ޚަބަރު

"ރާއްޖޭ ވެއްޓޭނެ ފުން އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ": ރައީސް ސޯލިހް

ދިޔަވަރު
"ރާއްޖޭ ވެއްޓޭނެ ފުން އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ": ރައީސް ސޯލިހް

"ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން" ކަމަށާއި "ވެރިކަން ކުރި މީހެއްގެ ހައިސިއްޔަތުން ލޯ މަރާލައިގެން ހުރެވޭކަށް ނެތް" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ. 

ވިހިވަނަ ރައްޔިތންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޖީނާނު މަހުމޫދަށް ތާއިދު ހޯދަން މިރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ފެންނަން އޮތީ ފުން އަނދަވަޅެއް ކަމަށެވެ.

"އަޅުގަނޑުމެން އެކީގައި އެތައް މަސައްކަތެއް ނުކޮށްފި ނަމަ މި ރާއްޖޭ ވެއްޓޭނެ ފުން އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ. އޭރުވެސް [ޕީޕީއެމް/ޕީއެންސީގެ ވެރިން] ހަދަމުން ދިޔައީ ދޮގު. މިއަދު ވެސް ހަދަމުން ދަނީ ދޮގު،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން 25 އަހަރު ކުރެއްވުމަށް ފަހު، ރާއްޖޭގެ ވެރިކަން ފަސް އަހަރު ކުރެއްވި ސޯލިހު ވިދާޅުވި އެވެ. 

އެ ދޮގުތަކާއި އޮޅުވާލުމާއި އުފެއްދި ނަފުރަތުން ހަގީގީ މަންޒަރު ރައްޔިތުންނަށް އޭރު ސާފު ނުވިޔަސް، މިހާރު އެކަންކަން އޮޅުންފިލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"މިއަދު ރާއްޖޭގެ އެކި ރަށްރަށުން، އެކި ކަންކޮޅުތަކުން އެކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާ، ދެރަވެ ކަންބޮޑުވޭ. މި ކުރެވުނީ ކީއްކަން މިއަދު ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ، މާލޭގައި ދިރިއުޅޭ މީހުންނަށް އިހްސާސްވާން ފަށައިފި،" ސޯލިހު ވިދާޅުވި އެވެ.

މާޗު 17 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާމެދު ވަރަށް އުއްމީދު ބޮޑު ކަމަށާއި އެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީން ހޯދާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. 

"[މަޖިލީހުގެ އަގުލަބިއްޔަތު ނެގުމަށް ފަހު] އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ، މަސައްކަތް ކުރަމުން ގެންދާނީ މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް. ދޮގު ނުހެދުމަށް ޑރ. މުއިއްޒަށް އަޅުގަނޑުމެން ދަންނަވާނަން. އޮޅުވާނުލުމަށް އަޅުގަނޑުމެން ދަންނަވާނަން،" ސޯލިހު ވިދާޅުވި އެވެ. 

މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން، 90 ދާއިރާއަށް ވާދަކުރެ އެވެ.