މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އިސްމާއީލް މިއަދު މަގާމުން ވަކިކޮށްފައިވަނީ އެއްވެސް ސަބަބެއް އެންގުމަކާނުލާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ހުސެއިން ވިދާޅުވީ ރައީސް އޮފީހުން ރޭގަ ގުޅާފަ ކުއްލިއަކަށް އެންގީ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ކަމަަށާއި, ސިޓީ އެބަ ފޮނުވާލާކަމަށް ވިދާޅުވި ކަމަށެވެ.
މަގާމުން ވަކި ކުރި ވާހަކަ ބުނަން މި ގުޅާލީ. ސިޓީ އެބަ ފޮނުވަން. އެގޮތަށް ވިދާޅުވީ.
ރައީސް އޮފީހުން އެއްވެސް ސަބަބެއް ނުދައްކާ ކުއްލިއަކަށް އޭނާ ވަޒީފާއިން ވަކިކުރި ގޮތް ސާފުކޮށްދެއްވަމުން ހުސެއިން ވިދާޅުވިއެވެ.
ހުސެއިން މަގާމުން ވަކިކުރީ ރޭގެ ވަގުތެއްގައެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ހުސެއިން ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަދުވަހުއެވެ.
ހުސެއިން ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގެންނެވީ އެމްއެންޕީގެ ސްލޮޓެއްގައެވެ. އަދި އެޕާޓީ އަދިވެސް އޮތީ މި ސަރުކާރުގެ ކޯލިޝަންގައެވެ.
އެހެންނަމަވެސް މުއިއްޒު ރިޔާސީ އިންތިޚާބުގައި ވި ވައުދުތަކަށް އިހުތިރާމް ކުރަމުން ނުދާފަދައިން, އެހެން ޕާޓީތަކާއިއެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުންތަކަށްވެސް އިހުތިރާމެއް ނުބަހައްޓާކަން ފާހަގަ ކޮށްލެވެއެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އަދިވެސް ދެ ބޭފުޅުން ތިއްބަވައެވެ. އަދި މިނިސްޓްރީގެ 3 ޑެޕިއުޓީ މިނިސްޓަރުންވެސް ތިއްބަވައެވެ.