އެމްޓީސީސީގައި މަސައްކަތް ކުރަމުންދާ, އެކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޝަންސް އޮފިސަރ ހުސެއިން ނައުފަލް ނާސިރުއާއި, އޭނާ ދަށުން މަސައްކަތް ކުރަމުންދާ އިބުރާހިމް އަސްއަދު މަގާމުގެ ބޭނުން ކޮށްގެން އެކުންފުނިން ބޮޑެތި ވައްކަންތައް ކުރަމުންދާކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން"އަށް ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތުދިން އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑެޕިއުޓީ ޗީފް އޮޕަރޭޝަންސް އޮފިސަރ ނައުފަލްއަކީ, ރައީސް މުއިއްޒުގެ އަމިއްލަ ޑްރައިވަރުގެ ދަރިފުޅެވެ. އޮފިޝަލް ވިދާޅުވީ, އެމްޓީސީސީގެ ޔުނިޓް މެނޭޖަރެއްގެ މަގާމްގައި ހުރި ނައުފަލް އެކުންފުނީ ޑެޕިއުޓީ ޗީފް އޮޕަރޭޝަންސް އޮފިސަރގެ މަގާމަށް ހަމަޖައްސާފައިވަނީ ކުންފުނީގެ އުސޫލުތައްވެސް ބަދަލު ކޮށްގެން ކަމުގައެވެ. އެއީ އެމަގާމަށް އޭނާގެ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ ނައުފަލްގެ އަމިއްލަ އެޕާޓްމަންޓުގެ ފަރުނީޗަރާއި އަދި އެނޫންތަކެތިވެސް ހަމަ ކޮށްފައިވަނީ އެމްޓީސީސީން އޭނާ ވަގަށް ނަގާފައިވާ ތަކެތިން ކަމުގައެވެ.
އެމްޓީސީސީގެ ލޯކަލް ޕްރޮޖެކްޓުތަކުންނާއި އަދި މެޓީރިއަލް ޕްރޮކިއުމަންޓްއިން ބޮޑެތި ކަޓުތައް ނަގާ, އެކުންފުނިން ނައުފަލް ކުރަމުންދާ ވައްކަންތަކުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ ނައުފަލްގެ ދަށުން މަސައްކަތް ކުރަމުންދާ އިބުރާހިމް އަސްއަދުކަަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ކުންފުނީގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި, އެމްޓީސީސީގައި ކުރަމުންދާ ބޮޑެތި ވައްކަންތަކުގެ ފަހަތުގައި, މުއިއްޒުގެ އަމިއްލަ ޑްރައިވަރުގެ ދަރިފުޅު ހުރުމާއި ގުޅިގެން, އެމްޑީސީސީގެ ސީއީއޯ އަބުދުالله ޒިޔާދުއަށް މިވަންކަންތަކާއި ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅުއްވާކަށް ކެރިވަޑައެއް ނުގަންނަވައެވެ. އަދި އޭނާ ކުންފުނީގެ ސީއީއޯއެއްގެ ގޮތުގައި ހުންނެވީ އެއްވެސް އާރެއް ބާރެއް ނެތް މީހެއްގެ ގޮތުގައި ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒު ކުންފުނިތަކުގެ އިސް މަގާމްތަކަށް އައްޔަން ކުރަމުންދަނީ އެމަނިކުފާނާ ގާތްކަން އޮންނަ މީހުން އެކަންޏެވެ. އެއީ ސީދާ ރައީސް މުއިއްޒު އިސްވެ ހުންނަވާ ކުންފުނިތަކުން ވައްކަން ކުރުމުގެ މަގުސަދުގައި ގެންގުޅުއްވާ ސިޔާސަތެއްކަމުގައި މުއިއްޒު ގާތް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.