ޚަބަރު

ބޭންކަށް ޑޮލަރުގެ ތާށިކަން ކުރިމަތިވީ,  މި ސަރުކާރުގެ ޚަރަދުތައް ފޫބައްދަން, ބޭންކުތަކުން ސަރުކާރަށް ލޯން ދޭން ޖެހިގެން: މަޓާޓޯ

ދިޔަވަރު
ބޭންކަށް ޑޮލަރުގެ ތާށިކަން ކުރިމަތިވީ,  މި ސަރުކާރުގެ ޚަރަދުތައް ފޫބައްދަން, ބޭންކުތަކުން ސަރުކާރަށް ލޯން ދޭން ޖެހިގެން: މަޓާޓޯ

ރާއްޖޭގައި ޑޮލަރުގެ މައްސަލަ ގޯސްވުމުގެ ސަބަބަކީ ސަރުކާރުގެ ހަރަދުތައް ދެމެހެއްޓޭނޭ ވަރަށް ވުރެ ޚަރަދު ބޮޑުވެ އެ ހަރަދުތައް ފޫބައްދަން ބޭންކުތަކުން ސަރުކާރަށް ލޯން ދޭން ޖެހުން ކަމުގައި މަޓާޓޯއިން ބުނެފިއެވެ.

ޑޮލަރު ލިބުން މިހާރު ވަރަށް ބޮޑަށް ތާށިވެ ވިޔަފާރިތަކަށާއި ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރަން ފަށާފައި ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފެއިލިއާ އަކުން ކަމަށް ބުނެ އެކަމުގެ ޒިންމާ މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ނަންގަވައި އިސްތިއުފާ ދިނުމަށްވެސް ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މަޓާޓޯއިން ވަނީ ގޮވާލާފައެވެ.

މަޓާޓޯއިން ނެރުނު އެ ބަޔާނުގައި ވަނީ ސަރުކާރާއި ކަމާގުޅޭ އިދާރާތަކަށް ގޮވާލާފައި ވަނީ ޑޮލަރުގެ ބާޒާރު ހަމަޔަކަށް އެޅުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

މަޓާޓޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑޮލަރުގެ މައްސަލަ މިހާ ހިސާބަށް ދިޔުމުގެ އެއްސަބަބަކީ މާލީ ދާއިރާގެ ބެލެނިވެރި ފަރާތް އެމްއެމްއޭއިން އެކަން ހަމަޔަކަށް އެޅުވުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި އެތައް ޒަމާނަކަށް އިހުމާލުވެފައި ވާތީ އެވެ. އަދި ކަންބޮޑުވުމާ އެކު މަޓާޓޯއިން ބުނީ އެކަމުގެ ޒިންމާ މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ނަންގަވަން ޖެހޭ ކަމަށެވެ. 

ރާއްޖޭގައި މާލީ ހަމަޖެހުން ދެމެހެއްޓުމާއި އިގްތިސާދީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ހަރުދަނާ މަރުކަޒީ ބޭންކެއްގެ ދައުރު ވަރަށް މުހިންމު. މިކަމުގައި އިހުމާލުވެފައި ވާތީ އެކަމުގެ ޒިންމާ ނަންގަވައި އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އިސްތިއުފާ ދެއްވުމަށް މި އެސޯސިއޭޝަނުން ގޮވާލަމެވެ.

މަޓާޓޯގެ ބަޔާނުގައިވެ އެވެ. 

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު, އިންތިހާއަށް ޚަރަދު ބޮޑުވެ, ބޮޑެތި މުސާރަދޭ ސިޔާސީ މަގާމްތައްވެސް އިންތިހާއަށް އިތުރުކޮށް, ގައުމުގެ ބަޖެޓް ދެކޮޅު ނުޖެއްސި, މިހާރުވަނީ އައިއެމްއެފްގެ ހަރުކަށި ”ބޭންކްރަޕްސީ ޕްރޮގްރާމް“އަށް ދާން ނިންމާފައެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން, ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި, މިމަހުވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތް އަދި ކަށަވަރު ކުރެވިފައި ނުވާއިރު, މީގެ ކުރިން މި ސަރުކާރުން ދެފަހަރެއްގެ މަތިން އެމްއެމްއޭ މެދުވެރިކޮށް ބޭންކު އޮފް މޯލްޑިވްސްއިން ބޮރޯވިން (ލޭންދޭނަށް ފައިސާ ނަގުން) ހަދާފައިވާ ކަމުގައެވެ.

