ރައިސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެޑައިގެން އެމަނިކުފާނު ވެރިކަމުގެ ހަނީމޫނު ދުވަސްވަރު ނިމުމަކަށް އައީއެވެ. އެބުނާ 14 ހަފްތާ ނިމުމަކަށް އައިއިރު މުއިއްޒު މިހާރު ހަމައެކަނި ދައްކަވާ ވާހަކައަކީ ކުރީ ސަރުކާރުން ދޫކުރި ދަރަނިތަކެއްގެ ވާހަކައެވެ. މީހަކު ސަރުކާރުގެ ކަމަކާއި ގުޅިގެން ކޮންމެ ސުވާލެއް ކޮށްލިނަމަވެސް ޖަވާބުވެސް ފަށަނީ އެ ވާހަކައިންނެވެ.
"ދަރަނި" މި ލަފްޒު
ރައީސްކަމުގެ ހުވާގެ ދަރުބާރުގައި ދެއްކި ވާހަކައާއި ރިޔާސީ ބަޔާނާއި އެކު 43 ތަނެއްގައި ރައީސް ވަނީ ވާހަކަފުޅު ދައްކާވާފައެވެ. މީ ވާހަކަފުޅުތަކުގައި މިހާތަނަށް 48 ފަހަރު ދަރަނި މި ލަފުޒު ބޭނުންކޮށްފައި އެބަވެއެވެ. ވެރިކަމުގެ ހުވާކުރެއްވި ދަރުބާރުގައި ދަރަނި މި ލަފްޒު ދެފަހަރަށް ބޭނުންކުރިއިރު އެންމެ ގިނައި މި ލަފްޒު ބޭނުންކޮށްފައިވަނީ ރިޔާސީ ބަޔާނުގައެވެ. އެ ބަޔާނުގައި 11 ފަހަރަށް މި ލަފްޒު ބޭނުންކޮށްފައި އެބައޮތެވެ. ރިޔާސީ ބަޔާނުގެ ކުރިން ބޭއްވި ރަސްމިއްޔާތުތަކުގައި މި ލަފްޒު ބޭނުންކޮށްފައެއް ނުވެއެވެ. ކުއްލިއަކަށް ދަރަނީގެ ވާހަކަތައް ފެށިގެން މިއައީ ރަށްރަށުގެ ރައްޔިތުންގެ އަޑުއަހާ ކަންތައްކޮށްދޭންކަމަށް ވިދާޅުވެ ދިވެހި ދައުލަތުގެ ހަރަދުގައި ފެށި މަޖިލިސް ކެމްޕެއިން ދަތުރުންނެވެ.
ތ އަތޮޅަށް ފެށި ދަތުރުގައި ރައްޔިތުން ކަންކަމަށް އެދޭކަމަށް ވިދާޅުވެ ދެން ދައްކަވަން ފެށީ ދަރަނި ބޮޑޭ އެހެންވީމާ މިވަގުތު ކަންކަން ވާކަށް ނެތްކަމަށް ބުނެ ދައްކަވަން ފެށި ވާހަކަތަކެވެ. އޭގެފަހުން ދަރަނި މި ލަފްޒު ބޭނުން ނުކުރާ ވާހަކަފުޅެއް ނެތޭ ބުންޏަކަސް ގޯހަކަށް ނުވާނެއެވެ.
މަސްވެރިންގެ ލާރިޔާއި ހަމައިން ދަރަނި
މަސްވެރިން އެމީހުން މަސްކިރުވާ ފައިސާ ހޯދަން ބުނުމުން ކުއްލިއަކަށް އެތައް ދަރަންޏެއްގެ ވާހަކަ އުފަންވެ މިއަދާއި ހަމައަށްވެސް މަސްވެރިންނަށް ފައިސާ ނުދެވިގެން އެކި ވާހަކަތައް ދައްކަވަނީއެވެ. ރައީސްއާއި ވަޒީރުވެސް ރުޅިގަދަވެ އެވާހަކަތައް ދައްކާ ނަގަނީއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންގެ ސުވާލަށް ޖަވާބު ދިނުމަށް ގުންޒަރުގެ ނަމުގައި ބޭއްވި ރަސްމިއްޔާތާއި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައިވެސް ދަރަނި މި ލަފްޒު އެންމެ ފަހަރަކުވެސް ރައީސް މީހާ ބޭނުންކުރައްވާފައެއްނުވެއެވެ. މާލީ މި ލަފްޒު 5 ފަހަރަކު ބޭއްނުންކުރެއްވި އިރު އެ ހުރިހާ ފަހަރަކީވެސް މަސްވެރިންގެ މާލީ ހާލަތު ރަނގަޅު ކޮށްދޭންކަމަށް ބުނެ ވީ ވައުދުތަކެއްގެ ތެރޭގައި ހިމެނުނު ފަހަރެވެ. އެހެންނަމަވެސް މަސްވެރިންގެ ލާރިކޮޅާ ޖެހުމުން ދަރާ ބޮލާ ފޮށާއެޅިފައިވާކަމަށް ބުނެ ދޭނެ ހަމަ އެއްވެސް ލާރިއެއް ނެތިގެން އެނބުރެނީއެވެ.
