ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައި އޮއްވައި، އެ ބިލު ތަސްދީގު ނުކުރައްވައި، މަޖިލިސް އިންތިހާބު އޮންނަނީ އަންނަ މާޗު 17، ގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާޗް 17 އަކީ ރަމަޟާން މަހެވެ. އެ މަހަކީ ރައްޔިތުން އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރާ މަހެއް ކަމުން، އަޅުކަން ދޫކޮށް ކިޔުގައި ތިބެ ވޯޓުލާން މީހުން ނުދާނެ ކަމަށް ވިސްނައި ވޯޓު ލުމުގެ ހައްޤުން މަހުރޫމް ކުރުމަށް މުއިއްޒު މިފަދަ ކަމެއް ކުރަން އުޅުމަކީ ދީނީ ގޮތުން ބެލި ކަމުގައި ވީ ނަމަވެސް، ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އަނިޔާވެރި ކަމެކެވެ.
ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ ރޭނގަޑު ކަމުން، ރޭ އަޅުކަމަށް އޭގެ އަސަރު ކުރާހެން އެތައް ހާސް ބައެއް ވޯޓު ގުނުމުގައި ތިބެން ޖެހުމާއި، ވޯޓުގައި މުއިއްޒު ހަދާ މަކަރުތައް ބަލަން އެތައް އޮބްޒާވަރުންތައް ތިބެން ޖެހުމަކީ މުއިއްޒުގެ އަނިޔާވެރިކަން އެއިން ރަމްޒު ކޮށްދޭ ކަމެކެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ރޯދަ މަހުގެ 10 ދުވަސް ފަހުން އެ އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ. އެއަށް ފަހު މިއަދަށް އަށް ދުވަސް ފާއިތުވިއިރު ވެސް ރައީސް އެ ބިލު ތަސްދީގެއް ނުކުރައްވަ އެވެ.
އެ ބިލު ތަސްދީގު ނުކުރައްވާ އޮތް އިރު، މިއަދު އައްޑޫގެ ހުޅުމީދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަންނަ މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.