ރައީސް މުއިއްޒު މިއަދު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް 47 މީހުން ބޮޑު ވަފުދަކާއެކު ދަތުރު ފައްޓަވައިފިއެވެ. ޖުމްލަ 47 މީހުންގެ ބޮޑު ވަފްދަކާއެކު މުއިއްޒު އުތުރުގެ ރަށްތަކަށް ދަތުރު ފައްޓަވާފަވާއިރު, އިއްޔެ ފިނޭންސް މިނިސްޓްރީންވަނީ, ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން, އާވަޒީފާތަކަށް މީހުން އައްޔަން ނުކުރުމަށާއި, މުސާރަތައް ބޮޑު ނުކުރުމަށާއި, އަދި އޮފީސްތަކުން ކުރާންޖެހޭ ގިނަ ދަތުރުތައްވެސް މަޑުޖައްސާލުމަށް ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް އަންގާފައެވެ.
އެހެންނަމެސް, ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް, ދައުލަތުގެ އެހެން ހުރިހާ އޮފީސްތަކަށް ދަތިކޮށް, ބަޖެޓް ހިފެހެއްޓުމަށްފަހު, 47 މީހުންގެ ވަފްދަކާއެކު މުއިއްޒު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ދައުލަތުގެ ބަޖެޓުން 5 މިލިއަނަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ޚަރަދުވާނެކަމަށް ރައީސް އޮފީހުގެ އޮފިޝަލަކުވަނީ މައުލޫމާތު ދީފައެވެ.
މިއީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭނަށް ޚާއްސަކޮށްގެން, އިންތިޚާބަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ގޮތުން, އެ އަތޮޅުތަކުގެ ރަށްތަކުގެ ރައްޔިތުން އެދޭހާ ކަމަކަށް ވައުދުވުމަށްޓަކާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެކެވެ. އެގޮތުން މި ދަތުރުފުޅު ތަކުގައި މުއިއްޒު ގެންދަވަނީ, ކޮންމެ ރަށެއްގެ ރަށު ކައުންސިލާ ބައްދަލުކޮށް, ކައުސިލަރުން އެދޭހާކަމަކަށް, އެއީ ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯވެސް ނުބައްލަވާ އާބަސް ވިދާޅުވަމުންނެވެ.
އެގޮތުން އެންމެ ގިނައިން މުއިއްޒު މި ދަތުރުފުޅުތަކުގައި ވަމުންދާ ވައުދުތަކަކީ ބުރިޖް އެޅުމާއި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓުތައް އެޅުމުގެ ވައުދުތައްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން އެޅުމަށް ވައުދުވީ ބައެއް އެއަރޕޯޓުތައް އެޅުމަށް ވައުދު ވެފައިވަނީ ހަމައެކަނި ކަރުދާސް ކުންފުނިތަކާއެކުކަން ފަހުންވަނީ އެނގިފައެވެ.
މުއިއްޒު ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކެމްޕޭން ކުރަމުންދާ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން އޮތީ ދެލޯ މަރާލައިގެންކަން ފާހަގަ ކޮށްލެވެއެވެ.