ޚަބަރު

ރާއްޖެ އައިއެމްއެފްގެ "ބޭކްރަޕްސީ ޕްރޮގްރާމް"ގުޅެން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެ, މަޖިލިސް އިންތިޚާބު ނިމުމާއެކު ރަސްމީކޮށް އެކަން އިއުލާން ކުރާގޮތަށް ވަނީ ހަމަޖައްސާފަ!

ދިޔަވަރު
ރާއްޖެ އައިއެމްއެފްގެ "ބޭކްރަޕްސީ ޕްރޮގްރާމް"ގުޅެން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެ, މަޖިލިސް އިންތިޚާބު ނިމުމާއެކު ރަސްމީކޮށް  އެކަން އިއުލާން ކުރާގޮތަށް ވަނީ ހަމަޖައްސާފަ!

ރާއްޖޭގެ މާލީ ހާލަތުދަށްވެ, ގައުމު ބަގުރޫޓުވުމާއި ހަމައަށް ދިއުމާއެކު, ރާއްޖެއިން އައިއެމްއެފްގެ "ބޭކްރަޕްސީ ޕްރޮގްރާމް"އާއި ގުޅުމަށް ނިންމާ, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ނިމުމާއެކު މިޕްރޮގްރާމާއި ރާއްޖެއިން ގުޅުން ނިންމާފައިވާކަން އިއުލާން ކުރުމަށް ރައީސް މުއިއްޒު ނިންމަވައިފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގޮތުގައި, އައިއެމްއެފްގެ ހަރުކަށި "ބޭކްރަޕްސީ ޕްރޮގްރާމް"ގައި ބައިވެރިވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު އެމިނިސްޓްރީންކޮށް ނިންމާފައިވާ ކަމުގައެވެ. އެހެންނަމަވެސް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ނިމެންދެން އެނިންމުން ރަސްމީކޮށް އިއުލާން ނުކުރުމަށް ރައީސް މުއިއްޒު އަންގަވާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޕީއެންސީގެ ބައެއް ފަރާތްތަކުން "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި, މަޖިލިސް އިންތިޚާބު އަންނަ މާރޗްމަހު 17 ގައި ބޭއްވުމަށް މުއިއްޒު ބޭނުންވަނީވެސް, ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން, އައިއެމްއެފްގެ "ބޭކްރަޕްސީ ޕްރޮގްރާމް"އަށް ދިއުން ލަސްކުރެވެން ނެތިގެން ކަމުގައެވެ.

މަޖިލިސް އިންތިޚާބު ރޯދައިގެފަހުން ބޭއްވުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބިލް ތަސްދީގުނުކޮށް, މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބު އަވަހަށް ބާއްވާ ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ.

ރައްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, މިހާލަތުން އަރައިގަތުން އައިއެމްއެފްގެ “ބޭންކްރަޕްސީ ޕްރޮގްރާމް”އަށް ރާއްޖެއިން ވަނުމަށް ނިންމުމަށްފަހު, ރާއްޖެއިން އެދިފައިވަނީ އައިއެމްއެފްއިން 700 މިލިއަން ޑޮލަރުގެ ބެއިލްއައުޓު ޕެކޭޖެއް ދިނުމަށެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި, މިމަހުވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ފިނޭންސްއަކު ނެތެވެ. އަދި މީގެ ކުރިން ބީއެލްއިން ލެންޑް ކުރަމުން އައި ނަމަވެސް, ބޭންކުގެ ”ސިންގަލް އެކްސްޕޯޝަރ“ ލިމިޓް މިހާރު ހަމަވެފައިވާތީ އެމްއެމްއޭ މެދުވެރިކޮށް ބޭންކުންވެސް ދެން މި ސަރުކާރަށް ފައިސާ ލެންޑްއެއް (ލޭން ދޭނަށް) ނުކުރާނެއެވެ.

އަދި ޗައިނާއިންވެސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ފައިސާ ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް, ޗައިނާއިން ހަމައެކަނި ފަންޑް ކުރާނީ ޕްރޮޖެކްޓް ފައިނޭންސްގެ ގޮތުގައި ކަމަށްވާތީ, ސަރުކާރުގެ ގޯސްވެފައިވާ މާލީ ހާލަތު ރަގަޅުކުރުމަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި އެގައުމުގެ އެހީތެރިން ލިބޭނެ ގޮތެއް އަދި ފެނިފައި ނުވާކަމަށްވެސް ފިނޭންސްގެ އޮފިޝަލް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އައިއެމްއެފްއާއި ވާހަކަ ދައްކަމުންދަނީ އައިއެމްއެފްއިން 700 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ހޯދާއިރު އޭގެ ތެރެއިން 400 މިލިއަން ޑޮލަރު އެޑްވާންސްކޮށް ހޯދުމަށެވެ.

އެހެންނަމަވެސް އައިއެމްއެފްއިން ސަރުކާރަށް އަންގާފައިވަނީ, އެ އިދާރާއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ 5 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށާއި, ގައުމުތައް ބަގުރޫޓުވުމުން އެއިދާރާއިން އެހީ ފޯރުކޮށް ދިނުމަށް އެ އިދާރާއިން އެކުލަވާލާފައި އޮންނަ “ބޭންކްރަޕްސީ ޕްރޮގްރާމް”ގެ ތެރެއަށް ރާއްޖެއިން ފުރަތަމަ ވަނުމަށެވެ.

