އެމްއެމްޕީއާރުސީ އެމްޑީ ފާތުމަތު ތައުފީގް އަށް ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކަން އެނގި ނުލައްވާތީ، ޖަރުމަނުގައި އޮތް ޓްރޭޑް ފެއަރ ގައި އޮތް ޕްރެސް ދިނުމަށް، ޖަނާހުގެ ދަރި ނޫރައިންނާއި ހަވާލު ކޮށްފިއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ގޮތަށް ރައީސް އޮފީހުގައި މިވާހަކަ ދައްކައި، ނޫރާއިންނަށް މި ފުރުޞަތު ދިނުމަށް ރައިސް އޮފީހުން އެމްއެމްޕީއާރުސީ އަށް އަންގާފައި ވަނީ ނޫރާއިން ގެ ބައްޕަ ޖަނާހްގެ ނުފޫޒުންނެވެ. ޖަނާހް އަކީ ތައިލެންޑްގެ މަނީލޯންޑަރިން ކުރާ ކުންފުންޏެއް ގެނެސް، އެމީހުން އަންނައުނު ވިއްކުމަށް ހަދާފައިވާ ފޭކް ކުންފުންޏަށް 12 ރަށް ސަރުކާރުން ދިނުމުގައި ފައިދާވެރިއަށްވި ފަރާތެކެވެ.
އެމްއެމްޕީއާރުސީ އެމްޑީ ފާތުމަތު ތައުފީގް އަށް ކުރިމަތިލާން ޖެހުނު، މި ލަދުވެތި ހާލަތާއި ގުޅިގެން ފާތުމަތު ތައުފީގް ވަނީ، މި މައްސަލަ އަބްދުއްރަހީމް އާއި ހަމައަށް ގެންގޮސްފައެވެ. އަދި މިކަމަށް ހައްލެއް ލިބޭތޯ ފާތުމަތު ތައުފީޤް ދަނީ މަސައްކަތް ކުރަމުން ކަމުގައި މައުލޫމާތު ލިބެއެވެ.
ފާއިތުވި، ފަސް އަހަރުގައި އެމްއެމްޕީއާރުސީގެ ހުރިހާ ޕްރެސް އެއް ދެއްވާފައިވަނީ އެމްޑީގެ މަގާމުގައި ހުންނެވި ފަރާތެވެ. އޭގެ ކުރީ ބައެއް އަހަރުތަކުގައި މި ދާއިރާގެ އިސްފަރާތްތައް ޕްރެސްގައި އިސް ދައުރެއް އަދާ ކުރެއްވިނަމަވެސް، ޕްރެސް ފަށްޓަވައި ދެއްވަނީ އަބަދުވެސް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރއެވެ. އަދި ޗެއަރމަން އަކީ މިފަދަ ޕްރެސް ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތެއް ނޫނެވެ. އަދި އާންމުކޮށް އެމްއެމްޕީއާރުސީގެ މައްޗަށް ޗެއަރޕާސަންގެ މައްޗަށް މާ ބޮޑު ބާރެއް ނޯވެއެވެ.
ޖަނާހް ދަނީ އޭނާގެ ދަރިފުޅަށް މަޤާމު ހޯދައި ދިނުމުގެ އިތުރުން އެމްއެމްޕީއާރުސީ ތެރޭގައި ބާރު ގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ޖަނާހް ވަނީ އެމްއެމްޕީއާރުސީގެ އެމްޑީއަށް ފާތުމަތު ތައުފީގް ގެ ބަދަލު، އޭނާގެ އަރިސް ކަނބަލެއް ކަމުގައިވާ ސޫޒަން ގެނައުމަށްވެސް މަސައްކަތް ކޮށްފައެވެ. އެކަން ހާސިލް ނުވުމުން ދަރިފުޅު ޗެއަރޕާސަން އަކަށް ހަމަ ޖައްސަވައި މުއިއްޒު ދެއްވީއެވެ.