އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިއްޖެއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ޝާހިދު އެކަނި ކަމަށެވެ. އެހެންވެ، ޝާހިދު އިންތިހާބަކާ ނުލައި އެ މަގާމަށް ހޮވިފައިވާ ކަމަށް ވެސް އެމްޑީޕީގެ އިއުލާންގައިވެއެވެ.
އެމްޑީޕީގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު 21 ޖޫން 2023 ވަނަ ދުވަހު ޕާޓީން ވަކިވެ ވަޑައިގަތުމާއި ގުޅިގެން ޕާޓީގެ ރައީސްގެ މަގާމު ވަނީ ހުސްވެފައެވެ. އެމްޑީޕީގެ ވެރިކަން 2023 ގައި ބަދަލުވުމާއެކު އެމްޑީޕީގެ ވަގުތީ ރައީސަކަށް ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
މީގެ ކުރިން އެމްޑީޕީގެ ރައީސް މަގާމަށް އެކަކު ކުރިމަތިލި ނަމަވެސް ފެންނަ ނުފެންނަ ވޯޓަކާ ނުކުންނަން ޖެހެއެވެ. ނަމަވެސް 2022، ވަނަ އަހަރު ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުން އެންމެ މީހަކު ކުރިމަތިލައިފިނަމަ ފެންނަ ނުފެންނަ ވޯޓެއް ނެތި ވަގުތުން އެ މަގާމު ލިބެ އެވެ.
ޝާހިދުއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެ ސަރުކާރުގެ އެންމެ ބޮޑު ހާރިޖީ ކާމިޔާބީގެ ގޮތުގައި ސިފަކުރާ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުވެސް ޝާހިދު ވަނީ ބަލަހައްޓަވައިފައެވެ.
ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުގެ މަގާމު ދެ އަހަރު ދުވަހު އަދާ ކުރެއްވި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމުގެ އިތުރުން ވ. އަތޮޅުގެ މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރު ކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަން އޭނާ ކުރެއްވި އެވެ. ކެޔޮދޫ ދާއިރާގެ މެންބަރަކަށް ހުންނެވި ދައުރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ޝާހިދު ފުރުއްވިއެވެ.