ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ސިޓީގެ ހިތަދޫގައި މިއަދު ބޭއްވުމަށް ހަމަޖެއްސި ބައްދަލުވުން މީހުން ހާޒިރު ނުވެގެން ކެންސަލް ކޮށްފިއެވެ.
ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައި އޮތީ މެންދުރުފަހު 2:30 ގަ އެވެ. އައްޑޫ ހައި ސްކޫލުގެ ހޯލުގައި ބޭއްވުމަށް ހަމަޖެއްސި މި ބައްދަލުވުމުގެ ގަޑި ޖެހުނުއިރުވެސް ހާޒިރުވެފައިވަނީ މަދު ބައެއްކެވެ.
އައްޑޫއިން "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމާއި, އަދި ރިޝްވަތު ދީގެން, ކޮރަޕްޝަންގެ ހަރާމް ފައިސާއަށް މުއިއްޒު އެ އަތޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން ގަނެފައިވާތީ, އައްޑޫއަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ތިބީ އިންތިހާއަށް ނުރުހުން ވެފައި ކަމުގައެވެ.
އައްޑޫއިން "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ފަރާތުން ކިޔައިދިން ގޮތުގައި, އައްޑޫގައި ބާއްވަން ނިންމި ޖަލްސާއަށް މީހުން ނުދިއުމުން, މުއިއްޒުު ކޯފާވެ އެ ޖަލްސާ ކެންސަލް ކުރުމަށް މިހާރު އަންގާފައިވާ ކަމުގައެވެ.
މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހިތަދޫ ރައްޔިތުންނަށް ދައުވަތު ދީގެން ބާއްވަން އުޅުނު ބައްދަލުވުމަށް އައްޑޫ ހައި ސްކޫލް ހޯލުގައި ޖަހާފައިވާ ގޮނޑިބަރިތައް ހުރީ ހުހަށެވެ. އެ ބައްދަލުވުން ނޯންނާނެ ކަން 3:00 ހާއިރު އިއުލާނު ކުރުމަށްފަހު، އެ ހޯލުގައި އިއުލާން ކުރީ ރައީސް ހިތަދޫ އަދި ފޭދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރުމަށް ހަމަޖައްސާފައިވާ ކަަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ބާއްވަން ހަމަޖައްސާފައިވާ ޖަލްސާއަށް އައްޑޫ އަތޮޅުގެ ހުރިހާ ރަށަކުން, އާންމު ރައްޔިތުންގެ ގާތުގައި އާދޭސްކޮށްގެން, މީހުން ގެންދިއުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.