އޮތީ ދަރުވާލާފައި، ދެން މީ ކޮންހާ ފައިސާއެއް?
ގައުމު ދަރާފައިވާކަމަށް ބުނާއިރު މި ސަރުކާރު ވެރިކަމާއި ހަވާލުވެ މިތިންމަހު މިހާތަނަށް ކުރި ހަރަދުތައް މީގެ ކުރިން އެހެން އެއްވެސް ސަރުކާރަކުން ނުކުރާވަރަށް ވުރެ ބޮޑެވެ. ދަތުރުތަކާއި ސިޔާސީ މަގާމުތަކެވެ. އަދި ދަރާފައި އޮތްކަމަށް ބުނާއިރު ލޯންތައްވެސް ދަނީ ދައްކަމުންނެވެ. ގައިމު މިކަންކަންވާނީ ފައިސާ އޮތީމާކަމަށް ބެލެވެއެވެ.
ބޭރުގެ ދަތުރުތަކަށް
ރައީސްކަމާއި ހަވާލުވި ފަހުން މިހާތަނަށް ރާއްޖެއިން ބޭރަށް 3 ދަތުރެއް މުއިއްޒު ކުރެއްވިއިރު ދެ ދަތުރުގެ ޖުމްލައަށް 6 މިލިއަނާއި ގާތްކުރާ ވަރަށް ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ. އަދި އެންމެ ފަހުން ބޮޑުވެގެންދާ ވަފުދަކާއި އެކު ދުބާއީ އިންވެސްޓް ފޯރަމަށް ދިޔަ ދަތުރަށް ހަރަދަކުރީ ކިހާވަރެއްކަމެއް އަދި ނުބުނެއެވެ. މިއިން ކޮންމެ ދަތުރެއްވެސް ކޮށްފައިވަނީ ބޭނުން ނުވާ އަދަދަށް މީހުން ގޮވައިގެން ގޮސްގެންނެވެ. އަދި ކޮންމެ ދަތުރެއްގައި އަނބިކަނބަލުން ހިތްހަމަޖައްސާ ދެއްވުމަށް މަޝްހޫރު ތަންތަން ބަލާލަން ޓުވާއެއް އަޅަންޖެހޭއެވެ. އެވެސް ދަތުރުގައި ގެންދާ ހުރިހާ ކުދިންކޮޅާއި އެކުއެވެ.
ނައިބު ރައީސްވެސް މިހާތަނަށް ދެ ދަތުރެއް ކުރައްވާފައިވެއެވެ. ފަސްޓް ކުލާހުގައި ދަތުރު ނުކުރާން ބުނި ބޭފުޅާ މިހާތަނަށް ކުރެއްވި ދެ ދަތުރަށް ދައުލަތުން ވަނީ 15 ލައްކަ ރުފިޔާ ހަރަދުކޮށްފައެވެ.
މިނިސްޓްރީތަކުން ދަރަނިވެސް ދައްކަމޯ
ކުރީ ސަރުކާރުން ފައިސާތައް ހުސްކޮށް ޑޮލަރުތައް މާރުކޮށް ހުސްކޮށްލާ ގައުމު ބަންރޫޓްކޮސްލާފައިވާއިރު ދައުލަތުގެ ވުޒާރާއިން ބޮޑެތި ދަރަނިތައް ދަނީ ދައްކަމުންނެވެ. މިހާތަނަށް ހާމަކުރި ނަމްބަރުތަކުން އިސްލާމިކް މިނިސްޓްރީން 27 މިލިއަން ދައްކައިފިއެވެ. ސްޕޯޓް މިނިސްޓްރީނ 125 މިލިއަން ދައްކައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން 50 މިލިއަން ދައްކައިފިއެވެ. މީ އަދި ބައެއް މީނިސްޓްރީތަކެވެ. ބޭރުގެ ލޯންތައްވެސް ދައްކަމުންދާކަން ރައީސް އެތައް ފަހަރަކު ވިދާޅުވެއްޖެއެވެ. މަސްވެރިންނަށް ދޭންޖެހޭ 422 މިލިއަނަށް ދީ އިއްޔެގެ ނިޔަލަށް އިތުރު 70 މިލިއަން ދީފިއެވެ. އާއެކެވެ. ރާއްޖެ ހަމަ ހުރިހާ ކަމެއްގައިވެސް ނަމޫނާއަކަށް ބަލަން ރަނގަޅެވެ. ބަންގޫރްވެފައި އޮތް އިރުވެސް ދަރަނިތައް ދައްކާ މިއޮތް ހަލާސްކުރަނީއެވެ.
