އާސަންދަ ލިބޭނެ ކަމުގެ ޔަގީންކަން ދީގެން، ރާއްޖެއިން ބޭރަށް ފަރުވާއަށް ދިޔުމުން، އާސަންދަ ދެވެން ނެތްކަމަށް ބުނެ މަންމައަކާއި ކުޑަ ދަރިފުޅެއް ސަރުކާރުން، ރާއްޖެއިން ބޭރުގައި ހާލުގައި ޖައްސައިފިއެވެ.
ރާއްޖެއިން ފަރުވާދެވެން ނެތް ބައްޔަކަށް ބޭނުންވާ ހާއްސަ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް މި އަންހެންމީހާ ގޮސްފައިވަނީ، އެ ޓެސްޓް އާސަންދައިން ހެދޭނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދިނުމުންނެވެ. ނަމަވެސް، ރާއްޖެއިން ބޭރަށް ގޮސް، ހޮސްޕިޓަލަށް ގޮސް، ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދުމަށް ތައްޔާރުވުމުން، ސަރުކާރުން ހޮސްޕިޓަލް މެދުވެރިކޮށް އޭނާއަށް އެ ޓެސްޓް އާސަންދަ މެދުވެރިކޮށް ހެދެން ނެތް ކަމަށް ވަނީ އަންގާފައެވެ. މި ޓެސްޓަކީ ރާއްޖެއިން ހެދެން ނެތް ޓެސްޓެކެވެ.
ދިޔަވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ ދަރިފުޅަށް ޖެހިފައިވަނީ ޖެނެޓިކް ބައްޔެކެވެ. އަދި އާސަންދައިން ވަނީ، އެމީހަށް ގުޅައި މިހާރު މާފަށް އެދިފައެވެ. ނަމަވެސް އެކަން ހައްލުކޮށް، އެމީހާއަށް ފަރުވާ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.
އާސަންދަ އާއި މިހާރު ހަވާލުވެ ހުންނެވި ހީނާ ވަލީދު އަކީ، ކެންސަރު ޖެހި، އޭގެ ފަރުވާ އިންޑިޔާއިން ހޯދައިގެން ހުންނެވި ފަރާތެކެވެ. އިންޑިޔާއަށް ވަނުން މަނާ ކޮށްގައި ހީނާ ވަލީދަށް، އޭނާގެ ބަލިހާލަށް ރިއާޔަތްކޮށް، އިންޑިޔާއަށް ބޭސް ފަރުވާއަށް ހީނާ ވަލީދަށް ވަދެވޭ ގޮތަށް އިންޑިޔާއިން ހަދާދިނެވެ. އެހެން ކަމުން ކެންސަރު ބަލީގައި ހާލުގައި އުޅުނު ހީނާ ވަލީދާއި އާސަންދަ ހަވާލު ކުރުމުން، އޭނާގެ ކިބާގައި އިންސާނިއްޔަތު ކަން ހުންނާނެ ކަމަށް ގިނަ ބަޔަކު ދެކުނެވެ.
އިންޑިޔާއިން ހީނާ ވަލީދު ބަލިވުމުން، އެޤައުމަށް ދަތުރު ކުރުމަށް ފުރުޞަތު ދިން އިރު، އަމިއްލަ ޤައުމުގެ ދިވެއްސަކު ބަލިވެ، ލިބޭނެ ކަމަށް ބުނި ފަރުވާ ނުލިބި ބޭރު ޤައުމެއްގައި ދެދުވަސް ވަންދެން މިކަމާއި ތެޅި ތެޅި ހުންނަން ޖެހުމަކީ ހާދަ ހިތްދަތި ކަމެކެވެ. އިންޑިޔާ ސަރުކާރުން ހީނާ ވަލީދަށް ބެހެއްޓި އިންސާނިއްޔަތު ކަން، ދިވެހިންގެ މައްޗަށް ދިވެހި ސަރުކާރުން ނެތުމަކީ ހިތާމަ ހުރި ކަމެކެވެ.
މުއިއްޒު ވަނީ މީގެ ކުރިން ޑޯނިޔާ ބޭނުން ނުކުރާންވެގެން، ގޮތް ދޫނުކޮށް ހިފަހައްޓައި އައްޑޫއިން ކުޑަ ކުއްޖަކު ގެއްލުވާލާފައެވެ. ތިނަދޫއިން ކުއްޖަކަށް ފަރުވާ ލަސްކޮށް މަރާލާފައެވެ. މިއަދު ޖެނެޓިކް ބައްޔެއްގައި އާސަންދަ ލިބޭނެ ކަމަށް ބުނުމުން، އަތުގައި އޮތް ހަމައެކަނި ލާރިކޮޅު ހަރަދުކޮށް ރާއްޖެއިން ބޭރަށް ދިޔުމުން އެ މަޔަކާއި ދަރިއަކު ބޭރު ފަސްގަނޑެއްގައި ހާލުގައި ޖައްސާލީއެވެ.