ސަރުކާރުގެ މާލީ ހާލަތު ދަށްވެ, މިމަސް ނިމޭއިރު, ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް އަދި ނެތްކަމަށް "ދިޔަަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި, މިމަހުވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތް އަދި ކަށަވަރު ކުރެވިފައި ނުވާއިރު, މީގެ ކުރިން މި ސަރުކާރުން ދެފަހަރެއްގެ މަތިން އެމްއެމްއޭ މެދުވެރިކޮށް ބޭންކު އޮފް މޯލްޑިވްސްއިން ބޮރޯވިން (ލޭންދޭނަށް ފައިސާ ނަގުން) ހަދާފައިވާ ކަމުގައެވެ.
އެގޮތުން ދައުލަތުގެ މުވައްޒަފުނަށް ފާއިތުވި ނޮވެމްބަރުމަހުގެ މުސާރަދޭން ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ބޮރޯ ކޮށްފައިވާއިރު, ފާއިތުވި ޖެނުއަރީމަހުވެސް މުވައްޒަފުންނަށް މުސާރަ ދީފައިވަނި ބޭންކުން 300 މިލިއަން ރުފިޔާގެ ބޮރޯވިންއެއް ހަދައިގެންނެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވަނީ, މީގެ ކުރިން ބީއެމްއެލްއިން ލެންޑް ކުރަމުން އައި ނަމަވެސް, ބޭންކުގެ ”ސިންގަލް އެކްސްޕޯޝަރ“ ލިމިޓް މިހާރު ހަމަވެފައިވާތީ އެމްއެމްއޭ މެދުވެރިކޮށް ބޭންކުންވެސް ދެން މި ސަރުކާރަށް ފައިސާ ލެންޑްއެއް (ލޭން ދޭނަށް) ނުކުރާނެ ކަމުގައެވެ.
އަދި ޗައިނާއިންވެސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ފައިސާ ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް, ޗައިނާއިން ހަމައެކަނި ފަންޑް ކުރާނީ ޕްރޮޖެކްޓް ފައިނޭންސްގެ ގޮތުގައި ކަމަށްވާތީ, ސަރުކާރުގެ ގޯސްވެފައިވާ މާލީ ހާލަތު ރަގަޅުކުރުމަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި އެގައުމުގެ އެހީތެރިކަން ލިބޭނެ ގޮތެއް އަދި ފެނިފައި ނުވާކަމަށްވެސް ފިނޭންސްގެ އޮފިޝަލް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އައިއެމްއެފްއާއި ވާހަކަ ދައްކަމުންދަނީ އައިއެމްއެފްއިން 700 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ހޯދާއިރު އޭގެ ތެރެއިން 400 މިލިއަން ޑޮލަރު އެޑްވާންސްކޮށް ހޯދުމަށެވެ.
އެހެންނަމަވެސް އައިއެމްއެފްއިން ސަރުކާރަށް އަންގާފައިވަނީ, އެ އިދާރާއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ 5 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށާއި, ގައުމުތައް ބަގުރޫޓުވުމުން އެއިދާރާއިން އެހީ ފޯރުކޮށް ދިނުމަށް އެ އިދާރާއިން އެކުލަވާލާފައި އޮންނަ “ބޭންކްރަޕްސީ ޕްރޮގްރާމް”ގެ ތެރެއަށް ރާއްޖެއިން ފުރަތަމަ ވަނުމަށެވެ.
އޭގެ މާނައަކީ އައިއެމްއެފްގެ މާލީ އެހީ ހޯދުމަށް ރާއްޖެއިން ފުރަތަމަވެސް މާލީގޮތުން އިސްލާހީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
އައިއެމްފްގެ “ބޭންކްރަޕްސީ ޕްރޮގްރާމް” އަކީ ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ކާރިސާތައް ކުރިމަތިވުމުން, ކާރިސާތަކުން އަރައިގަތުމަށް, މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް (ބެއިލް އައުޓް ކުރުމަށް) ހަމަޖައްސާފައި އޮންނަ ޕްރޮގްރާމްއެކެވެ.
ގައުމުތަކަށް ކުރިމަތިވާ މާލީ ކާރިސާތަކުގައި އެހީތެރި ވެދިނުމުގެ ގޮތުން އައިއެމްފްއިން މާލީ އެހީތެރިކަން ގައުމުތަކަށް ފޯރުކޮށްދޭއިރު, އެ ހާލަތުގައި އައިއެމްއެފްގެ މާލީ އެހީތެރިކަން ލިބެނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ވަަރަށް ހަރުކަށި އިގްތިސާދީ ފިޔަވަޅުތައް އެޅުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އެއްބަސް ވުމުންނެވެ.
އޭގެ ތެރޭގައި ސަބްސިޑީތައް ކަނޑާލުމާއި، ރިކަރަންޓް ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމާއި، ވަޒީފާތަކުގެ އަދަދު އިތުރު ނުކުރުމާއި، ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުން ހުއްޓާލުންފަދަ ފިޔަވަޅުތައްވެސް ހިމެނެއެވެ. އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް އެ ފިޔަވަޅުތައް ހިމެނޭ އައިއެމްއެފްގެ ޕްރޮގްރާމަށް ދިއުމަށް އެގައުމަށް މަޖުބޫރު ވިއެވެ.
އެހެންނަމަވެސް މި ފިޔަވަޅުތައް ތަންފީޒުކުރުމުން ކުރިން މި ސަރުކާރުން އެޑްވާންސަށް 400 މިލިއަން ޑޮލަރު ކަށަވަރު ކުރުމަށް ޑިމާންޑު ކުރުމާއެކު އައިއެމްއެފްއާއި ސަރުކާރާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތްނަމަވެސް އަދިވެސް ސަރުކާރުން ދަނީ ބޮޑެތި މުސާރަލިބޭ މަގާމްތަކަށް މުވައްޒަފުން އައްޔަން ކުރަމުންނެވެ.