ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، ކޯޓްތަކުގެ އަންހެން މުވައްޒަފުންގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރި މުހައްމަދު ރާޣިބު އަހްމަދަށް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބުކަން ދީފިއެވެ.
ރާޣިބު ކ. ތުލުސްދޫ ކޯޓާއި ވ. ފެލިދޫ ކޯޓުގައި މެޖިސްޓްރޭޓެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، އެ ކޯޓުގެ ބައެއް އަންހެން މުވައްޒަފުންގެ ނުރުހުމުގައި އެ މީހުންގެ ގައިގައި އަތްލައި ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތައް ސާބިތުވެ ޖޭއެސްސީން ވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.
ވ. ފެލިދޫ ކޯޓުގައި މަސައްކަތް ކުރިއިރު، އެ ކޯޓުގެ އަންހެން މުވައްޒަފެއްގެ ނުރުހުމުގައި އެ މުވައްޒަފާ ގައިގޯޅިވެ، އޭނާއާ ކައިވެނިކުރަން އެ އަންހެން މުވައްޒަފަށް މަޖުބޫރުކޮށް އެތައް ދުއްތުރާއެއް އޭނާ ކުރިއެވެ. ރާޣިބާ ކައިވެނިކުރަން އެއްބަސްނުވުމުން އެންމެފަހުން އެ މުވައްޒަފު ވަޒީފާއިން ވަކިކޮށް މަގުމަތިކޮށްލިއެވެ.
ކުޅުދުއްފުށީ ކޯޓަށް ގޮސް އުޅުނު ދުވަހެއްގައި ރާޣިބު ވަނީ އެ ކޯޓުގެ އަންހެން މުވައްޒަފަކު އެކަނި ހުއްޓައި އެ އަންހެން މުވައްޒަފުގެ ގައިގައި ބައްދައި ޖިންސީގޮތުން ގޯނާކުރަން މަސައްކަތްކޮށްފައެވެ.
މީގެއިތުރުން ރާޣިބު ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި ހުރިއިރު، ޓެސްޓް ޕޭޕަރު ކޮޕީ ކުރި މައްސަލައެއް ވެސް ފަޅާއެރިއެވެ. ގާޒީންނަށް އަމާޒް ކޮށްގެން 2010 ވަނަ އަހަރު ކުއްލިއްޔާއިން ހިންގި ޑިޕްލޮމާ ކޯހެއްގައި ކޮޕީ ކުރުމުގެ ތުހުމަތުގައި އޭނާ އެ ކޯހުން ވަކިކޮށްފައި ވަނިކޮށް ކޮރަޕްޝަންގެ ތެރެއިން އަލުން އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ދިންކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ބަލައި އޭނާއާ މެދު ފިޔަވަޅު އަޅައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖޭއެސްސީގައި އެދުނެވެ.