އޭގެ މާނައަކީ އައިއެމްއެފްގެ މާލީ އެހީ ހޯދުމަށް ރާއްޖެއިން ފުރަތަމަވެސް މާލީގޮތުން އިސްލާހީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

އައިއެމްފްގެ “ބޭންކްރަޕްސީ ޕްރޮގްރާމް” އަކީ ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ކާރިސާތައް ކުރިމަތިވުމުން, ކާރިސާތަކުން އަރައިގަތުމަށް, މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް (ބެއިލް އައުޓް ކުރުމަށް) ހަމަޖައްސާފައި އޮންނަ ޕްރޮގްރާމްއެކެވެ.

ގައުމުތަކަށް ކުރިމަތިވާ މާލީ ކާރިސާތަކުގައި އެހީތެރި ވެދިނުމުގެ ގޮތުން އައިއެމްފްއިން މާލީ އެހީތެރިކަން ގައުމުތަކަށް ފޯރުކޮށްދޭއިރު, އެ ހާލަތުގައި އައިއެމްއެފްގެ މާލީ އެހީތެރިކަން ލިބެނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ވަަރަށް ހަރުކަށި އިގްތިސާދީ ފިޔަވަޅުތައް އެޅުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އެއްބަސް ވުމުންނެވެ.

އޭގެ ތެރޭގައި ސަބްސިޑީތައް ކަނޑާލުމާއި، ރިކަރަންޓް ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމާއި، ވަޒީފާތަކުގެ އަދަދު އިތުރު ނުކުރުމާއި، ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުން ހުއްޓާލުންފަދަ ފިޔަވަޅުތައްވެސް ހިމެނެއެވެ. އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް އެ ފިޔަވަޅުތައް ހިމެނޭ އައިއެމްއެފްގެ ޕްރޮގްރާމަށް ދިއުމަށް އެގައުމަށް މަޖުބޫރު ވިއެވެ.

އެހެންނަމަވެސް މި ފިޔަވަޅުތައް ތަންފީޒުކުރުމުން ކުރިން މި ސަރުކާރުން އެޑްވާންސަށް 400 މިލިއަން ޑޮލަރު ކަށަވަރު ކުރުމަށް ޑިމާންޑު ކުރުމާއެކު އައިއެމްއެފްއާއި ސަރުކާރާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސަރުކާރު ބަނގުރޫޓުވުމުން، އައިއެމްއެފް އިން، އެ ޤައުމެއް އަލުން އަނބުރައި އަރައި ގަތުމަށް ދޭ ލޯނު އެހީގެ ޕްރޮގްރާމުގައި ރާއްޖެއަށް ލާޒިމް ކުރާ ކަންތައްތައް:

ރާއްޖެއާއި، އައިއެމްއެފް އާއި، މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިހާތަނަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ތިރީގައި ހިމަނާލާނަމެވެ.

  • އާސަންދައިގެ ޚިދުމަތް ދޭ މިންގަނޑު ބަދަލުކޮށް އެންމެންނަށް އާސަންދަ ނުދިނުން.
  • ސިވިލް ސާވަންޓުންނާއި، ސަރުކާރު މުއައްޒަފުންގެ މުސާރަ ކުޑަކުރުން.
  • އާ ޕްރޮޖެކްޓަތައް ސަރުކާރުގެ ޚަރަދުގައި ނުފެށުން.
  • ސަރުކާރުން ރައްޔިތުންގެ އަތުން އާ ޓެކްސް އެއް ނަގަން ފެށުން
  • ތެލާއި ޕޭޓްރޯލަށް ސަރުކާރުން ދެމުންދާ ސަބްސިޑީ ކަނޑާލުން
  • ކަރަންޓުން ނަގާ ސަބްސަޑީ ކަނޑާލުން (ކަރަންޓްގެ ރޭޓްތައް ބޮޑު ކުރުން)
  • ރައްޔިތުން އަތުން، ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް އިތުރު ފީއެއް ނެގުން
  • ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުން (ސަބްސިޑީ ކަނޑާލުން)
  • ބައެއް ސަރުކާރު ކުންފުނިތައް އުވާލުން
  • މަޖިލީހުގެ އިންތިހާބުގެ ކުރިން ދީފައިވާ ބައެއް ސިޔާސީ މަގާމުތައް އުވާލުން

މާލީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އައިއެމްއެފްގެ ހަރުކަށި މާލީ އެހީތެރިކަމުގެ ޕްރޮގްރާމްގެ ތެރެއަށް ރާއްޖެއިން ވަނުމާއެކު, ތަކެތީގެ އަގު އިންތިހާއަށް އުފުލި، ރާއްޖޭގެ %70 މީހުން ބައިނަލްއަޤްވާމީ ގޮތުން ފަގީރުންނަށް ވެގެން ދާނެއެވެ. ކާބޯތަކެތި ހޯދުމަކީ ދަތި ކަމަކަށް ވެގެން ދާނެއެވެ.

އޭގެ އިތުރުންވެސް މިހާރުވެސް އުފުލިފައިވާ ޑޮލަރުގެ އަގު ޑޮލަރުގެ އަގު 25-30 ރުފިޔާއަށް އުފުލި, ދިވެހިރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓިގެން ދާނެކަމަށްވެސް މާލީ ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.