މަސްވެރިންނަށް ނުދެވި ހުރި 300 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހު ދޭން ސަރުކާރުން ނިންމައި އެގޮތަށް ހުށަހެޅުމުން ވެސް ހުރިހާ ފައިސާއެއް ނުދެނީސް ގއ. ކޫއްޑޫން ނުފައިބާނެ ކަމަށް އެ ރަށުގައި މުޒާހަރާކުރާ މަސްވެރިން ބުނެފި އެވެ.
އިއްޔެ ހެނދުނު ކޫއްޑޫގައި މަސްވެރިން މުޒާހަރާ ފެށީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބި ތިން މަސްވެއްޖެ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށެވެ. އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ށ. އަތޮޅުގައި ހުންނެވުމަށް ފަހު، ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ދޯނިތަކުގެ ކެޔޮޅުންނާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ބައިވެރި ދޯންޏެއްގެ ކެޔޮޅަކު "މިހާރު" އަށް ބުނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްކޮށް ނުދޭ ނަމަ އިހުތިޖާޖު ނުހުއްޓަން ނިންމާފައިވާ ކަމަށެވެ.
"މިނިސްޓަރު ހަމަ ވިދާޅުވަނީ ފިނޭންސުން އަންގާފައި ކަމަށް ވަނީ، އަންނަ މަހުގެ ފަހެއްގެ ކުރިން، ނުދެވި ހުރި ހުރިހާ ފައިސާއެއް ދެއްވާނެ ކަމަށް. އެކަމަކު އަޅުގަނޑުމެން ބުނިން އެގޮތެއް ބޭނުމެއް ނޫނޭ. ވަރަށް ވާހަކަ ދައްކައިގެން މިނިސްޓަރު އެއްބަސްވީ މި މަހުގެ 26،25 ހިސާބުގައި 100 މިލިއަންދޭން. ބާކީބައި އަންނަ މަހުގެ ފަހެއްގައި ދޭން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ކޫއްޑޫގައި ކުރަމުންދާ މުޒާހަރާ ހުއްޓާލައި، މަސްވެރިން އެ ރަށުން ފައިބައިގެންދާނީ ސަރުކާރުން ގަނެފައި ހުރި މަހަށްވާ ފައިސާ އެއްކޮށްދީ ނިންމުމުން ކަމަށެވެ.
"ރޯދަ މަސް އައިސް ޖެހިފައި މި އޮތީ. މަސްވެރިން މިތިބީ، ތިބި ހާލު. އިހުތިޖާޖު ހުއްޓާލައި ކޫއްޑޫއިން ފައިބައިގެނެއް އަޅުގަނޑުމެން ދާ ގޮތަކަށް ނޫން މި ތިބީ. ފައިސާ ލިބެންދެން އިހުތިޖާޖު ކުރާނަން،" އެ ކެޔޮޅު ބުންޏެވެ.
"މިފްކޯގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ އަޅުގަނޑުމެންނަށް ފައިސާ އެއްކޮށް ދިނުމުން ނޫނީ. މަސް ކިރުމާއި މަސް ހިއްކުމާއި އޮފީހުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ހުއްޓިފައި މިހާރު އޮތީ..."
ފައިސާ ދިނުމުން ނޫނީ މުޒާހަރާ ހުއްޓާނުލަން ނިންމި ސަބަބަކީ މީގެ ކުރިން ވެސް ސަރުކާރާ ވާހަކަ ދެކެވި، އެކަމަށް ހައްލެއް ނުލިބުމުން ކަމަށް އޭނާ ބުންޏެވެ.
"މިތާ ވެސް 30 ދޯނި އެބަ އޮތް. އެއީ ކިތައް މަސްވެރިން. އަޅުގަނޑުމެން އަތުގައި މިއަދު ނެތް އެކައްޗެއް ވެސް، ދަރައި ވިކިފައި މި ތިބީ. އަނެއްކާވީ އަނެއް މަސް ވަންދެން މަޑުކުރަން. އެންމެ ކުޑަމިނުން ކާންބޯން ގަނެލާނެ އެއްޗެއް ވެސް ނެތިފައި މި ތިބެން ޖެހެނީ،" އެ އިހުތިޖާޖުގައި ބައިވެރިވި މަސްވެރިއަކު ބުންޏެވެ.
ތިން މަސް ދުވަހަކީ ސަރުކާރަށް، މަސްވެރިންނަށް ފައިސާ ދިނުމަށް ދިން ވަރަށް ގިނަ ދުވަސް ކަމަށާއި ސަރުކާރުން ދައްކާ ވާހަކަތައް ގަބޫލުކުރަން ދަތި ކަމަށް އޭނާ ބުންޏެވެ.
އިއްޔެ މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން އަންނަ މަހުގެ ފަހަކުން ފެށިގެން މުޒާހަރާކުރަން ނުޖެހޭނެ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީ ނިންމުމަށެވެ.