ރައީސް މުއިއްޒުގެ އިކޮނޮމިކް އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސާފައިވާ, ވިޔަފާރަވެރިޔާ މުމައްމަދު އަލީ ޖަނާހުއަށް ސަލްޓަމްޕާކުގައި ހަދާފައިވާ ވިންޓަރ ޕާކު އަލުން ދޭން ނިންމައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ޖަނާހުއަށް އަނެއްކާވެސް ވިންޓަރ ޕާކު ދޭން ނިންމާފައިވަނީ, ކުރީގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާ, އެ އެއްބަސްވުމުގެ ދަށުން ޖަނާހުއަށް ބޮޑު ބަދަލެއްވެސް ދޭން ނިންމުމަށް ފަހުއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޖަނާހުއަށް ވިންޓަރ ޕާކު ދޭން ނިންމާފައިވަނީ އެތަނުގައި ކެފޭއެއްވެސް ހިންގުމުގެ ހުއްދައާއެކުއެވެ.
ސަލްޓަމްޕާކުގައި ހެދި ވިންޓަރ ޕާކަކީ ރައީސް ޔާމިން ސަރުކާރުގައި ޖަނާހުއަށް ހިންގަން ދިން ތަނެކެވެ. އޭރު އެތަން ދިނީ ޖަނާހުއާއި ޖަނާހުގެ ސެކެޓްރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ސޫޒަންގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކަށެވެ. އެހެންނަމަވެސް ރައީސް ޔާމިންގެ ސަރުކާރު ބަދަލުވުމާއެކު ޖަނާހުގެ ކުންފުނިން ވިންޓަރ ޕާކު ހިންގުން ހުއްޓާލީ, އަމިއްލައަށް, އެއްބަސްވުމާއި ޚިލާފަށެވެ.
އެނގިފައިވާ ގޮތުގައި ޖަނާހު މިހާރުގެ ސަރުކާރުން ބޮޑު ބަދަލެއް ނެގުމަށް މަސައްކަތް ކުރަމުންދަނީ އޭރު އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އޭރުގެ ސަރުކާރުން ގާނޫނާއި ޚިލާފަށްކަމަށް ބުނެއެވެ. އަދި މިސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ޖަނާހުއަށް ބޮޑު ބަދަލެއް ދިނުމަށް މިހާރު ނިންމާފައިވާކަމަށް, މި ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކޮށްދީފައެވެ.
މުހައްމަދު އަލީ ޖަނާހުއަކީ އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި، އަންނަ ކޮންމެ ސަރުކާރެއްގެ ތެރެއަށް ވަދެގަންނަ މީހެކެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އޭނާވަނީ މުއިއްޒުގެ އިކޮނޮމިކް އެޑްވައިޒަރުކަމަށް އައްޔަން ކޮށްފައެވެ.
އަދި ޖަނާހުވަނީ, ފާއިތުވި 3 މަސްދުވަހު މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ހުރިހާ ދަތުރެއްގަވެސް، ދައުލަތުގެ ޚަރަދުގަ ދަތުރުކޮށް، އަމިއްލަ ވިޔަފާރި ޕްރޮމޯޓުކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ސަރުކާރެއްގައި، ބޭނުންހިފޭ އިންވެސްޓަރަކު ޖަނާހުއަށް ހޯދާ ދެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެކި ސަރުކާރު ތަކުންދޭ މަގާމްތަކުގެ ނަން ބޭނުން ކޮށްގެން އޭނާ ކުރަމުންދާ މަސައްކަތަކީ، އޭނާގެ އަމިއްލަ ވިޔަފާރި ފުޅާ ކުރުމާއި، ވިޔަފާރި ޕާޓްނަރުންތައް ހޯދުމެވެ.
ރާއްޖެއަށް އަންނަ ކޮންމެ ވެރިއަކު ދަނީ އޭނާގެ ޗާލާކީ ވާހަކަތަކުގެ އަވާގަ ޖެހި، އޭނާ ދައްކާ ހިޔަންޏަށް މުޑި ނަގަމުންނެވެ.
ޖަނާހު އިސްކޮށް ހުރެ ހިންގާކަމަށް ބުނާ މަސީއަކީ އޭނާގެ އަމިއްލަ ޕީއާރަށް ޒަމާނުއްސުރެ ބޭނުން ކޮށްފައިވާ ޖަމިއްޔާއެކެވެ. އެގޮތުން މި ސަރުކާރަށްވެސް ރިޝްވަތު ދީގެން އަމިއްލަ ވިޔަފާރީގެ މަސްލަހަތު ކަށަވަރު ކުރުމުގެ ބޭނުމުގައި, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމާއެކު, ޖަނާހު ވަނީ (މަސީ) އިން ދޭ އެންމެ ފަހުރުވެރި ލަގަބު ކަމަށް ބުނެ "ބޮޑު ރަސްގެފާނު ލަގަބު"ގެ ނަމުގައި ދާދިފަހުން މުއިއްޒުއަށް ލަގަބެއްވެސް އަރުވާފައެވެ.
އެހެންނަމަވެސް, ޖަނާހުއާއެކު މި ޖަމިއްޔާގައި އުޅެމުންދަނީ އިންޑަސްޓްރީގައި މީގެ 25 އަހަރުކުރިން އުޅުނު ބައެއްކަން ފާހަގަ ކޮށްލެވެއެވެ. މި ދާއިރާގައި މިއަދު މަސައްކަތް ކުރާ %10 ކުންފުނިވެސް މިޖަމިއްޔާއަކު މިހާރަކު ނުހިމެނެއެވެ.
މުހައްމަދު އަލީ ޖަނާހުއަކީ އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރެއްގެ ފަސްބައިގައި އެލިގެން ”ހަދިޔާ“ ދީގެން އުޅޭ ކޮރަޕްޓް ވިޔަފާރި ވެރިއެކެވެ. އަދި މިހާރު މުއިއްޒު ކުރައްވާ ހުރިހާ ދަތުރެއްގައި ބައިވެރިވަމުން, ގައުމުގެ އިގްތިސާދަށް ގެއްލުން ނުދިނުމަށް އޭނާ އިލްތިމާސްކުރަމުން ދާއިރި, އޭނާއަކަށް މިސަރުކާރުގެ ކޮރަޕްޝަންތަކާއި, ހަދަމުންދާ ވަގު ޑީލްތަކައް ފެންނަކަމަށް ނުވެއެވެ. މިކަންކަމަށް އޭނާގެ ލޯތައް ހުރީ ކަނުވެފައެވެ. ކަންފަތްތައް ހުރީ ބީރުވެފައެވެ.
މިބާވަތުގެ ކޮރަޕްޓް ވިޔަފާރަވެރިންގެ ކިބައިން މިގައުމުގެ ވެރީންނަށް މިންޖުވެވިގެން މެނުވީ ގައުމަށް މި ނޫން ދުވަހެއް ނުފެންނާނެއެވެ.