ޚަބަރު

ތިން ޑެޕިއުޓީ މިނިސްޓްރުން ސަސްޕެންޑް ކުރިތާ 2 މަސް ދުވަސް, "މުސާރައާއި ކޮއްތު ލިބޭގޮތަށް" އަދިވެސް ތިބީ ސަސްޕެންޝަނުގައި!

ދިޔަވަރު
ތިން ޑެޕިއުޓީ މިނިސްޓްރުން ސަސްޕެންޑް ކުރިތާ 2 މަސް ދުވަސް, "މުސާރައާއި ކޮއްތު ލިބޭގޮތަށް" އަދިވެސް ތިބީ ސަސްޕެންޝަނުގައި!

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފާޑުވިދާޅުވުމުން ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން އަދިވެސް ތިއްބެވީ ސަސްޕެންޝަނުގައި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އިންޑިޔާގެ ބޮޑު ވަޒީރަށް ފާޑުވިދާޅުވުމާ ގުޅިގެން ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުންނަކީ ޒުވާނުންނާގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދެވެ.

މި ވަޒީރުން ސަސްޕެންޑްކޮށްފައި ވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ސީދާ އަމާޒުކޮށް، އިސްރާއީލުގެ ޕަޕެޓު، ޖޯކު، އަދި އިންޑިޔާއަކީ ހަޑި ގައުމެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަތަކެއް ދެއްކެވުމާ ގުޅިގެން، މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.

އެ ވަޒީރުންގެ ސަސްޕެންޝަނާ ގުޅޭގޮތުން ސުވާލު ދެންނެވުމުން، ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވީ ވަޒީރުންގެ ސަސްޕެންޝަން އަދި އުވާލައިފައި ނުވާކަމަށެވެ.

ރައީސް އޮފީހުން އެ ތިން ވަޒީރުން ސަސްޕެންޑްކުރިއިރު، އެ ތިން ވަޒީރުން ވެސް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ހިނގާގޮތަށެވެ. އެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކުރައްވައި ފާޅުކުރެއްވި ޝުއޫރުތަކުގެ ސަބަބުން، ރާއްޖެ ބޮއިކަޓް ކުރުމަށް ބޮޑު ކެމްޕޭނެއް ފަށައި، އެކަމާއެކު އާންމުންގެ ކަންބޮޑުވުން ބޮޑުވެ، ސަރުކާރަށް ޕްރެޝަރު ވަރަށް ބޮޑުވުމާ ގުޅިގެންނެވެ.

މިކަން ހިނގަން މެދުވެރިވީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕުގެ ރަށްތަކަށް ވަޑައިގެން، އެރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރެއްވުމާ ގުޅިގެން، އިންޑިޔާގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން، ވަނީ ރާއްޖެއަކީ "ޕްރޯ ޗައިނާ" ގައުމެއް ކަމުގައި ބުނެ، ރާއްޖެ ނުދިޔުމަށް "ބޮއިކޮޓް މޯލްޑިވްސް"ގެ ނަމުގައި ކެމްޕޭނެއް ފަށުމާއެކުއެވެ.

އެއާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ދިފާއުކުރެއްވުމުގެ މަސައްކަތް ފެއްޓެވިއިރު، ބައެއް ނައިބު ވަޒީރުން ފެއްޓެވީ އިންޑިޔާ މީހުންނާ ޒާތީ ގޮތުން ދިމާކުރެއްވުމުގެ މަސައްކަތެވެ. އަދިވެސް ސަސްޕެންޝަންގައި ތިބި ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ދަނީ ސޯޝަލް މީޑިއާގައި މީހުންނާއި ދިމާކޮށް މައްލަވަކޮށް ހުތުރު ބަހުރުވައިން މުޚާތަބްކޮށް ހަދަމުންނެވެ.