ދައުލަތަށް ބުރަޔަކަށް ނުވާ ބައިގަނޑު
ރައްޔިތުންގެ ކަންކަމާއި ޖެހުމުން ފައިސާ ނެތި އޮތީ ހުސް ތޮށިގަނޑުކަމަށް ބުނާ މި އިހްލާސްތެރި ސަރުކާރުން ބަލަދު އަރާ ބައިގަނޑަށް ބަރާބަރަށް ދަނީ ފައސާ ދެމުންނެވެ. އެކި ނަންނަމުގައި އައްޔަންކޮސްފައި ތިބި ސިޔާސީ މީހުންނަށެވެ. އަދުރޭ، އިބްރާހިމް ހަލީލް ފަދަ މިނިސްޓަރުން ފެންވަރގެ ބޭފުޅުންނަށް މަހަކު 2.8 މިލިއަން އެބަ ހަރަދުކުރެއެވެ. އެއީ ހަމައެކަނި މުސާރައަށެވެ. އެ މީހުންގެ ކާރާއި އެހެނިހެން ކަންކަމަށް ކުރާ ހަރަދާއއި އެކު މިއަދަދު އެތައް ތަނަކުން މައްޗަށް އަރާނެއެވެ. ސެޓޭޓް މިނިސްޓަރުންނަށް މަހަކަށް 4.4 މިލިއަން ޑެޕިއުޓީ މިނިސްޓަރުންނަށް މަހަކަށް 5.7 މިލިއަން ހަރަދުކުރެއެވެ. އަދި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަދި ފޮލިޓިކަލް ޑިޜެކްޓަރުންގެ ނަމުގައިވެސް އަދަދު ނޭގޭ ބަޔަކު އެބަތިއްބެވެ. މި މީހުންގެ މުސާރައަށް ހޭދަކުރަނީ ކިހާވަރެއްކަމެއްވެސް ނޭގެއެވެ. މި އަދަދުތަކުން ބަލާ 3 މަހަށް ދައުލަތުން ހޭދަކުރިވަރުގެ ހިސާބު ތިބޭފުޅުން ހަދާލާށެވެ. މީ އަދި 23 ވަޒީރުން ނުހިމަނައެވެ.
ވެރިކަމުގެ ހައިބަތު ދައްކަން
މި ވެރިކަމަކީ ހައިބަތު ބޮޑު ވެރިކަމެއްކަން ދެއްކުމުގެ މަސައްކަތް ދުރަތަމަ ދުވަހުންސުރެ ވަނީ ފަށާފައެވެ. އެގޮތުން މީގެކުރިން އެއްވެސް ހުވާކުރުމުގެ ރަސްމިއްޔާތެއް ނުބާއްވާހާ ބޮޑުކޮށް ބޭވުމަށް ދައުލަތުން ވަނީ 29 މިލިއަން ހޭދަކޮށްފައެވެ. އަދީ މީ ރަސްމިއްޔާތަށް އެކަންޏެވެ. ބޭރު އައި މެހެމާނުންނާއި އެހެނިހެން ކަންކަމަށް އެކި އޮފީސްތަކުން ހަދަރުކުރު ވަރު ސަރުކާރުން ބުނެފައެއްވެސް ނުވެއެވެ. ފޮރިން މިނިސްޓްރީން އެކަނިވެސް 20ކަށް މިލިއަން ހޭދަކުރިއެވެ.
ވެރިކަމަސް ވަޑައިގެން ދެމަފިރިކަނބަލޫން މުލިއާގެއަށް ދާންވެސް އެތަނުގެ މަރާމާތުގެ ނަމުގައި އެތައް މިލިއަނެއް ވަނީ ހޭދަކޮށްފައެވެ. ޖަކޫޒީ ބެހެއްޓުމާއި އެކު ކުރި ހަރަދުގެ ތަފްސީލެއް ސަރުކާރުން އަދިވެސް ނުބުނެއެވެ.
އަދި އަދަދު ނުބުނާ ދަތުރުތައް
ގިނަ ބަޔަކާއި އެކު ރައީސް ކުރި ދަތުރުތަކުގެ ތެރެއިން އަދި ހަރަދު ހަމާނުކުރާ ދަތުރުތައް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ ބޮޑީ ބޮޑުވެގެންވާ ވަފުދަކާއި އެކު ދާދި ފަހުން ދުބާއީއަށް ކުރެއްވު ދަތުރުފުޅެވެ. އޭގެ ފަހަތަށް އަންނަނީ އެއާޓެކްސީއާއި މޯލްޑިވިއަންގެ ފްލައިޓްތަކުގައި މަޖިލިސް އިންތިހާބަށް ދައުލަތު ހަރަދުގައި އެތައް ބަޔަކު ގިވައިގެން އިހައްދުވަހު ކޮޅުމަޑުލަށް ކުރި ދަތުރާއި ދެކުނުގެ ހަތަރު އަތޮޅަށް ކުރި ދަތުރެވެ.
