ރައީސް މުއިއްޒު ރައްޖޭގެ ދެކުނުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގައްދުއަށް ވަޑައިގަތުމުން އެރަށު ބަދަރަށް މީހުން ނެރުމަށް ބޮލަކަށް 1,000 ރުފިޔާ ދީފައިވާކަމުގައި, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ގައްދޫއިން "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ފަރާތުން ކިޔައިދިން ގޮތުގައި މިމަހުގެ ކުރީކޮޅު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއައި އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ގައްދުއަށް ކުރި ދަތުރުގައި މަރުހަބާ ކިއުމަށްވެސް އެއްވެސް ބަޔަކު ނުދިއުމާއި, އަދި އެރަށުން ހުސްގޮނޑި ދައްކާފައި ވުމުގެ އިތުރުން, ޕީއެންސީގެ ޓިކެޓްވެސް މަކަރާއި ހީލަތުން އިސްމާއިލް ޝަފީއުގެ ކޮއްކޮއަށް ދީފައި ވުމުގެ ސަބަބުން މުއިއްޒު ދަތުރާއި ދިމާކޮށް, ގައްދޫގައި ވަރަށްވެސް ބޮޑަށް ނުތަނަވަސްކަން ހުރި ކަމަށެވެ.
އެހެންކަމުން މިއަދު މީހުން ނެރެން ޖެހުނީ 1,000 ރުފިޔާގެ މަގުން މީހުންނަށް ފައިސާ ދީގެން ކަމަށާއި, މުއިއްޒުއަށް މަރުހަބާ ކިޔަން ނިކުމެ ތިބި މީހުންގެ ތެރޭގައި ހުރިހާ ޕާޓީއެއްގެ މީހުންވެސް ހިމެނޭކަމުގައިވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.
މުއިއްޒު މިއަދު ގައްދުއަށް ވަޑައިގެން، ގައްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމަށް، ގައްދޫ ކައުންސިލްގެ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުން ނުދިޔައީވެސް ގައްދޫ ދާއިރާގެ ޕީއެންސީގެ ޓިކެޓް ވަކި ފަރާތަކަށް ދިނުމުގައި ހުރި ހިންމަހަމަ ނުޖެހުންތަކާއި ގުޅިގެންނެވެ.
މުއިއްޒު މިއަދު ގައްދޫއަށް ކުރެއްވި ޒިޔާރަތުގައި، ގައްދޫގައި ބޭއްވި ބައްދަލުވުމަށް ދިޔައީ 7 ކައުންސިލަރުން ތިބޭ ކައުންސިލްގެ އެންމެ މެމްބަރެކެވެ. މި ބައްދަލުވުމަށް ވަޑައި ނުގަތް މެމްބަރުންގެ ތެރޭގައި ކައުންސިލްގެ ރައީސްއާއި އަދި ނައިބު ރައީސްވެސް ހިމެނެއެވެ.
ފާއިތުވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ޕީއެންސީގެ ޓިކެޓް ލިބުނީ މަހްމޫދު ޝަފީޤު (މަހާ)އަށެވެ. އޭނާއާއި ވާދަކޮށްފައިވަނީ، ފާއިތު 5 އަހަރު ގައްދޫގައި ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހުންނެވި އަހުމަދު ޝަހުބާދުއެވެ. މަހާއަށް ޓިކެޓް ލިބުނުކަމަށް ޕީއެންސީން ނިންމީ ވޯޓު ލީދުވަހު ޖެހުނު މައްސަލަތަކަށްފަހު އެދުވަހު ނަތީޖާ އިއުލާން ނުކޮށް، ފަހުން މައްސަލަ ބެލުމަށްފަހުއެވެ. އެހެންނަމަވެސް އޭނާއަށް ޓިކެޓް ދިންއިރުވެސް، ވޯޓާސް ލިސްޓަށްވުރެ އިތުރަށް މާލޭ ފޮއްޓަށް ވޯޓު ލާފައިވާކަމަށް ބުނެ ޖެހުނު މައްސަލަތަކަށް ހައްލެއް ހޯދާފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާވަނީ ފަހުން ނަން އަބުރާ ގެންގޮސްފައެވެ.
އަދި ޕީއެންސީގެ ޓިކެޓްގައި މިހާރު އެދާއިރާއަށް ވާދަކުރަނީ، އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި، އެރަށަށް ނިސްބަތްވާ އިސްމާއިލް ޝަފީއުގެ ކޮއްކޮއެވެ. ޝަފީއުގެ ކޮއްކޮ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށްފައެއް ނުވެއެވެ. ޕްރިމަރީން ބަލިވިކަމަށް ނިންމި އަހުމަދު ޝަހުބާދު އިންތިޚާބުގައި މިހާރު ވާދަކުރައްވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ބޭނުންވާ ފަރާތްތަކަށް ޓިކެޓް ދިނުމުގެ ބޭނުމުގައި ޕީއެންސީގެ ޕްރައިމަރީގެ ގިނަ ދާއިރާތަކުގެ ވޯޓުވަނީ ވަރަށް ބޮޑަށް އޮޅުވާލާފައެވެ.