 3 މަހުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށް ވިދާޅުވީވެސް, ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެ, އެބޭންކުގެ ކާޑުތަކުން ޑޮލަރު ނެގޭ މިންވަރު ލިމިޓް ކުރުމަށް ނިންމިކަން މީޑިއާތަކަށް ތިލަ ވުމާ ހަމައިންނެވެ.

އެންމެ ބޮޑު ސަބަބަކީ ޚާރިޖީ ސިޔާސަތު ފެއިލްވުން?

ރާއްޖެ މާލީގޮތުން ބަގުރޫޓުވާން މެދުވެރިވީ އިގްތިސާދީ އެތައް ސަބަބެއް ހުރިނަމަވެސް މިހުރިހާ ސަބަބަކަށްވުރެވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފެންނާން އޮތީ, ރާއްޖޭގެ ޚާރިޖީ ސިޔާސަތެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި, ބޭރުގެ މާލީ އިދާރާތަކާއި އަދި ގައުމުތަކުން މާލީ އެހީތެރިކަން ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރާ, ދައުލަތުގެ އެންމެ މުހިންމު ވުޒާރާއަކީ ޚާރިޖީ ވުޒާރާއެވެ.

އޭގެ އެންމެ ބިޑު މިސާލެއް ފެނިގެން ދިޔައީ ރައީސް ސާލިހުގެ ވެރިކަމުގައި, ކޯވިޑް ކާރިސާގެ ތެރޭގައި އޭރުގެ ޚާރިޖިއްޔާއިން އަދާކުރި މުހިންމު ދައުރެވެ. ރާއްޖޭގެ އިގްތިސާދު އިނދަޖެހިގެންދިޔަ އެ ޙައްސާސް ދަނޑިވަޅުގައި, ބޭރުގެ މާލީ އިދާރާތަކާއި, ގައުމުތަކުން މާލީ އެހީތެރިކަން ހޯދުމުގައި އޭރު ޚާރިޖިއްޔާއިން އަދާކުރި ދައުރުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާޖެ "ބަޑަށް ނުޖެހި" ސަލާމަތް ވީއެވެ.

އެހެންނަމަވެސް މާދަމާ ރައީސް މުއިއްޒުގެ ވެރިކަމަށް 3 މަސް ފުރިގެންދާއިރު, ގައުމުގެ ޚާރިޖީ ސިސާސަތު ފެއިލް ވެއްޖެއެވެ. އެންމެ އަވައްޓެރި އިންޑިއާއާއެކު އާދައިގެ ޚާރިޖީ ގުޅުމެއް ނުދެމެހެއްޓުނެވެ. ގައުމުގެ ވަލިއްޔުލްއަމުރުވެސް އިންޑިއާގެ ބޮޑުވަޒީރަށް އިންޒާރު ދެއްވަނީއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ ބޮޑު ދެބާރުގެ ގޮތުގައި ސިފަކުރެވޭ އިންޑިއާއި ޗައިނާވަނީ ހަނގުރާމައިގެ ތުންފަތްމައްޗަށް އައިސްފައެވެ. އަދި ރާއްޖޭގަ މިހާރު އޮތް ސަރުކާރަކީ ޗައިނާގެ ގޮނޑިކޮއްކޮ ސަރުކާރެއްކަމުގައި އެހެން ގައުމުތަކަށް ވަޒަން ކުރެއްވި, ހުޅަނގުގެ ގައުމުތަކާ ރާއްޖެއާއި އޮތް ގުޅުންވެސް ހީނަރު ވެއްޖެއެވެ. ޚަރިޖީ ސިޔސާތަށް އޮތް އިތުބާރު ގެއްލިއްޖެއެވެ.

އޭގެ ނަތީޖާއަކަށް ވެގެންދަނީ, އިންވެސްޓަރުންގެ އިތުބާރު ގެއްލި, ލާހޫރޭ ޚާރިޖީ ސިޔާސަތެއް އޮތް ގައުމަކަށް މާލީ އެހީތެރިން ފޯރުކޮށްދިނުމަށް ގައުމުތަކުންވެސް ދެކޮޅު ހެދުމެވެ. މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ފަސް ޖެހުމެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް މުއިއްޒު މިވަނީ މިގައުމު ބަނގުރޫޓު ކޮށްލާފައެވެ. މާލީގޮތުން ގައުމު އިދަޖެހިގެންދާއިރު, ގައުމުގެ ރައްޔިތުންގެ %70 ފަގީރުކަމާއި ކުރިމަތިލާން ޖެހޭނެއެވެ.

ސަރުކާރުގެ މަތި ފަޑީގައި ތިބި އިސްވެރިން, މަގާމުގެ ދަހިވެރިކަމުގައި, ގައުމު ބަގުރޫޓު ނުވާކަމަށް ބުނަމުންދާނެއެވެ. މޮޅެތި ވާހަކަވެސް ދައްކާނެއެވެ. ސްރީލަންގެ ރައީސް ކަމުގައި ހުންނެވި ގޮޓާބޭވެސް, ރައްޔިތުން އޭނާ ތަޅާ ރޯނާ ގަންނުވާލާ, ގައުމުން ބޭރަށް ފޮނުވާލިއިރުވެސް ކިޔުއްވަމުންގެންދެވީ އެލަވައެވެ.

ހަމަ އެއް ރާގެކެވެ. އެހެންނަމަވެސް އެންމެ ރައްކާތެރި ގޮތަކީ މިހަގީގަތް ގަބޫލުކޮށް ވަގުތު ފާއިތު ވުމުގެ ކުރިން ރައްޔިތުން ސަލާމަތީގޮތުން އެޅެންހުރި ހުރި ފިޔަވަޅުތަކެއް އެޅުމެވެ. އެއީ ރައީސް މުއިއްޒު އަޒުލް ކުރުން ކަމަށްވިޔަސް މިއަދު މިވަނީ އެފިޔަވަޅުވެސް އަޅަން މަޖުބޫރު ވެފައެވެ.