މި އަހަރުގެ ބަޖެޓުގައިވާ ގޮތަށް ހަރަދުތައް ހަމަޖައްސައި އިތުރަށް ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ. މިއީ ރާއްޖޭ ބަނގުރޫޓު ވެފައި ވާއިރު، މިކަމުން ސަލާމަތް ވުމަށް، އައިއެމްއެފް ޕެކޭޗަކަށް ދާން ތައްޔާރުވުމަށް އަޅަމުންދާ ފިޔަވަޅުތައް ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. 1500 ސިޔާސީ މަގާމު އުފެއްދުމަށް ފަހު، މުޅި ދައުލަތުގެ ބަޖެޓުން ސިޔާސީ ފަރާތްތަކަށް ރާއްޖޭގެ ތާރީޚްގައި ހަރަދު ނުކުރާހާ ބޮޑަށް، ސަރުކާރުން ދަނީ ޚަރަދު ކުރަމުން ނެވެ. ސަރުކާރު ބަނގުރޫޓު ވެފައިވާތީ، އިތުރު ސްކޮލާޝިޕް ނުދިނުމަށާއި، ވަޒީފާގެ ކުރިއެރުން ނުދިނުމަށާއި، ޚަރަދު ކުޑަކުރުމަށް ސަރުކާރުން ހަރުކަށި ސާކިއުލާ ނެރެފައިވަނީ، ސިޔާސީ ފަރާތްތަކަށް މި ސާކިއުލާއިން އަސަރު ނުކުރާހެންނެވެ.
އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރި ސާކިއުލާގައިވާ ގޮތުން ސަރުކާރުގެ އިދާރާއަކުން އާ މުވައްޒަފެއް ނަގާ ނަމަ އެކަން މިނިސްޓްރީއަށް ކުރިއާލައި އަންގަން ޖެހޭނެ އެވެ. އަދި އެކަން ކުރިއަށް ގެންދެވޭނީ މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށް ވެސް ސާކިއުލާގައިވެ އެވެ.
އޭގެ އިތުރުން މުވައްޒަފުންގެ މުސާރައަށް ބަދަލު ނުގެނައުމަށާއި މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ވީ ނަމަވެސް އިތުރު އާ އެލަވަންސެއް ނުދޭން މިނިސްޓްރީން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގައިފަ އެވެ. އަދި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށް ވެސް އެ މިނިސްޓްރީން އެދިފައިވެ އެވެ.
ރަސްމީ ގަޑީގެ އިތުރުން އިތުރު ގަޑީގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު މަސައްކަތެއް ނުކުރުމަށް ވެސް ފިނޭންސް މިނިސްޓްރީން އެދިފައިވެ އެވެ.
ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް ކުރާ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ އިތުރުން 35،000ރ. އަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ދަތުރެއް ކުރާ ނަމަ ވެސް އެކަމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ހޯދަން ވަނީ އެދިފަ އެވެ. އަދި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ގަތުމަށާއި މަރާމަތު ކުރުމާއި ތަމްރީނު ޕްރޮގްރާމުތަކަށް ކުރާ ހަރަދު 35،000ރ. އަށް ވުރެ މަތިވާ ނަމަ ވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެ މިނިސްޓްރީން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގައިފަ އެވެ.
ސާކިއުލާގައި ހިމެނޭ މުހިއްމު ކަންކަން
- އާ މަގާމަކަށް މުވައްޒަފުން ނަގާ ނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ
- ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާ ނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ
- އާ އިތުރު ސްކޮލާޝިޕެއް ނުދިނުން
- މިހާތަނަށް ހުއްދަދީފައިވާ ކަންކަން ފިޔަވައި އިތުރު ތަނެއްގެ މަރާމާތަށް ރިކަރަންޓް ބަޖެޓުން ހަރަދު ނުކުރުން
- މުވައްޒަފުންނަށް އިތުރު އާ އެލަވަންސެއް ނުދިނުން
- ޕްރޮމޯޝަން ދެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން
ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅި އިރު، މިއަހަރު ބަޖެޓުގައި ވަނީ ސަބްސިޑީ ހަރަދުތައް ކުޑަ ކުރުމަށް ވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފަ އެވެ. އެގޮތުން އެންމެ ބޭނުން ޖެހިފައި ތިބި މީހުންނަށް ސަބްސިޑީ ދޭން ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަން ފެށި އިރު، ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ، ހަރަދުތައް ކުޑަކޮށް، ހަމަޖެއްސުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާއި، މާލީ ހާލަތު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.