އެގޮތުން ދައުލަތުގެ މުވައްޒަފުނަށް ފާއިތުވި ނޮވެމްބަރުމަހުގެ މުސާރަދޭން ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ބޮރޯ ކޮށްފައިވާއިރު, ފާއިތުވި ޖެނުއަރީމަހުވެސް މުވައްޒަފުންނަށް މުސާރަ ދީފައިވަނީ ބޭންކުން 300 މިލިއަން ރުފިޔާގެ ބޮރޯވިންއެއް ހަދައިގެންނެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވަނީ, މީގެ ކުރިން ބީއެމްއެލްއިން ލެންޑް ކުރަމުން އައި ނަމަވެސް, ބޭންކުގެ ”ސިންގަލް އެކްސްޕޯޝަރ“ ލިމިޓް މިހާރު ހަމަވެފައިވާތީ އެމްއެމްއޭ މެދުވެރިކޮށް ބޭންކުންވެސް ދެން މި ސަރުކާރަށް ފައިސާ ލެންޑްއެއް (ލޭން ދޭނަށް) ނުކުރާނެ ކަމުގައެވެ.

އަދި ޗައިނާއިންވެސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ފައިސާ ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް, ޗައިނާއިން ހަމައެކަނި ފަންޑް ކުރާނީ ޕްރޮޖެކްޓް ފައިނޭންސްގެ ގޮތުގައި ކަމަށްވާތީ, ސަރުކާރުގެ ގޯސްވެފައިވާ މާލީ ހާލަތު ރަގަޅުކުރުމަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި އެގައުމުގެ އެހީތެރިކަން ލިބޭނެ ގޮތެއް އަދި ފެނިފައި ނުވާކަމަށްވެސް ފިނޭންސްގެ އޮފިޝަލް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އައިއެމްއެފްއާއި ވާހަކަ ދައްކަމުންދަނީ އައިއެމްއެފްއިން 700 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ހޯދާއިރު އޭގެ ތެރެއިން 400 މިލިއަން ޑޮލަރު އެޑްވާންސްކޮށް ހޯދުމަށެވެ.

އެހެންނަމަވެސް އައިއެމްއެފްއިން ސަރުކާރަށް އަންގާފައިވަނީ, އެ އިދާރާއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ 5 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށާއި, ގައުމުތައް ބަގުރޫޓުވުމުން އެއިދާރާއިން އެހީ ފޯރުކޮށް ދިނުމަށް އެ އިދާރާއިން އެކުލަވާލާފައި އޮންނަ “ބޭންކްރަޕްސީ ޕްރޮގްރާމް”ގެ ތެރެއަށް ރާއްޖެއިން ފުރަތަމަ ވަނުމަށެވެ.

އޭގެ މާނައަކީ އައިއެމްއެފްގެ މާލީ އެހީ ހޯދުމަށް ރާއްޖެއިން ފުރަތަމަވެސް މާލީގޮތުން އިސްލާހީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

އައިއެމްފްގެ “ބޭންކްރަޕްސީ ޕްރޮގްރާމް” އަކީ ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ކާރިސާތައް ކުރިމަތިވުމުން, ކާރިސާތަކުން އަރައިގަތުމަށް, މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް (ބެއިލް އައުޓް ކުރުމަށް) ހަމަޖައްސާފައި އޮންނަ ޕްރޮގްރާމްއެކެވެ.

ގައުމުތަކަށް ކުރިމަތިވާ މާލީ ކާރިސާތަކުގައި އެހީތެރި ވެދިނުމުގެ ގޮތުން އައިއެމްފްއިން މާލީ އެހީތެރިކަން ގައުމުތަކަށް ފޯރުކޮށްދޭއިރު, އެ ހާލަތުގައި އައިއެމްއެފްގެ މާލީ އެހީތެރިކަން ލިބެނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ވަަރަށް ހަރުކަށި އިގްތިސާދީ ފިޔަވަޅުތައް އެޅުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އެއްބަސް ވުމުންނެވެ.

އޭގެ ތެރޭގައި ސަބްސިޑީތައް ކަނޑާލުމާއި، ރިކަރަންޓް ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމާއި، ވަޒީފާތަކުގެ އަދަދު އިތުރު ނުކުރުމާއި، ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުން ހުއްޓާލުންފަދަ ފިޔަވަޅުތައްވެސް ހިމެނެއެވެ. އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް އެ ފިޔަވަޅުތައް ހިމެނޭ އައިއެމްއެފްގެ ޕްރޮގްރާމަށް ދިއުމަށް އެގައުމަށް މަޖުބޫރު ވިއެވެ.

އެހެންނަމަވެސް މި ފިޔަވަޅުތައް ތަންފީޒުކުރުމުން ކުރިން މި ސަރުކާރުން އެޑްވާންސަށް 400 މިލިއަން ޑޮލަރު ކަށަވަރު ކުރުމަށް ޑިމާންޑު ކުރުމާއެކު އައިއެމްއެފްއާއި ސަރުކާރާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތްނަމަވެސް އަދިވެސް ސަރުކާރުން ދަނީ ބޮޑެތި މުސާރަލިބޭ މަގާމްތަކަށް މުވައްޒަފުން އައްޔަން ކުރަމުންނެވެ.