ޚަބަރު

ރިޔާސީ ކެމްޕޭންގައި މުއިއްޒު ވައުދުވީ ގޮތަށް, 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭކަށް ނެތް: ޝިޔާމް

ދިޔަވަރު
ރިޔާސީ ކެމްޕޭންގައި މުއިއްޒު ވައުދުވީ ގޮތަށް, 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭކަށް ނެތް: ޝިޔާމް

ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވި ގޮތަށް, މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެވެން ނެތްކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިއަދު މަޖިލީހަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދެން މި ސަރުކާރުން ފައިސާ ދޫކުރާނީ ހަފްތާއިން ހަފްތާއަށް ކަމަށާއި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ދޫކުރުން ކަމަށެވެ.

އަދި އޭނާ ވިދާޅުވީ މިހާރު މަސްވެރިންނަށް ނުދީ ހުރި 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ އެ މުއްދަތުގެ ކުރިން ދިނުމަށްފަހު ބާކީ ހުރި 180 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަަނަ ދުވަހުގެ ކުރިން ދައްކާނެ ކަމަށެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރޯދަމަހުގެ ކުރިން އަރައިގަންނާނަން. އަދި މިހާރު އެކިއުމުލޭޓް މިވަމުންދާ ހަރަދުތައް، އެއީ މަހުގެ އަގަށް މިގެނެވުނު ބަދަލު ގެނެވުނު ދުވަހުން ފެށިގެން މިހިނގާ ދުވަސްތަކުން ހަފްތާއިން ހަފްތާއަށް މިހާރު އެވަނީ މިފްކޯ އިން ފައިސާ ދައްކަން [ފަށާފަ]. މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގަ އެންމެ ފަހު ހަފްތާއަށް 26 މިލިއަން ރުފިޔާ ދައްކަން މަސައްކަތް ކުރަނީ.

ޝިޔާމް ވިދާޅުވިއެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގެ ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވައުދުވީ މަސްވެރިން ބާނާ މަހަށްވާ ފައިސާ 48 ގަޑިއިރު ތެރޭގައި ދީ ޚަލާސް ކުރާނެ ކަމުގައެވެ.

އެހެންނަމަވެސް, މަސްވެރިންނަށް މިސަރުކާރުން ދޭން ޖެހޭ 300 މިލިއަން ރުފިޔާ ނުދީ 3 މަސްް ފާއިތުވުމާއި ގުޅިގެން ގއ. ކޫއްޑޫގައި މަސްވެރިން ދަނީ މުޒާހިރާ ކުރަމުންނެވެ.

އަދި ފާއިތުވި 3 ދުވަހު މަސްވެރިން ކުރި އިހުތިޖާޖުތަކާއެކުވެސް, މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ދެކޮޅު ހެދުމާއި ގުޅިގެން, މިއަދު މެންދުރާއި ހަމައަށް ސަރުކާރަށް ވަގުތު ދިނުމަށްފަހު, މަސްވެރިންގެ ފައިސާ ދޫނުކޮށްފިނަމަ, މުޅި ކޫއްޑުއިން ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރު އިހުތިޖާޖު ކުރަމުންދާ މަސްވެރިން ވަނީ ދީފައެވެ.

މަސްވެރިން ކުރަމުންދާ މުޒާހިރާ ކޮންޓްރޯލް ނުކުރެވިގެން, ފިޝަރީޒް މިނިސްޓަރ ޝިޔާމްގެ އިތުރުން މިފްކޯގެ އެމްޑީވެސް ވަނީ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާއި މަޝްވަރާ ކޮށްފައެވެ. އަދި 300 މިލިއަން ރުފިޔާގެ ތެރެއިން 22 މިލިއަން ރުފިޔާ ދެވިދާނެކަމަށް ވިދާޅުވެ, މަސްވެރިން ކުރަމުންދާ ހަޅުތާލު ހުއްޓާލުމަށް މިފްކޯގެ އެމްޑީ އެދުނު ނަމަވެސް, މަސްވެރިން ބުނެފައިވަނީ މުޒާހިރާ ހުއްޓާލާނީ މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ އެއްފަހަރާ ދިނުމުން ކަމުގައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެމުން މުޒާހިރާގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މަސްވެރިޔަކު ބުނެފައިވަނީ, ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުޑަ ފައިސާ ކޮޅެއް ދިނުމަށްފަހު, މަސްވެރިން ”ގުނބޯ“ ހެއްދުމަށް ކަމުގައެވެ.

