ޚަބަރު

ހިއްކުން ހުއްޓާލުމަށް، ހައި ކޯޓުން ކުރި ހުކުމަށް ރައީސް ނަޝީދު ތާއީދު ކުރެއްވި އިރު، ގުޅީ ފަޅު ހިއްކުމުގެ މަސައްކަތް ފެއްޓެވީ ރައީސް ނަޝީދު

ދިޔަވަރު
ހިއްކުން ހުއްޓާލުމަށް، ހައި ކޯޓުން ކުރި ހުކުމަށް ރައީސް ނަޝީދު ތާއީދު ކުރެއްވި އިރު، ގުޅީ ފަޅު ހިއްކުމުގެ މަސައްކަތް ފެއްޓެވީ ރައީސް ނަޝީދު

ގުޅީފަޅު އެންމެ ފުރަތަމަ ހިއްކައި، އެތާގައި ފްލެޓް އަޅައި، އެ ފްލެޓްތައް އާންމުންނަށް ދިނީ ރައީސް ނަޝީދެވެ. އެކަން އެ ގޮތަށް ކޮށްފައި އޮއްވާ ވެރިކަން ބަދަލުވުމުން، ގުޅީފަޅުގެ މަސައްކަތް ހުއްޓުވައި، އެ މަސައްކަތް ކުރަންތިބި ފަރާތްތައް ފުލުހުން މެދުވެރިކޮށް، ކޯޓު އޯޑަރަކާއި ނުލައި އެރަށުން ބާލައި އެކަން ކުރީ މުއިއްޒު އެވެ. އެއީ އޭނާ ހައުސިންގ މިނިސްޓަރަކަށް ހުރެގެން ރައްޔިތުންގެ ގޯތި ގެދޮރަށް އަރައިގަތުމަށް ހިންގި ފުރަތަމަ އަނިޔާވެރި އަމަލެވެ. ގަދަކަމުން އަތުލި ފްލެޓްތަކުން ނެރެލި މީހުން އެތައް އަހަރެއް ވަންދެން ހާލުގައި ޖެހިފައި ވަނިކޮށް، އެ ފަރާތްތަކަށް ބޯހިޔާވަހިކަން ދީ، ބަދަލު ދިނީ 2018 ވަނައަހަރު ވެރިކަމަށް އެމްޑީޕީ ސަރުކާރު އައުމަށް ފަހުގައެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް އެމްޑީޕީގެ އާސަރުކާރުން ފަށައި، ރައްޔިތުންނަށް ގޯތި ދީފައި ވަނިކޮށް، އަދި އިތުރަށް ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސް ސޯލިހްގެ ސަރުކާރުން ފެއްޓެވި މަސައްކަތް، މުއިއްޒުގެ ވެރިކަމުގައި ހުއްޓެވުމަށް، ތިމާވެއްޓަށް ގެއްލުން ވާތީ ކަމަށް ބުނެ، ހައިކޯޓުން އަމުރު ނެރުނެވެ. މި އަމުރަށް ކޯޓުގައި އެދިފައި ވަނީ ޑިމޮކްރެޓްސް ގެ ތިމާވެށީގެ ކަންކަމުގައި އުޅުއްވާ ފަރާތެކެވެ.

ކޯޓުން ނިންމެވި، ނިންމެވުމަށް ރައީސް މުހައްމަދު ނަޝީދުވަނީ ތާޢީދު ކުރައްވައި، އެއީ ތިމާވެއްޓަށް ގެއްލުން ހުރި ކަމެއް ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، ގުޅީ ފަޅު ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނެވެ. އެހެން ކަމުން، އަމިއްލަފުޅަށް ފެއްޓެވި މަސައްކަތެއް މިހާރު އެއީ ތިމާވެށްޓަށް ގެއްލުން ހުރި ކަމެއް ގޮތުގައި ސިފަކުރައްވަނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. އެ މަސައްކަތް ރައީސް ނަޝީދުވެސް ފައްޓަވާފައި ވަނީ ތިމާވެށީގެ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލައިގެންނެވެ.

ތިމާވެށީގެ ސަބަބުން ކަމަށްބުނެ، އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ހުރަސް އެޅޭހެން އެއްވެސް ބަޔަކު މަސައްކަތް ކުރުމަކީ ގޯހެކެވެ.