ފާއިތުވެދިޔަ 15 ވަރަކަށް އަހަރުތެރޭވެސް ރާއްޖޭގެ ވެރިކަަމަށް ވަޑައިގެންނެވި ކޮންމެ ވެރިއެއްގެ ފަހަތުންވެސް, އިންވެސްޓަރުން ހޯދާދޭނެކަމުގެ ހުވަފެން ދައްކަމުން, އިގްތިސާދީގޮތުން "އެޑްވައިސް" ދިނުމުގެ ނަމުގައި ވެރީން އެންމެ ގިނައިން "ގުނބޯ" ހެއްދި ވިޔަފާރަވެރިއަކީ ކޮން ބޭފުޅެއްތޯ ސުވާލުކޮށްފިނަމަ, އެންމެ ފުރަތަމަވެސް ވިސްނުމަށް އަންނާނީ އެންމެ ވިޔަފާރަވެރިއެއްގެ ނަމެވެ.
އާދޭހެވެ! އެއީ ވިޔަފާރަވެރިޔާ މުހައްމަދު އަލީ ޖަނާހުއެވެ. އޭނާއަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ އެޑްވައިޒަރެވެ. އަދި އޭނާ ގެންދަވަނީ, ރައީސް މުއިއްޒު މާލެއިން ބޭރަށް ވަޑައިގަންނަވާ ހުރިހާ ދަތުރެއްގައިވެސް ބައިވެރިވެވަޑައިގެން, މުއިއްޒު ބައިވެރިވާ ބައެއް ޖަލްސާތަކުގައި ބައިވެރިވެ ވާހަކަވެސް ދައްކަވަމުންނެވެ.
މުހައްމަދު އަލީ ޖަނާހުގެ މާޒީއަށް ބަލާއިރު, އޭނާ އެންމެ ކާމިޔާބުކަމާއެކު ކުރައްވާ އެއްކަމަކީ އަބަދުވެސް އޭރަކު އޮންނަ ސަރުކާރެއްގެ ތެރެއަށް ފަސޭހަކަމާއެކު ވަދެގަތުމެވެ. އޭނާވަނީ ރައީސް ވަހީދުގެ ވެރިކަމުގައިވެސް ވަހީދުގެ އިގްތިސާދީ މުޝީރުކަން ކުރައްވާފައެވެ. ރައީސް ޔާމިންގެ ވެރިކަމުގައިވެސް ރައީސް ޔާމިންއަށް "ލޯޔަލްޓީ" ދީގެން, ވިޔަފާރީގެ މަޝްރޫޢުތައް އޭނާވަނީ ކަށަވަރު ކޮށްފައެވެ. އެއަށްފަހު ޖެހިގެން އައި ރައީސް ސާލިހުގެ ވެރިކަމުގައިވެސް އޭނާ އުޅުއްވާފައިވަނީ އިންވެސްޓަރުން ހޯދާދިނުމުގެ ނަމުގައި, އަދި ފޮރިން މިނިސްޓްރީގެ ރެކޮމެންޑޭޝަން ހޯއްދަވައިގެން, ބައެއް ގައުމުތަކުގެ އޮނަރަރީ ކޮންސުލްގެ މަގާމް ކަށަވަރު ކޮށްގެންނެވެ.
ޖަނާހު ކޮންމެ ސަރުކާރެއްގެ ތެރެއަށްވެސް ވަދެގަންނަނީ އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައެވެ. ވެރީންނަށް އޭނާ ދައްކަވަނީ މަލްޓި މިލިއަން ޑޮލަރުގެ ހުވަފެންތަކެވެ. އިގްތިސާދު އިނދަޖެހިދާނެކަމުގެ ބިރެވެ. އެއާއެކު ރާއްޖެއަށް އަންނަ ކޮންމެ ވެރިއަކުވެސް ދަނީ އޭނާގެ ޗާލާކީ ވާހަކަތަކުގެ އަވާގަ ޖެހި، އޭނާ ދައްކާ ހިޔަންޏަށް މުޑި ނަގަމުންނެވެ.
މިއީ އަންނަ ވެރީންގެ ނިކަމެތިކަމެވެ. ޖަނާހުގެ ސްމާޓްކަމެއް ނޫންނެވެ. ޖަނާހުއަކީ ކޮރަޕްޓް ވިޔަފާރަވެރިއެކެވެ. ކޮރްޕްޓް ވިޔަފާރަވެރީގެ ހުރިހާވެސް ކާމިޔާބީއަކީ ވެރީންގެ ނިކަމެރިކަމާއި, ތަންދޮރު ނުފިލާކަމާއި އަމިއްލަ އެދުންކަމަށް ވާތީއެވެ.