ބަދަލެއް ނުދޭނެނަން އެކަމަކު ދެވިއްޖެ އެވެސް ދިވެހިންގެ ހައްގުގަޔޯ!
ވެރިކަމަށް ވަޑައިގެން ދެއްކެވި އއް ވާހަކައަކީ ކުރީ ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި އުފެއްދި ސެޓްލެމަންޓް ކޮމެޓީ އުވާލާ ބަދަލު ނުދޭނެކަމަށް ބުނި ވާހަކައެވެ. އަދި ހުރިހާ ކަމެއްގައިވެސް ދެ ފުށް ފެންނާނެކަމަށް ބުނި ވާހަކައެވެ. ވެރިކަމަށް ވަޑައިގެން 150 މިލިއަންގެ ބަދަލެއް ވަނީ ގާސިމަށް ދެއްވާފައެވެ. އޭގެ ފަހުންވެސް ބަޔަކަސް ބަދަލެއް ދީފިއެވެ. އެހެންނަމަވެސް މި އިން އެއްވެސް އެއްޗެއްގެ ތަފްސީލެއް ނޫސްވެރިން އެހުމުންވެސް ނުދީ އެތައް ދުވަހެއް ހުންނެވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ގއ. ގައި ހުންނަވާ ވާހަކަދައްކަވަމުން ރައްޔިތުންގެ ހައްގުގައި ދޭންޖެހިގެން ބަދަލެސއް ދިން ވާހަކަ ވިދާޅުވެވުނެވެ. ރައްޔިތުން ހައްގުގައި ދިން ބަދަލުގެ ތަފްސީލެއްވެސް ރައްޔިތުން ކައިރިއަކު ނުބުންޏެވެ.
ބޭނުންވާ ކަންތައްތަކަށް ލާރި އެބަހުރި، ހޯދާގޮތެއް ނުބުނޭ
ކަންކަމަށް ލާރި ނެތްކަމަސް ބުނެ ސަރުކާރު މުވައްޒަފުންނަށް ލިބެންހުރި ބައއް ކަންކަން ހުއްޓާލުމަށް އިއްޔެ ފިނޭންސް މިނިސްޓްރީން ވަނީ ވަރުގަދަ އަމުރެއް ނެރެފައެވެ. އޭގެތެރޭގައު ސްކޮލާޝިޕްތަކާއި ޕްރޮމޯޝަންތައްވެސް ހިމެނެއެވެ. އެހެންނަމަވެސް ސަރުކާރުން ބޭނުންވާ ކަންކަމަސް ހަރަދުދަނީ ހަމަކޮޅެއް މެދެއް ބެލުމެއްނެތި ކުރަމުންނެވެ. ފުށިދިއްގަރު ފަޅު ހިއްކަން ވަނީ ފަށާފައެވެ. އެކަމަށް 700 މިލިއަން ޑޮލަރު ދާކަމަށް ބުނިއިރު އެ ފައިސާ ހޯދާގޮތެއް އެ މަސައްކަތް ހަވާލުކުރަން ކުންފުނި ކަނޑައެޅި ގޮތެއް ނުބުނެއެވެ. ފެނަކައަށް 250 ފުލުހުންގެ އިދާރާއަށް 200 ޕީއެސްއެމް ފަދަ ކުންފުނިތަކަސް ދަނީ ކޮމްޕިއުޓަރ ސިސްޓަމް ގަންނަމުންނެވެ، އަދި ރޭ އެވަނީ ލާރި ނެތް ސަރުކާރަކުން އިންތިހާބާއި ދިމާކޮށް އަނެއްކާވެސް މިލިއަނުން ހަރަދުކުރާން ނިންމާ ފުލުހުންގެ މުސާރަ އަންނަ މަހު ބޮޑުވާނެކަން އިއުލާންވެސް ކޮށްފައެވެ.
މީ އަދި ކުޑަ މިންވަރަކެވެ. މިފަދަ އެތައް ހަރަދެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެކަމަކު ރައްޔިތުންނާއި ޖެހުމުން ފައިސާ ނެތްކަމަށް ބުނެ ދައްކަނީ ދަރަނީގެ ވާހަކައެވެ. އަޅެ މި ހުރިހާ ނަމްބަރުތަކަށް ބަލފައި ހަމަ ތި ވާހަކަތައް އަހަރުމެން ގަބޫލުކުރަބްވީ ހެއްޔެވެ. އަހަރުމެން ތި ހެދީ ހަމަ އެހާ ގަމާރު ބަޔަކީ ހެއްޔެވެ.