މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ދިނުން އަންނަ މާރޗް މަހުގެ 5 ވަނަ ދުވަހާހަމައަށް ލަސްކޮށްދިނުމަށް, ފިޝަރީޒް މިނިސްޓަރ ޝިޔާމް މިއަދު ކޫއްޑޫއަށް ޒިޔާރަތްކޮށް އާދޭސް ދެންނެވުމުންވެސް މަސްވެރިން އޭނާގެ އަޑު ނަހާ, ރައީސް މުއިއްޒުއަކީ ވަގެއް ކަމަށާއި, ހުސް ގޮނޑި ކޮބައިތޯ ސުވާލުކޮށް, މި ސަރުކާރަށް ޖަވާބު ދީފިއެވެ.
މަސްވެރިން ކިރި މަހަށް ފައިސާ ނުދޭ މައްސަލައިގައި ގއ. ކޫއްޑުގައި މަސްވެރިން މުޒާހަރާ ކުރަން ފެށުމާއެކު, ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ދަތުރުގެ އޮފް ކެނޑި, ނުރަގަޅު ބަޕްލިސީޓީއެއް ލިބެން ފެށުމާއެކު, މަސްވެރިންނަށް އަނެއްކާވެސް ދޮގު ވައުދުތަކެއްވެ, މަސްވެރިން ގުބޯ ހެއްދުމަށް, މުއިއްޒުގެ އަމުރުފުޅަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މިއަދުވަނީ ކޫޑޫއަށް ވަޑައިގަންނަވާފައެވެ.
މިއަދު ކޫއްޑުއަށް ވަޑައިގެން ޝިޔާމް މަސްވެރިންގެ ކިބައިން އެދުނީ, އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހާއި ހަަމައަށް މަސްވެރިންގެ އިހުތިޖާޖު މަޑުޖައްސާލަ ދިނުމަށެވެ.
އެހެންނަމަވެސް އޭގެ ޖަވާބުގައި މަސްވެރިން ބުނެފައިވަނީ ސަރުކާރުން ދިން އެތައް ތާރީޚެއް މިޙާރު ފަހަނައަޅައިގެން ހިގައްޖެ ކަމަށާއި, 5 މާރޗްއާއި ހަމައަށް މަޑު ނުކުރާނެ ކަމަށެވެ. އަދި ރައީސް. މުއިއްޒުއަކީ ވަގެއް ކަމަށާއި, ވެރިކަމަށް ވަަޑައިގެންނެވީ ރައީސް ޔާމިނުގެ ނަން ޖެހި ހުސް ގޮނޑި ދައްކައިގެން ކަމަށްވެސް މަސްވެރިން ބުނެފައި ވެއެވެ. އަދި "ހުސް ގޮނޑި" ކޮބައިތޯ ސުވާލުކޮށް, މަސްވެރިން ވަނީ މަސްވެރިންނާއި ބައްދަލުކޮށް ޝިޔާމް ދައްކަވަމުން ގެންދެވި ވާހަކަތައް ހުއްޓުވާފައެވެ.
މަސްވެރިން ކޫއްޑޫގައި މިއަދު ހެނެދު ކުރަންފެށި މުޒާހިރާ އަދިވެސް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. އަދި މަސްވެރިންވަނީ ކޫއްޑޫގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށްވެސް ގެނެސްފައެވެ. ކޫއްޑޫގައި މުޒާހިރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ, އެމީހުންނަށް ދޭން ޖެހިފައިވާ 3 މަސްދުވަހުގެ ފައިސާ ދިނުމުން ނޫނީ ކޫއްޑޫގެ އޮޕަރޭޝަންތައް ފެށުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
މިއަދު މަސްވެރިން ކުރަންފެށި މުޒާހިރާ ހޫނުވާން ފެށުމާއެކު, ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ, މިހާރު މަސްވެރިންނަށް ދޭންޖެހިފައިވާ 280 މިލިއަން ރުފިޔާ އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސް ކުރާނެކަމަށެވެ.
އެހެންނަމަވެސް, ދައުލަތް ބަނގުރޫޓުވެ, ބޭންކު އޮފް މޯލްޑިވްސް އިނދަޖެހި, މިސަރުކާރުން އައިއެމްއެފްގެ ”ބޭންކްރަޕްސީ ޕެކޭޖް“އަށް ވަންނަން ނިންމާފައިވާއިރު, މިފައިސާ މި ސަރުކާރަށް މަސްވެރިންނަށް ދެވިދާނެކަމަށް މަސްވެރިން ގަބޫލެއް ނުކުރެއެވެ. އަދި ފައިސާ ދޭނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނެކަމަށްވެސް މުޒާހިރާކުރަމުންދާ މަސްވެރިން ވަނީ ބުނެފައެވެ.
ކޫއްޑޫގައި މިޒާހިރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ މުޒާހިރާ ހުއްޓާލާނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ޚަލާސްކޮށް ނިންމުމުން ކަމުގައެވެ.
މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދިޔަނަމަވެސް, ސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް މުވައްޒަފުން އިތުރު ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް ސަރުކާރުން މަދު ކޮށްފައެއް ނުވެއެވެ.
އެގޮތުން ފާއިތުވި ހަފްތާގައި 48 މީހުންގެ ބޮޑު ވަފްދަކާއެކު މުއިއްޒު ޔޫއޭއީއަށް ވަޑައިގެންފައިވާއިރު, އޭގެ ކުރީ ހަފްތާގައިވަނީ, މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, އަހަރަކަށް 60 މިލިއަން ރުފިޔާ ބަޖެޓް ކޮށް, އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް, ތުރުކީގައި އާ އެމްބަސީއެއްވެސް ހުޅުވާފައެވެ.
އަދި މިއަދު މުއިއްޒު ވަނީ ކޯޓު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި, ކުރީގެ ގާޒީއެއް ކަމުގައިވާ, ރާޣިބަށް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބުކަން ދީފައެވެ.