އަދި އޭނާ ބުނެފައިވަނީ, ފާއިތުވި ފެބްރުއަރީމަހުވެސް ފައިސާ ދޭނެކަމަށް ބުނެ, އެތައް ދޮގެއް ސަރުކާރުން ހަދާފައިވާ ކަމަށާއި, ސަރުކާރުން ދޭ އެއްވެސް ތާރީޚަކަށް މަސްވެރިން ދެން އިތުބާރު ނުކުރާނެ ކަމުގައެވެ.

މި ސަރުކާރުން ރާއްޖޭގެ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން, ގއ. ކޫއްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖު ވަރުގަދަ ކުރުމާއެކު, ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު މިހާރުވަނީ ކެންސަލް ކުރައްވާފައެވެ.

ރައީސް މުއިއްޒުއާއެކު ރާއްޖޭގެ ދެކުނަށް މިހާރު ދަތުރު ކުރައްވަމުން ގެންދަވާ ބޭފުޅަކު ނަން ހާމަނުކުރުމަށް އެދި ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ގޮތުގައި, މުއިއްޒުގެ މި ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ވަޑައިގަތުމަށް އޮތީ ތާވަލު ކުރެވިފައެވެ.

އަދި ކޫއްޑޫގައި މަސްވެރިން ކުރަންފެށި މުޒާހިރާ, ފިޝަރީޒް މިނިސްޓަރ ފޮނުއްވައިގެން ހުއްޓުވޭތޯ މުއިއްޒު މަސައްކަތް ކުރެއްވީ ވިލިގިލީ ދަތުރު ކެންސަލް ނުކޮށްވާނެ ގޮތެއް އޮތްތޯ ބެއްލެވުމުގެ ގޮތުންކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް, މުޒާހިރާ ކުރަމުންދާ ފަރާތްތަކުގެ އިހުސާސް ހުރި ގޮތުން, އެމީހުންނާ ކުރިމަތިލައްވަން މުއިއްޒު ބޭނުންފުޅު ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިން ކޫއްޑޫގައި އިހުތިޖާޖް ކުރަމުންދަނިކޮށް, ގއ. ވިލިގިއްޔަށް މުއިއްޒު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރެއްވުމުން, މުއިއްޒުގެ މި ނިންމެވުން މަސްވެރިން ސިފަކުރަމުންދަނީ ފިނޑި އަމަލެއްގެ ގޮތުގައެވެ.

އަދި މިއީ, މަސްވެރިންގ ފައިސާ ހިފެހެއްޓުމަށްފަހު, ދައުލަތުން ސިޔާސީ ބޭނުމަށް ބޭކާރު ބޮޑެތި ޚަރަދު ކުރަމުންދާނީ, މަސްވެރިންނަށް ދޭނެ ޖަވާބެއް ނެތުމުން މުއިއްޒު ނިންމެވި ނިންމެވުމެއްކަމަށްވެސް މަސްވެރިން ބުނެފައި ވެއެވެ.

ރައީސް މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ރިޔާސީ އިންތިޚާބުގައި ވީ ވައުދުތަކަށް ޚިޔާނާތްތެރިވަމުންދާ ވެރިއެއްގެ ގޮތުގައެވެ. މުއިއްޒުގެ ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން މަކަރާއި ހީލަތުންކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބުނަމުންނެވެ.