ސަރުކާރުގެ އިސްނެގުމަށް 25 ފަޅުރަށެއް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކުރަން މިއަދު ނިންމާ، އެ ފަޅުރަށްތަކަށް ކައުންސިލުތަކުން ކުރިމަތިލުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލާފައިވާއިރު، ރަށްތަށް ދޫކުރާނެ ފަރާތްތަށް ނިންމާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ސީދާ ރައީސް މުއިއްޒުކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިއަދު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު"ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
މިދިޔަ އަހަރުގެ 25 ޖުލައިގައި އަމަލުކުރަން ފެށި އެ ގަވާއިދުގެ ފަސްވަނަ މާއްދާގެ (ށ)ގައި، ފަޅުރަށްތައް ދޫކުރެވޭނެ ތިން ގޮތެއް ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން އޮންނަނީ:
1- މި ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާން ކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް
2- ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާ އެކު، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅުމުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަނޑައަޅާ ފަރާތަކަށް
3- ސަރުކާރުގެ އިސްނެގުމަށް، ފަޅުރަށެއް ބެލެހެއްޓުން، ވަކި ޝަރުތުތަކަކާ އެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން
ފަޅު ރަށްތައް ދޫކުރުމަށް އެކުލަވާލާފައިވާ ގަވާއިދު, "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު"ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުން އިއުލާން ކޮށްގެންނާއި, އަދި ޕްރޮޕޯސަލް ހުށަހަޅައިގެންވެސް ރަށްތައް ދޫކުރެވެން އޮންނައިރު, 25 ރަށްތައް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ, ބިޑް ކުރުމަކާއި ނުލާ, އަދި ޕްރޮޕޯސަލް ހުށަހެޅުމަކާވެސް ނުލާ, ސީދާ ރައީސް މުއިއްޒު ބޭނުންވާ ކައުންސިލަކަށް ރަށްތައް ދޫކުރާ ގޮތަށެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި, ދެފުށް ފެންނަ އުސޫލަކުން ރަށްތައް ދޫކުރެވެން އޮއްވާ, ގަވާއިދުގެ 3 ވަނަ މާއްދާއިން ލިބިދޭ އިޚްތިޔާރުގެ ބޭނުން ކޮށްގެން, ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކައުންސިލަކަށް ރަށްތައް ދޫކުރުމަށް ނިންމާފައިވަނީ ރައީސް މުއިއްޒުގެ މަސްލަހަތު ހުރި ފަރާތްތަކަށް ރައްތައް ދޫކުރުމުގެ މަގުސަދުގައި ކަމުގައެވެ.
"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު"ގެ ފަސްވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުން، ރައީސްގެ އިސްނެންގެވުމުގެ މަތިން ދޫކުރަން ހުޅުވާލާފައިވާ 25 ރަށަކީ:
1 ހދ. ފަރިދޫ – 26.46 ހެކްޓަރު
2- ހދ. ހިރިނައިދޫ – 6.40 ހެކްޓަރު
3- ށ. ނަރުރިނބުދޫ – 27.58 ހެކްޓަރު
4 ށ. މިގޫދޫ – 8.66 ހެކްޓަރު
5 ނ. ދީފުރަމް – 2.37 ހެކްޓަރު
6 ނ. އިނގުރައިދޫ – 13.12 ހެކްޓަރު
7 ރ. ހިބޫދޫ – 2.48 ހެކްޓަރު
8 ރ. ހުޅުދޫ – 1.63 ހެކްޓަރު
9 ރ. ނެޔޮ – 7.19 ހެކްޓަރު
10 ބ. މާއްޑޫ – 25.93 ހެކްޓަރު
11 ބ. ދަކަންދޫ – 5.73 ހެކްޓަރު
12 މ. މާހުރާ – 4.84 ހެކްޓަރު
13 ފ. މަކުނުއެރި – 1.28 ހެކްޓަރު
14 ދ. ފެންފުށި – 3.51 ހެކްޓަރު
15 ދ. މިނިމަސްގަލި – 4.64 ހެކްޓަރު
16 ތ. ފެންމީރުފުށި – 1.70 ހެކްޓަރު
17 ތ. ކަކޮޅަސް – 16.19 ހެކްޓަރު
18 ލ. ކަނޑަރު – 4.27 ހެކްޓަރު
19 ލ. ބޮޑުމާބުޅަލި – 5.07 ހެކްޓަރު
20 ގއ. ވިލިގަލާ – 3.25 ހެކްޓަރު
21 ގއ. މުނަންދުވާ – 6.35 ހެކްޓަރު
22 ގދ. މާނައިދޫ – 16.15 ހެކްޓަރު
23 ގދ. އާކިރަހުއްޓާ – 9.21 ހެކްޓަރު
24 ގދ. ވާރެޔަދުވާ – 3.44 ހެކްޓަރު
25 ގދ. ލޮނުދޫ – 5.96 ހެކްޓަރު
މި އުސޫޅުން ކައުންސިލްތަކަށް ދޫކުރާ ރަށްތަށް، ރައީސްގެ ހުއްދައާއެކު، ތިންވަނަ ފަރާތަކަށް ކުށްޔަށް ދިނުންފަދަ ކަންކަންވެސް ގަވާއިދުން ހުއްދަކުރެ އެވެ.
މިއީ ރާއްޖޭގެ އެންމެ އަގު ބޮޑު އެސެޓް ކަމުގައިވާ ފަޅުރަށްތައް ބިޑް ކުރުމަކާ ނުލާ, އަދި ޕްރޮޕޯސަލްވެސް ހުށަހެޅުމަކާ ނުލާ, ސަރުކާރުގެ އިސްމަގާމްތަކުގަ ތިބި މަދުބައެއްގެ މަސްލަހަތު އިސްކޮށް, ހިންގާ ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.