ޚަބަރު

ޖަނާހްގެ ގއ. ވިލިގިލީ އެއަރޕޯޓް ޕްރޮޖެކްޓް ޕްރޮޕޯސަލް އަކީ ފީސިބަލް ނުވާތީ އިބޫ ސަރުކާރުން ބަލާ ނުގަނެ ދޫކޮށްލި ޕްރޮޕޯސަލް އެއް!

ދިޔަވަރު
ޖަނާހްގެ ގއ. ވިލިގިލީ އެއަރޕޯޓް ޕްރޮޖެކްޓް ޕްރޮޕޯސަލް އަކީ ފީސިބަލް ނުވާތީ އިބޫ ސަރުކާރުން ބަލާ ނުގަނެ ދޫކޮށްލި ޕްރޮޕޯސަލް އެއް!

މުހައްމަދު އަލީ ޖަނާހް އާއި ބެލްޖިއަމްގެ ކުންފުންޏަކާއި އެއްބައިވެގެން، ބައިނަލްއަޤްވާމީ އެއަރޕޯޓެއް ގއ. ވިލިގިލީގައި އެޅުމަށް ޕްރޮޕޯސަލް ހުށައެޅުމުން އެއީ ފީސިބަލް ޕްރޮޖެކްޓަރަކަށް ނުވާތީ، އެކަން ނުކުރަން ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައި އޮތްކަން، ދިޔަވަރަށް އެނގިއްޖެއެވެ.

ދިޔަވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ނުކުރުމަށް ނިންމީ، ފައިނޭންޝިއަލް ކްރެޑިބިލިޓީ ލޭޓަރ ހުށައަޅަން ދިން މުއްދަތުގައި ބެލްޖިއަމްގެ ކުންފުންޏަށް އެކަން ނުކުރެވުމުންނެވެ. މިއިން އަންގާދެނީ މިފަދަ ޕްރޮޖެކްޓަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގާބިލުކަން، ޖަނާހް ބައިވެރިވެގެން ގެނައި ބެލްޖިއަމްގެ ކުންފުނީގައި ނެތް ކަމެވެ.

ދިޔަވަރު ނޫހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި N.V Besix SA ނަމުގައި ބޮޑު ކުންފުންޏެއް ބެލްޖިއަމް ގައި ރަޖިސްޓަރ ކޮށްފައި ވީނަމަވެސް، މި ނަމާއި ދާދި އެއް ނަމެއް، ހަމަ އެކަނި S އާއި A އާއި ދެމެދު ތިކި ޖަހާފައި ވާ، ފޭކް ކުންފުންޏެއްވެސް މެލްޖިއަމް ގައި މަސައްކަތް ކުރެއެވެ. ރާއްޖެއިން އެގްރިމެންޓްގައި ސޮއެ ކުރީ މިތަނުން ކޮން ކުންފުންޏަކާއި ކަމެއް ސާފެއް ނުވެއެވެ. N.V Besix SA އަކީ ޖަނާހް ގެނައި ކުންފުނި ކަމުގައި ވަނީ ނަމަ، އެންމެ ފުރަތަމަވެސް، ޕްރޮޖެކްޓަށް ބޭނުންވާ ބޭންކުގެ ސިޓީ ނުފޮނުވަންނީ ސަބަބެއް ނެތެވެ.

N.V Besix SA ކުންފުނިން، މިފަދަ ޕްރޮޖެކްޓެއްގެ މަސައްކަތް ފެށުމަށް ދިވެހި ސަރުކާރާއި އެމްއޯޔޫއެއްގައި ސޮއި ކޮށްފައިވާ އިރު، އެ ކުންފުނީގެ ވެބް ސައިޓްގައި މިކަމާއި ގުޅިގެން އެއްވެސް ނޫސް ބަޔާނެއް ނެރެފައި ނެތް ކަމަކީވެސް، އިތުރަށް މި ޕްރޮޖެކްޓާއި މެދު ސުވާލު އުފެދޭ ކަމެކެވެ.

ދިޔަވަރުން އިތުރަށް ބެލި ބެލުމުގައި، N.V Besix SA އަކީ ޓްވިޓަރ ގައި އަދި ހާއްސަކޮށް ލިންކްޑިންގ ގައި ވަރަށް ގިނައިން ކުންފުނީގެ ހަރަކާތްތައް ބަރާބަރަށް ޝާއިޢު ކުރާ ބަޔެކެވެ. މީގެ 3 ގަޑި އިރު ކުރިންވެސް، އެ ކުންފުނީގެ ޕްރޮޖެކްޓެއްގެ ވާހަކަ، ލިންކްޑިންގ ގައި ލިޔެފައި ވާއިރު، ރާއްޖެއާއި އެކު އެއްވެސް ޕްރޮޖެކްޓެއްގެ އެމްއޯޔޫގައި ސޮއެ ކުރި ވާހަކަ އެއް އެއްވެސް ގޮތަކަށް އެއްވެސް ސޯޝަލް މީޑިޔާގެ އެކައުޓެއްގައި ލިޔެފައެއް ނުވެއެވެ.

އެހެން ކަމުން، Besix ނަމުގައި ރާއްޖެއިން ސޮއި ކޮށްފައިވަނީ ސީދާ Besix ކަމާއި މެދު ވެސް ޝައްކު އުފެދެއެވެ.