ބޮޑެތި އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި, ރާއްޖޭގެ ވެރިކަމާ ހަވާލުވާ ކޮންމެ ވެރިއެއްގެސް ސިނކުޑިއަށް ސަވާރުވެގަނަންނަ ޖަނާހުގެ މާޒީއަށް ބަލާއިރު, އެއްވެސް ސަރުކާރެއްގައި، ބޭނުންހިފޭ އިންވެސްޓަރަކު އޭނައަށް ހޯދާ ދެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެކި ސަރުކާރު ތަކުންދޭ މަގާމްތަކުގެ ނަން ބޭނުން ކޮށްގެން އޭނާ ކުރަމުންދާ މަސައްކަތަކީ، އޭނާގެ އަމިއްލަ ވިޔަފާރި ފުޅާ ކުރުމާއި، ވިޔަފާރި ޕާޓްނަރުންތައް ހޯދުމެވެ.
މިވެރިކަމުގައި ޖަނާހުވަނީ, ފާއިތުވި 3 މަސްދުވަހު މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ހުރިހާ ދަތުރެއްގަވެސް، ދައުލަތުގެ ޚަރަދުގަ ދަތުރުކޮށް، އަމިއްލަ ވިޔަފާރި ޕްރޮމޯޓުކުރުމަށް މަސައްކަތް ކޮށްފައެވެ. ކުރެއްވިހާވެސް ކަމަކީ, މިސަރުކާރަށް އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި, އަމިއްލަ ވިޔަފާރި ޕްރޮމޯޓުކޮށް, ވިޔަފާރި ޕާޓްނަރުން ހޯއްދެވުމެވެ.
ޖަނާހު އިސްކޮށް ހުރެ ހިންގާކަމަށް ބުނާ މަސީއަކީ އޭނާގެ އަމިއްލަ ޕީއާރަށް ޒަމާނުއްސުރެ ބޭނުން ކޮށްފައިވާ ޖަމިއްޔާއެކެވެ. އެގޮތުން މި ސަރުކާރަށްވެސް ރިޝްވަތު ދީގެން އަމިއްލަ ވިޔަފާރީގެ މަސްލަހަތު ކަށަވަރު ކުރުމުގެ ބޭނުމުގައި, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމާއެކު, ޖަނާހު ވަނީ (މަސީ) އިން ދޭ އެންމެ ފަހުރުވެރި ލަގަބު ކަމަށް ބުނެ "ބޮޑު ރަސްގެފާނު ލަގަބު"ގެ ނަމުގައި ދާދިފަހުން މުއިއްޒުއަށް ލަގަބެއްވެސް އަރުވާފައެވެ.
އެހެންނަމަވެސް, ޖަނާހުއާއެކު މި ޖަމިއްޔާގައި އުޅެމުންދަނީ އިންޑަސްޓްރީގައި މީގެ 25 އަހަރުކުރިން އުޅުނު ބައެއްކަން ފާހަގަ ކޮށްލެވެއެވެ. މި ދާއިރާގައި މިއަދު މަސައްކަތް ކުރާ %10 ކުންފުނިވެސް މިޖަމިއްޔާއަކު މިހާރަކު ނުހިމެނެއެވެ.
މުހައްމަދު އަލީ ޖަނާހުއަކީ އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރެއްގެ ފަސްބައިގައި އެލިގެން ”ހަދިޔާ“ ދީގެން އުޅޭ ކޮރަޕްޓް ވިޔަފާރި ވެރިއެކެވެ. އަދި މިހާރު މުއިއްޒު ކުރައްވާ ހުރިހާ ދަތުރެއްގައި ބައިވެރިވަމުން, ގައުމުގެ އިގްތިސާދަށް ގެއްލުން ނުދިނުމަށް އޭނާ އިލްތިމާސްކުރަމުން ދާއިރު, އޭނާއަކަށް މިސަރުކާރުގެ ކޮރަޕްޝަންތަކާއި, ހަދަމުންދާ ވަގު ޑީލްތަކައް ފެންނަކަމަށް ނުވެއެވެ. މިކަންކަމަށް އޭނާގެ ލޯތައް ހުރީ ކަނުވެފައެވެ. ކަންފަތްތައް ހުރީ ބީރުވެފައެވެ.
މިބާވަތުގެ ކޮރަޕްޓް ވިޔަފާރަވެރިންގެ ކިބައިން މިގައުމުގެ ވެރީންނަށް މިންޖުވެވިގެން މެނުވީ ގައުމަށް މި ނޫން ދުވަހެއް ނުފެންނާނެއެވެ. ގައުމަށް ހަމަޖެހުމެއް ނެތެވެ.