ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ގިނައިން ސިޔާސީ މީހުން ވެއްދި އެއް މިނިސްޓްރީ ކަމަށްވާ ފޮރިން މިނިސްޓްރީން ވަޒީފާ ދީފައިވާ އެތައް ސަތޭކަ މުވައްޒަފުންގެ ތެރެއިން ބޭރުގެ އެކި އެމްބަސީތަކަށް ފުރަންޖެހިގައިވާ 60 މުވައްޒަފުން, މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތައް ވަޒީފާއަށް ނިކުންނަން ޖެހި, މިނިސްޓްރީގެ އިމާރާތުގައި އެމުވައްޒަފުން ތިބޭނެ ގޮނޑި މޭޒު ނެތުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ގިނަ ސިޔާސީ މުވައްޒަފުން ވައްދަމުންދާ އެއް މިނިސްޓްރީއަކީ ފޮރިން މިނިސްޓްރީއެވެ. އަދި އެމިނިސްޓްރީއަށް ވައްދަމުންދާ ގިނަ މުވައްޒަފުންނަކީ އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނަ, އެކްޓިވިސްޓުންނަށް ވުމުން އެ މުވައްޒަފުންގެ ބޭނުން އެއްވެސް މަސައްކަތެއްގައި ބޭނުން ނުކުރެވޭކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
އޮފިބަލް ވިދާޅުވީ ބައެއް މުވައްޒަފުންނަށް ވިސާ ހަމަނުޖެހިގެންވެސް ނުފުރިފައިވާ ކަމުގައެވެ.
މިނިސްޓްރީއަށް ވައްދާފައިވާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ލަވަ ކުޅުއްވާ އަލީ ސީޒަންވެސް ހިމެނެއެވެ. ދާދިފަހުން ސޯޝަލް މީޑިއާއަށް އާންމު ވެފައިވާ އޭނާގެ ސީވީން އެގެންހުރި ގޮތުގައި އޭނާ ހަދާފައިވަނީ ފިލްމް ޕްރޮޑޮކްޝަން ކުރު ކޯހެކެވެ. އޭނާވެސް މިހާރުވަނީ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި މަސައްކަތް ކުރަން ފަށާފައެވެ.
ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު “ދިޔަވަރު އޮންލައިން”އާއި ވާހަަކަދަކަމުން ވިދާޅުވެފައިވަނީ ސިޔާސީ ގިނަބަޔަކަށް މިހާރު ފޮރިން މިނިސްޓްރީން ވަޒީފާ ދީފައިވާއިރު, މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތުގެ އެތެރޭގައި އެމީހުން ތިބޭނެ ޖާގަ ނެތްކަމުގައެވެ. އެގޮތުން އޭގެ ތެރެއިން ގިނަ މީހުން ރަސްމީ ގަޑީގެ ގިނަ ވަގުތު ހޭދަ ކުރަމުންދަނީ އިމާރާތުގެ އެކި ފްލޯތަކުގެ ބެލްކަނި ތަކުގައި ގޮނޑި ބަހައްޓައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އޮފިޝަލް ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ އިނގިރޭސިބަހުން ލިޔަން އަދި ކިޔަންވެސް ނުދަންނަ މީހުންނަށް ވުމުން, އެމީހުންނާއި ހަވާލުކުރާނެ މަސައްކަތެއްވެސް މިނިސްޓްރީގައި ނެތްކަމުގައެވެ.
ފޮރިން މިނިސްޓްރީއަކީ ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި ޚިލާފަށް, ގައުމުން ބޭރާ މުއާމަލާތު ކުރާންޖެހޭ ތަނަކަށް ވުމާއެކު, އެމިނިސްޓްރީއަށް ވައްދާ, ބޭރުގެ އެމްބަސީތަކުގައި ވަޒީފާ އަދާކުރާންޖެހޭ މުވައްޒަފުންގެ ކޮންމެވެސް ވަރެއްގެ ތައުލީމީ ފެންވަރެއް ހުރުން މުހިންމު ވެއެވެ. އެހެންކަމުން, އެމިނިސްޓްރީއަށް ވައްދާ މުވައްޒަފުންނަށް އިނގިރޭސިބަހުން ލިޔަން ކިޔަން ނޭގޭނަމަ އެމުވައްޒަފުން ކުރާނެ މަސައްކަތެއް ނޯވެއެވެ.
މި ސަރުކާރު ހިމެނިގެން ގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ސިޔާސީ މަގާމްތައް ދިން ސަރުކާރު ކަމުގައެވެ. އަދި ސިޔާސީ ގިނަ މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ކަމަށް ގާބިލް ނޫން މީހުންކަންވެސް ފާހަގަ ކޮށްލެވެއެވެ.