ޚަބަރު

ޚަރަދު ކުޑަކުރުމަށްކަމަށް ބުނެ, މީގެ 4 އަހަރުގެ ކުރީގެ ސާކިއުލާއެއް ކޮޕީކޮށްގެން ފިނޭންސްއިން ނެރުނު ސާކިއުލާއިން, މާލީ އެއްވެސް އާވިސްނުމެއް, ފިކުރެއް, ސިޔާސަތެއް ނެތްކަން ހާމަވެއްޖެ!

ދިޔަވަރު
ޚަރަދު ކުޑަކުރުމަށްކަމަށް ބުނެ, މީގެ 4 އަހަރުގެ ކުރީގެ ސާކިއުލާއެއް ކޮޕީކޮށްގެން ފިނޭންސްއިން ނެރުނު ސާކިއުލާއިން, މާލީ އެއްވެސް އާވިސްނުމެއް, ފިކުރެއް, ސިޔާސަތެއް ނެތްކަން ހާމަވެއްޖެ!

ރާއްޖެ މާލީގޮތުން ބަގުރޫޓުވެ, ސަރުކާރުން މުވައްޒަފުންނަށް މުސާރަ ދެވޭނެގޮތެއް ނެތިގެން, ޚަރަދު ކުޑަކުރުމަށް ކަމަށްބުނެ މިއަދު ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއިން ފިނޭންސް މިނިސްޓްރީ ބޮޑު ފަޟީހަތެއް ވެއްޖެއެވެ.

2024 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ކުރާންހުރި ޚަރަދުތައް ކުޑަކުރުމުގެ ގޮތުންނާއި އަދި ދައުލަތުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ކަމަށްބުނެ, އިއްޔެ ފިނޭންސްއިން ނެރެފައިވާ ސާކިއުލާއަކީ, މީގެ 4 އަހަރު ކުރިން, އޭރުގެ ފިނޭންސް މިނިސްޓްރ އިބުރާހިމް އަމީރު, ކޯވިޑްގެ ކަންބޮޑުވުންތަކާއެކު, 2020 ވަނަނަ އަހަރުގެ ފެބްރުއަރީމަހު ނެރެފައިވާ ސާކިއުލާގެ ދެލިކޮޕީއެއްކަން މިހާރުވަނީ ހާމަވެގެން ގޮސްފައެވެ.

އަދި މި ދެސާކިއުލާވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު, އިއްޔެ ފިނޭންސް މިނިސްޓްރީން ނެރުނު ސާލިއުލާގަވެސް ހުރީ މީގެ 4 އަހަރު ކުރިން 2020ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގަވެސް ހުރި އިބާރާތްތަކެވެ.

އެހެންނަމަވެސް, ‏2020 ވަނަ އަހަރު އޭރުގެ ފިނޭންސް މިނިސްޓްރީ ސާކިއުލާ ނެރުނީ, 2020 ވަނަ އަހަރު ކުރިމަތިވި ކޯވިޑް ކާރިސާގެ ކުރިން، ބޯޑަރު ބަންދުކުރަން ޖެހިދާނެކަމަށް ބަލާފަ, ކޯވިޑް ކާރިސާއަކަށް ބަދަލުވުމުގެ 3 މަސް ކުރިންނެނެވެ. އެއާއި ޚިލާފަށް މިހާރުގެ ފިނޭންސް މިނިސްޓަރު ޝަފީގު އިއްޔެ ނެރުއްވި ސާކިއުލާ ނެރުނީ ބޭންކުތަކުން މިސަރުކާރަށް ލޯނު ދިނުން ހުއްޓާލާ, މިސަރުކާ ގޮތްހުސްވުމުންކަން ފާހަގަ ކޮށްލެވެއެވެ.

އަދި 2020 ވަނަ އަހަރުގެ ފިނޭންސްގެ ސާކިއުލާ ކޮޕީކޮށްގެން މިއަދު އާ ސާކިއުލާއެއް ނެރުނުއިރު, ދެ ސަރުކާރުގެ ފިސްކަލް ޑިސިޕްލިން އުޑާ ބިމާހާ ތަފާތުކަން ފާހަގަށް ކޮށްލެވެއެވެ.

ފިނޭންސްގެ ސާކިއުލާގައި ތަންފީޒު ކުރަން އަންގާފައިވާ ފިޔަވަޅުތައް

  • އެއްވެސް އާ މަގާމެއް ނުއުފެއްދުން
  • މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން
  • ދޭން ފަށާފައި ނުވާ އާ އެލަވަންސެއް އަހަރުގެ ތެރޭގައި ދޭން ނުފެށުން
  • ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް, ރޭންކަށް, މުސާރަ އަދި އިނާޔަތަށް ބަދަލު ނުގެނައުން
  • ރަސްމީ ގަޑީގެ ބޭރުން ކޮންމެހެންް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން

މި އަހަރުގެ ބަޖެޓުގައިވާ ގޮތަށް ހަރަދުތައް ހަމަޖައްސައި އިތުރަށް ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމިއިރު, މިއީ ރާއްޖޭ މާލީގޮތުން ބަނގުރޫޓުވެ، މިކަމުން ސަލާމަތް ވުމަށް، އައިއެމްއެފް ޕެކޭޗަކަށް ދާން ތައްޔާރުވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތައް ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެންނަމަވެސް 1500 ސިޔާސީ މަގާމު އުފެއްދުމަށް ފަހު، މުޅި ދައުލަތުގެ ބަޖެޓުން ސިޔާސީ ފަރާތްތަކަށް ރާއްޖޭގެ ތާރީޚްގައި ހަރަދު ނުކުރާހާ ބޮޑަށް، ސަރުކާރުން ދަނީ ޚަރަދު ކުރަމުން ނެވެ. ސަރުކާރު ބަނގުރޫޓު ވެފައިވާތީ، އިތުރު ސްކޮލާޝިޕް ނުދިނުމަށާއި، ވަޒީފާގެ ކުރިއެރުން ނުދިނުމަށާއި، ޚަރަދު ކުޑަކުރުމަށް ސަރުކާރުން ހަރުކަށި ސާކިއުލާ ނެރެފައިވަނީ، ސިޔާސީ ފަރާތްތަކަށް މި ސާކިއުލާއިން އަސަރު ނުކުރާހެންނެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރި ސާކިއުލާގައިވަނީ ސަރުކާރުގެ އިދާރާއަކުން އާ މުވައްޒަފެއް ނަގާ ނަމަ އެކަން މިނިސްޓްރީއަށް ކުރިއާލައި އަންގަން ޖެހޭނެ އެވެ. އަދި އެކަން ކުރިއަށް ގެންދެވޭނީ މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށް ވެސް ސާކިއުލާގައިވެ އެވެ.