ހުވަދު އަތޮޅުގެ އިތުރުން މުޅި ދެކުނު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ގދ. ތިނަދޫގައި އިއުލާނު ކުރެއްވި ތިނަދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫޢު ތައިލޭންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އެވާޑް ކޮށްފައި ވަނިކޮށް, އެ ކުންފުންޏަކީ މަލްޓި މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް, އަދި ހަމައެކަނި އަންނައުނު އެކްސްޕޯޓުކުރުމުގެ ނަމުގައި އުއްދާފައިވާ "ޕޭޕަރ" ކުންފުންޏެއްކަން ސާބިތު ވުމާއި ގުޅިގެން މި ސަރުކާރުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކަށް ޖަވާބުދާރީ ނުވެ, ސަރުކާރުގެ އިސްވެރިން ހަނު ތިބެއްޖެއެވެ.
ރައީސް މުއިއްޒު މިހާރު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ގދ. ތިނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެކު ތިނަދޫގެ ފަޅުގައި އިންޓަރނޭޝަނަލް އެއަރޕޯޓު އެޅުމުގެ ބިޔަ މަޝރޫޢުގައި ސޮއި ކޮށްފައެވެ.
އަދި މި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު, އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ މި ޕްރޮޖެކްޓަކީ މުޅި ހުވަދޫ އަތޮޅު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް ކަމަށާއި, ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް އިން ހުވަދޫ އޮތޮޅުގައި 12 ރިސޯޓުވެސް ތަރައްގީ ކުރާނެ ކަމުގައެވެ.
އަދި އޭނާ ވިދާޅުވީ މުޅި މަޝްރޫޢުވެސް ހިންގާނީ އެކުންފުނީގެ އަމިއްލަ ޚަރަދުގައި ކަމުގައެވެ.
އެހެންނަމަވެސް, މިމަޝްރޫޢުގައި ސަރުކާރުން ސޮއި ކޮށްފައި ވަނިކޮށް, ތައިލޭންޑުގެ ކުންފުނިތަކުގެ މައުލުމާތު އެގެންހުންނަ "ކޮމްޕެނީސްހައުސް" ވެބްސައިޓުން އެގެންހުރި މައުލޫމާތުތަކުން އިނގޭގޮތުގައި ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް ކުންފުންޏަކީ ޕޭޕަރ (ސްކޭމް ހިންގުމަށް އެކަނި ރަޖިސްޓްރީ ކޮށްފައިވާ) ކުންފުންޏެކެވެ.
މިކަން, އެކުންފުނީގެ ޕްރޮފައިލް މައުލޫމާތުން އެގެން އެބަހުއްޓެވެ. އެގޮތުން މި ކުންފުންނިން ކުރާ މަސައްކަތެއްގެ ގޮތުގައި އަންނައުނު އެކްސްޕޯޓު ކުރުން ބަޔާން ކޮށްފައިވާއިރު, މިކުންފުންޏަށް އެއްވެސް އާމްދަނީއެއް ލިބޭކަމަށް ބަޔާން ކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އެ ކުންފުނިން ކޮށްފައިވާ ވިޔަފާރިން 83 އެމެރިކާ ޑޮލަރު ގެއްލުންވެފައިވާކަމަށް ލިބުނު އާމްދަނީއާއި ކުރެވުނު ޚަރަދުގެ މައުލޫމާތުގައި ހިމަނާފައި ވެއެވެ.
ބޮޑު އޮޅުވާލުމެއްގެ ތެރެއިން, ތިނަދޫ ރައްޔިތުން ގޮބޯ ހެއްދުމަށްފަހު, ސްކޭމް ކުންފުންޏަކަށް ތިނަދޫ އެއަރޕޯޓުގެ މަޝްރޫއު އެވާރޑްކޮށްފައިވާއިރު, އަދި އެއަށްފަހު ކުރެވެމުންދާ ތުހުމަތުތަކަށްވެސް ސަރުކާރުގެ އިސްވެރިން އަދިވެސް ތިބީ ހަނުއެވެ. ރައީސް މުއިއްޒުވެސް, އަދި މަޝްރޫޢުގައި ސޮއި ކޮށްފައިވާ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްގެ ނަމުގައި ހަދާފައިވާ ޕޭޕަރ ކުންފުނިން އެކި ފަހަރުމަތިން, ސްކޭމްތައް ހިންގައިގެން ކަޅު ފައިސާ ދައުރުކުރުމަށްޓަކާ ރާއްޖޭގައި މަސައްކަތް ކޮށްފައި އެބަހުއްޓެވެ.
އަދި މިފަހަރުވެސް މިސަރުކާރުގެ އިސް ބައެއް ވެރިންވަނީ މިކުންފުނިން މިހާރު ފައިސާ ނަގާފައެވެ. ޚުދު ރައީސް މުއިއްޒުވެސް ވަނީ ކުރިޔަށް އޮތް މަޖިލިސް ކެމްޕޭނަށް ޚަރަދު ކުރުމަށްކަމަށްބުނެ ޕޭޕަރ ކުންފުނީގެ ވެރިންގެ ގޮތުގައި ރޭގެ ރަސްމިއްުޔާތުގައި ބައިވެރިވި ވޮރަޗާތު ޕެތުނުންތަވޮންގު އަދި ޖިރާތު ޕެތުނުންތަވޮންގު އަތުން ފައިސާ ނަގާފައެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ނެންގެވީ ކިހާ ފައިސާއެއްކަމެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.