ރައީސް މުއިއްޒު ރައްޖޭގެ އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, މިއަދު ށ. ފުނަދޫއަށް ވަޑައިގަންނަވަން ވާއިރަށް އެރަށުން އެމަނިކުފާނަށް ހުސް ގޮނޑި ދައްކާލުމަށް ތައްޔާރު ވެއްޖެއެވެ.
އެގޮތުން ރައީސް މުއިއްޒު އެރަށަށް ފައިބައިވަޑައިގަންނަވަން ވާއިރަށް, ރައީސް ޔާމިންގެ ނަންޖެހި ހުށްގޮނޑިއެއް ވަނީ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ އުސް ބިނާއަކަށް އަރުވާ, އަދި ގޮނޑިއަށް ހިޔާ ދިނުމަށް ކުޑައެއްވެސް ނަގާފައެވެ.
އެރަށުގެ ބަދަރު ސަރަހައްދުގައި މި ހުސް ގޮނޑި އުސް ބިނާއަކަށް އެރުވުމަށް މަޝްހުރު ދިވެހި ލަވަ "ތީހޭ ކަލާގެ ޒާތަކީ ވެދިއުންހެ ބޭވަފާ" މިލަވަވެސް އަޑުގަދަކޮށް ޖަހާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.
އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދާއި ހުވާ ކުރައްވަމުންނެވެ.
އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ.
މުއިއްޒު ރައީސް ޔާމިނަށް އަނިޔާވެރިވަމުން ދިއުމާއި ގުޅިގެން, މުއިއްޒު ވަޑައިގަންނަވަމުން ގެންދަވާ ކޮންމެ ރަށަކުންވެސް, ރައީސް ޔާމިންގެ ސަޕޯޓަރުން ގެންދަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑިއެއް ދައްކާ, ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ވިދާޅުވެ މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެމަތިން މުއިއްޒުއަށް ހަދާން ކޮށްދެމުންނެވެ.
އެގޮތުން މުއިއްޒު މިއަދު ށ. ފުނަދޫއަށް ވަޑައިގަންނަވަން ވާއިރަށް, އެރަށުގެ ރައީސް ޔާމިންގެ ސަޕޯޓަރުންވަނީ މުއިއްޒުއަށް މަރުހަބާ ކިއުމަށް, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި މުއިއްޒުއަށް ދައްކާލުމަށް ތައްޔާރު ވެފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ބޭނުމަކީ މުއިއްޒު ވީ ވައުދުތަކުގެ މަތިން ހަނދާން ކޮށްދިނުން ކަމުގައެވެ.
ފުނަދުއަކީ ރައީސް ޔާމިނަށް ތާއީދުކުރާ ގިނަބަޔަކު ތިބި ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.