ޚަބަރު

ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު, ފުވައްމުލަކަށް ވަޑައިގަތުމުން އެރަށުންވެސް މުއިއްޒުއަށް ހުސް ގޮނޑި ދައްކާލައިފި

ދިޔަވަރު
ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު, ފުވައްމުލަކަށް ވަޑައިގަތުމުން އެރަށުންވެސް މުއިއްޒުއަށް ހުސް ގޮނޑި ދައްކާލައިފި

ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައްކައިގެން މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެރަށުންވެސް މުއިއްޒުއަށް ހުސް ގޮނޑި ދައްކާލައިފިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ދޮގު ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައިކައިގެންނެވެ.

އެގޮތުން, ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.

އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދާއި ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ.

މުއިއްޒު ރައީސް ޔާމިނަށް އަނިޔާވެރިވަމުން ދިއުމާއި ގުޅިގެން, މުއިއްޒު ވަޑައިގަންނަވަމުން ގެންދަވާ ކޮންމެ ރަށަކުންވެސް, ރައީސް ޔާމިންގެ ސަޕޯޓަރުން ގެންދަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑިއެއް ދައްކާ, ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ވިދާޅުވެ މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެމަތިން މުއިއްޒުއަށް ހަދާން ކޮށްދެމުންނެވެ.

އެގޮތުން މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވުމާއެކު, އެރަށުގެ ރައީސް ޔާމިންގެ ސަޕޯޓަރުންވަނީ މުއިއްޒުއަށް މަރުހަބާ ކިއުމަށް, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި މުއިއްޒުއަށް ދައްކާލާ, މުއިއްޒު ވީ ވައުދުތަކުގެ މަތިން ހަނދާން ކޮށްދީފައެވެ.

ފުވައްމުލަކަކީ ރައީސް ޔާމިނަށް ތާއީދުކުރާ ގިނަބަޔަކު ތިބި ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.