ހުވަދު އަތޮޅުގެ އިތުރުން މުޅި ދެކުނު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫގައި އިއުލާނު ކުރެއްވި ތިނަދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫޢު ތައިލޭންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އެވާޑް ކުރި އެއްބަސްވުމުގައި އެކުންފުނިން ރާއްޖޭގައި ފްލައިން ސްކޫލެއް ގާއިމް ކުރުމަށް އެއްބަސްވެފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މިމަޝްރޫޢާއި ގުޅޭގޮތުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުންނެވެ.
ތިނަދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫޢު ތައިލޭންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އެވާޑް ކޮށްފައި ވަނިކޮށް, އެ ކުންފުންޏަކީ މަލްޓި މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް, އަދި ހަމައެކަނި އަންނައުނު އެކްސްޕޯޓުކުރުމުގެ ނަމުގައި އުއްދާފައިވާ “ޕޭޕަރ” ކުންފުންޏެއްކަން ސާބިތު ވުމާއި ގުޅިގެން މި ސަރުކާރުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކާއި ގުޅޭގޮތުން ސަރުކާރުގެ އިސް އޮފިޝަލުން މިހާތަނަށް ހަނު ތިބި ނަމަވެސް, އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިއަދުވަނީ ބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި މިނިސްޓްރީން ބުނެފައިވަނީ، ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ހުށަހަޅާފައި ވަނީ ހަތަރު ކިލޯ މީޓަރު ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕެސެންޖާ ޓަމިނަލް އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހައި ވަސީލަތްތައް ގާއިމު ކުރުމަށް ކަމަށެވެ.
އަދި މިނިސްޓަރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި އަދި ފްލައިން ސްކޫލެއް ތަރައްގީ ކުރުމަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އިންފްރާސްޓްރަކްޗަރ މިނިސްޓަރ އޭރު ވިދާޅުވެފައިވަނީ, އެކުންފުނިން ހުވަދޫ އޮތޮޅުގައި 12 ރިސޯޓު ތަރައްގީ ކުރާނެ ކަމުގައެވެ. އެހެންނަމަވެސް އެ މަޝްރޫއު ހުރިހާ ތަފްސީލެއް ސަރުކާރުން އޮތީ ސިއްރު ކޮށްފައެވެ.
ތިނަދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫޢު ތައިލޭންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އެވާޑް ކޮށްފައި ވަނިކޮށް, އެ ކުންފުންޏަކީ މަލްޓި މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް, އަދި ހަމައެކަނި އަންނައުނު އެކްސްޕޯޓުކުރުމުގެ ނަމުގައި އުއްދާފައިވާ “ޕޭޕަރ” ކުންފުންޏެއްކަން ސާބިތު ވުމާއި ގުޅިގެން މި ސަރުކާރުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުން, މިމަޝްރޫއާއި ގުޅޭގޮތުން ރައީސް އޮފީހުން ދޮގުހަދާ އޮޅުވާލާފައިވާކަންވެސް ވަނީ ހާމަވެފައެވެ.
ތިނަދޫގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓެއް އެޅުމަށްކަމަށް ބުނެ 600 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއްގައި ސަރުކާރުން ސޮއި ކޮށްފައި ވަނިކޮށް, ތައިލޭންޑުގެ ކުންފުނިތަކުގެ މައުލުމާތު އެގެންހުންނަ “ކޮމްޕެނީސްހައުސް” ވެބްސައިޓުން އެގެންހުރި މައުލޫމާތުތަކުން ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް ކުންފުންޏަކީ ޕޭޕަރ (ސްކޭމް ހިންގުމަށް އެކަނި ރަޖިސްޓްރީ ކޮށްފައިވާ) ކުންފުންޏެއް ހާމަވެގެން ދިއުމާއެކުވެސް ސަރުކާރުގެ ވެރިން ހަނު ތިބުމަށްފަހު, އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މިމައްސަކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ނުވާކަމަށާއި, ސޮއި ކޮށްފައިވަނީ ފަހުމުނާމާއެއްގައި ކަމުގައެވެ.
”މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރު ކުރުމަށްފަހު، ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންނަަމަވެސް ތިނަދޫ އެއަރޕޯޓު މަޝްރޫޢުގައި މިމަހުގެ 20 ވަނަ ދުވަހު ސޮއި ކުރުމަށްފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރި ޚަބަރުގައި ބުނެފައިވަނީ, ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި ކަމަށެވެ.

ރައީސް އޮފީހާއި އިންފްރާ ސްޓްރަކްޗަރ މިނިސްޓްރީން މި އެއްބަސްވުމާއި ގުޅޭގޮތުން ދެ ގޮތަށް ވާހަކަ ދައްކަމުންދާއިރު, މިމައްސަލާގައި އަދި މިހާތަނަށް ސަރުކާރުގެ އިސް އެއްވެސް އޮފިޝަލަކު ވާހަކަ ދައްކަވާފައެއް ނުވެއެވެ.
އެހެންނަމަވެސް ތިނަދޫ އެއަރޕޯޓު އެޅުމަށް ހަވާލުކުރި, ކުންފުނީގެ ޕްރޮފައިލް މައުލޫމާތުން އެނގޭ ގޮތުގައި މި ކުންފުންނިން ކުރާ މަސައްކަތެއްގެ ގޮތުގައި އަންނައުނު އެކްސްޕޯޓު ކުރުން ބަޔާން ކޮށްފައިވާއިރު, މިކުންފުންޏަށް އެއްވެސް އާމްދަނީއެއް ލިބޭކަމަށް ބަޔާން ކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އެ ކުންފުނިން ކޮށްފައިވާ ވިޔަފާރިން 83 އެމެރިކާ ޑޮލަރު ގެއްލުންވެފައިވާކަމަށް ލިބުނު އާމްދަނީއާއި ކުރެވުނު ޚަރަދުގެ މައުލޫމާތުގައި ހިމަނާފައި ވެއެވެ.
ބޮޑު އޮޅުވާލުމެއްގެ ތެރެއިން, ތިނަދޫ ރައްޔިތުން ގޮބޯ ހެއްދުމަށްފަހު, ސްކޭމް ކުންފުންޏަކަށް ތިނަދޫ އެއަރޕޯޓުގެ މަޝްރޫއު އެވާރޑްކޮށްފައިވާއިރު, އަދި އެއަށްފަހު ކުރެވެމުންދާ ތުހުމަތުތަކަށްވެސް ސަރުކާރުގެ އިސްވެރިން އަދިވެސް ތިބީ ހަނުއެވެ. ރައީސް މުއިއްޒުވެސް, އަދި މަޝްރޫޢުގައި ސޮއި ކޮށްފައިވާ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްގެ ނަމުގައި ހަދާފައިވާ ޕޭޕަރ ކުންފުނިން އެކި ފަހަރުމަތިން, ސްކޭމްތައް ހިންގައިގެން ކަޅު ފައިސާ ދައުރުކުރުމަށްޓަކާ ރާއްޖޭގައި މަސައްކަތް ކޮށްފައި އެބަހުއްޓެވެ.
އަދި މިފަހަރުވެސް މިސަރުކާރުގެ އިސް ބައެއް ވެރިންވަނީ މިކުންފުނިން މިހާރު ފައިސާ ނަގާފައެވެ. ޚުދު ރައީސް މުއިއްޒުވެސް ވަނީ ކުރިޔަށް އޮތް މަޖިލިސް ކެމްޕޭނަށް ޚަރަދު ކުރުމަށްކަމަށްބުނެ ޕޭޕަރ ކުންފުނީގެ ވެރިންގެ ގޮތުގައި ރޭގެ ރަސްމިއްުޔާތުގައި ބައިވެރިވި ވޮރަޗާތު ޕެތުނުންތަވޮންގު އަދި ޖިރާތު ޕެތުނުންތަވޮންގު އަތުން ފައިސާ ނަގާފައެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ނެންގެވީ ކިހާ ފައިސާއެއްކަމެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.