މިނިވަންކަމާއެކު ޚަބާރާއި މައުލޫމާތު ފޯރުކޮށްދެމުންދާ "ދިޔަވަރު އޮންލައިން" ބްލޮކު ކުރުމަށް, މި ސަރުކާރުގެ ނުފޫޒުގަދަ ޑެޕިއުޓީ މިނިސްޓަރަކު އަނެއްކާވެސް ގޮވާލައިފިއެވެ.
"ދިޔަވަރު އޮންލައިން" ބްލޮކު ކުރުމަށް ގޮވާލާފައިވަނީ, އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޖެއްސުންކޮށް މައްލަވަ ކޮށްފައިވާ, ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފްއެވެ. އޭނާ "ދިޔަވަރު އޮންލައިން" ބްލޮކް ކުރުމަށް ގޮވާލާފައިވަނީ, ރައިސް މުއިއްޒުގެ އަނބި ކަނބަލުން ސާޖިދާ ގާލްގައިޑް އެސޯސިއޭޝަންއިން ބޭއްވި ހަފްލާއަކަށް ވަޑައިގަތުމުން އެކަމަނާގެ ކުރިމަތީގައި ރުކޫޢަށްދާ އުސޫލުން ކުރުނީސްކޮށް, ގާލްގައިޑް ދަރިވަރުން, "ޝިރުކުގެ އަމަލްތައް" ކަމަށް ބެލެވޭގޮތަށް ހަރަކާތްތެރިވަމުންދާ ވީޑިއޯއެއް ޕޯސްޓު ކުުރުމާއި ގުޅިގެންނެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި, ގާލްގައިޑް ކުދިން ސާޖިދާއަށް މި އުސޫލުން ކުރުނީސް ކުރާން ފެށުމުން އެކަމަނާ ހުންނަވަނީ އެކަމާ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ. އަދި އެކުދީންގެ މި އަމަލަށް ސާޖިދާ ހިތްވަރުދީ ހިނިތުންވާ މަންޒަރުވެސް މި ވީޑިއޯއިން ފެނެއެވެ.
"ދިޔަވަރު އޮންލައިން" ބްލޮކު ކުރުމަށް މަލްޝާ ޝަރީފް ގޮވާލާފައި ވާއިރު އޭނާއަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފާއިތުވެދިޔަ ޑިސެމްބަރުމަހު, އޭނާ އިންޑިއާގެ ބޮޑުވަޒީރަށް ޖެއްސުންކޮށް މައްލަވަ ކުރުމާއި ގުޅިގެން ރައީސް މުއިއްޒުވަނީ މުސާރައާއި ކޮއްތު ލިބޭގޮތަށް އޭނާ ސަސްޕެންޑްވެސް ކޮށްފައެވެ. އެހެންނަމަވެސް އޭނާވަނީ އޭރުވެސް ބަރާބަރަށް އޮފީހަށް ނިކުމެފައެވެ.
ޑެޕިއުޓީ މިނިސްޓަރ މަލްޝާއަކީ އޭނާގެ ލަދުވެތި ގުނަވަނެއް އިންޑިޔާގެ ޒުވާން ކުދިންތަކަކަށް ދައްކަން އެއްބަސްވާ, އޭނާގެ ވީޑިޔޯއެއްވެސް ސޯޝަލް މީޑިޔާގައި މީގެކުރިން ދައުރުވެފައިވާ ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ. މި ވީޑިޔޯއިން ފެންނަނީ މަލްޝާ އިންޑިޔާ ކޮލެޖެއްގައި ކިޔަވާ ކުދިން ތަކެއް ކުރާ ސުވާލު ތަކަކަށް ޖަވާބު ދޭ މަންޒަރެވެ. މިގޮތުން 3 ސުވާލެއް އެ ކުދިން މަލްޝާއާއި މަޖާ ކުރަމުން ޑެޕިއުޓީ މިނިސްޓަރ މަލްޝާ ކައިރިން އަހާތަން މި ވީޑިޔޯއިން ފެނެއެވެ. އެންމެ ފަހުން އަހާ ސުވާލަކީ ހަށިގަނޑުގެ ލަދުވެތި ގުނަވަނެއްގެ ނަން ކިޔުމަށްފަހު، އެއްކިލޯ ކޭކެއް ދިނުމުން ދައްކާނުތޯ އެހިއެވެ. އެހިސާބުން މަލްޝާ އެކަމަށް އާއެކޭ ބުނާ މަންޒަރު އެ ވީޑިޔޯ އިން ފެނެއެވެ.
އެ ވީޑިޔޯއަކީ މަލްޝާ އޭނާގެ އުފަންދުވަހާއި ގުޅިގެން ހަދާފައިވާ ވީޑިޔޯއެއް ކަމަށް ބެލެވެއެވެ. އަހުލާޤީ ފެންވަރު ދަށް އެ ވީޑިޔޯއަކީ ދިވެހިންގެ އަހުލާގީ މިންގަނޑުތަކާއި ޚިލާފު ވީޑިޔޯއެއް ކަމުން، މި ނޫހުން އެ ވީޑިޔޯ މި ލިޔުމުގައި ނުހިމެނުމަށް ނިންމީއެވެ.
ރައީސް މުއިއްޒުވަނީ މީގެ ކުރިންވެސް "ދިޔަވަރު އޮންލައިން" ބްލޮކް ކޮށްފައެވެ. އެހެންނަމަވެސް އެފަހަރު މީޑިއާގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރަށް ވަނީ "ދިޔަވަރު އޮންލައިން" އަލުން އަންބުލޮކް ކޮށްފައެވެ.
އެއަށްފަހު ފާއިތުވި ހަފްތާގައި މުއިއްޒުވަނީ މީޑިއާ ކައުންސިލް މެދުވެރިކޮށް "ދިޔަވަރު އޮންލައިން" ބްލޮކް ކުރާނެކަމުގެ އިންޒާރު އަނެއްކާވެސް ދީފައެވެ.
ރައީސް އޮފީހުން، ދިޔަވަރު ނޫހަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ދަނީ ޗައިނާ ސަރުކާރުން އަންގައިގެން ކަމަށާއި، މައްސަލައަކީ ޗައިނާގެ ދެ މަނަވަރެއް ރާއްޖޭގެ ދެފަރާތުގައި އޮވެގެން، ރާއްޖޭގެ އީއީޒެޑް ކައިރި ސްކޭން ކޮށް، މެޕް ކުރަމުން ދާ ވާހަކަ ދިވެހި ރައްޔިތުންގެ ސަމާލު ކަމަށް ގެނެސްގައިވާތީ ކަމަށް ރައީސް އޮފީހުން މިކަމާއި ގުޅިގެން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކޮށްފައިވެއެވެ.
އެހެންނަމަވެސް "ދިޔަވަރު އޮންލައިން"ގެ މެނޭޖްމަންޓުން ވިދާލުވެފައިވަނީ އެނޫހުން ހަގީގަތާއި ޚިލާފް އެއްވެސް މައުލޫމާތެއް ރިޕޯޓު ކޮށްފައި ނުވާނެކަމަށާއި, ތެދު ޚަބަރަކާއި މައުލޫމާތެއްވެސް އެނޫހުން ރިޕޯޓު ކުރަމުންދަނީ ސަރުކާރު ޒިންމާދާރު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކަމުގައެވެ.