ޚަބަރު

ޒުވާން މަސްވެރިޔާގެ ނަމުގައި ހަސަން ސާޖިންއާއި, ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނަމުގައި ކީޕަރ އިމްރާން ދަނީ ނާޖާއިޒް ފައިދާ ނަގަމުން! މަސްވެރިންގެ ޓެގު އަޅުވައިގެން, މަސްވެރިންގެ ހައްގުގައި މިމީހުން ވަކާލާތެއް ނުކުރޭ!

ދިޔަވަރު
ޒުވާން މަސްވެރިޔާގެ ނަމުގައި ހަސަން ސާޖިންއާއި, ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނަމުގައި ކީޕަރ އިމްރާން ދަނީ ނާޖާއިޒް ފައިދާ ނަގަމުން! މަސްވެރިންގެ ޓެގު އަޅުވައިގެން, މަސްވެރިންގެ ހައްގުގައި މިމީހުން ވަކާލާތެއް ނުކުރޭ!

ޒުވާން މަސްވެރިޔާގެ ނަމުގަައި އަމިއްލައަށް މަޝްހޫރުކަން ހޯދާ, އަދި ގިނަ ކުންފުނިތަކުން ސްޕރޮންސަރގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުންދާ ހަސަން ސާޖިން އާއި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނަމުގައި އުފައްދައިގެން އުޅޭ ޖަމިއްޔާއިން, މަސްވެރިންނަށް ސަރުކާރުން ދޭންޖެހިފައިވާ އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ހިފަަހައްޓައިގެން އުޅޭ މައްސަލާގައި މަސްވެރިންގެ ހައްގުގައި ވަކާލާތު ނުކުރުމުން މި ދެފަރާތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

ޒުވާން މަސްވެރިޔާގެ ނަމުގައި ސޯޝަލް މީޑިއާގައި އަމިއްލައަށް މަޝްހޫރުކަން ހޯދައިގެން, އެއްވެސް ވަރަކަށް މަހަށް ނުގޮސް, މަސްވެރިންގެ ނަން ބޭނުންކޮށްގެން އަމިއްލަ ކުންފުނިތަކުންނާއި އަދި ސަރުކާރުގެ މުވައްސަސާތަކުންވެސް ހަސަން ސާޖިން ސްޕޮންސަރގެ ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން ދިއުމާއި ގުޅިގެން އޭނާއަށް ފަހަކަށް އައިސް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އޭނާ ދަނީ, މަހަށް ނުގޮސް, ޒުވާން މަސްވެރިޔާގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް, ރަށްތަކަށް އަރާ, ކާބޯތަކެތީގެ ބައެއް ބްރޭންޑްތައް އިސްތިހާރުވެސް ކުރަމުންނެވެ. އަދި އެއްވެސް ހައިސިއްޔަތެއް ނެތި, އޭނާ ރަށްތަކަށް ދިއުމުން އެރަށްތަކުގެ ރަސްމީ މުވައްސަސާތަކުންވެސް އޭނާއަށް މަރުހަބާކިއުމަށް ރަސްމިއްޔާތުތައް ބާއްވަމުން ދާތީ އެފަރާތްތަކަށްވެސް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިން އެއް ސިނާއަތްކަމަށްވާ މަސްވެރިކަމާއި, އަދި ލެއާއި ދާ އޮހޮރުވައިގެން މަހައްދާ އެތައް މަސްވެރިންނެއްގެ ނަން ބޭނުންކޮށްގެން އޭނާ ދަނީ އަމިއްލަ މަންފާއަށް, ނާޖާއިޒު ފައިދާ ތަކެއް ނަގަމުންނެވެ. މަސްވެރިން ބުނާ ގޮތުގައި އޭނާ މިހާރު މަހަށް ނުދާތާ އެތައް އަހަރެއް ވަނީ ވެފައެވެ.

ހަމަ އެއާއެކު, މަސްވެރިންގެ ހައްގުގައި ވަކާލާތު ކުރުމަށް "ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން"ގެ ނަމުގައި އުފައްދައިގެން އުޅޭ ޖަމިއްޔާއަކީވެސް ބަޔަކު ސިޔާސީ މަންފާއެއް ހާސިލްކުރުމަށް އުފައްދައިގެން އުޅޭ ޖަމިއްޔާއެކެވެ. އެޖަމިއްޔާއިންވެސް, މަސްވެރިންގެ ފައިސާ ސަރުކާރުން ނުދީ ހިފަހައްޓައިގެން އުޅޭ މައްސަލާގައި, މަސްވެރިންގެ ހައްގުގައި އެއްވެސް ވަރަކަށް ވަކާލާތު ކޮށްފައެއް ނުވެއެވެ. ޓުވީޓެއްހާ މިންވަރުވެސް ކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް, ދާދިފަހުން އެ ޖަމިއްޔާއިން ވަނީ, ރާއްޖޭގެ ބައެއް ދޯނިތަކަށް އިންޑިއާ ސިފައިން އެރިކަމަށް ބުނާ މައްސަލާގައި އިންޑިއާއާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާ, ސަރުކާރު ދިފާއު ކޮށްފައެވެ. އަދި އެމައްސަލަ ސިޔާސީ ކުރުމަށް އެ ޖަމިއްޔާއިން އިސްވެ އޮވެ ގިނަ މަސައްތަކެއް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނަމުގައި އުފައްދައިގެން އުޅޭ ޖަމިއްޔާގެ ނާއިބު ރައީސަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރ އިމްރާންއެވެ. ދާދި ފަހުން އިންޑިއާ ސިފައިން އެރިކަމަށްބުނާ އަސުރުމާ ދޯނީގެ ވެރިފަރާތްކަމަށްވާ މުހައްމަދު މޫސާ (އަސުރުމާގެ, އދ. މަހުބަދޫ)އަކީ ކީޕަރ އިމްރާންގެ ބައްޕައެވެ. އަދި އިމްރާންއަކީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް(ޓޮމް)އާއި އާއިލީ ގޮތުން ވަރަށް ބޮޑަށް ތިމާގެ އަދި ވަރަށް ގާތް އެކުވެރިއެއްވެސް މެއެވެ. އަދި ދެމީހުންނަކީ ވިޔަފާރި ޕާޓްނަރުންވެސް މެއެވެ.

އެހެންކަމުން މި ޖަމިއްޔާއަކީ ސަރުކާރުގެ ނުފޫޒުގެ ދަަށުވެފައިވާ, މަސްވެރިންގެ ޓެގު އަޅުވައިގެން އަމިއްލަ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެއްކަމަށް މިހާރު ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދި މަސްވެރިންގެ ހައްގުގައި އެއްވެސްވަރަށް ވަކާލާތުކޮށް, ސަރުކާރުގެ ނުފޫޒުގެ ދަށުވެފައިވާ ޖަމިއްޔާއިންނާއި, ޒުވާން މަސްވެރިޔާގެ ނަމުގައި ނާޖާއިޒް ފައިދާ ނަގަމުންދާ ހަސަން ސާޖިން މަސްވެރިންގެ ނަން ބޭނުން ކޮށްގެން އަމިއްލަ މަންފާތައް ހާސިލކުރަމުން ނުދިއުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.