އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ރައްދު ކުރި މައްސަލާގައި ސަސްޕެންޑް ކޮށްފައި ހުންނެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ، ނުކުޅެދުންތެރިކަން ހުންނަ ދިވެއްސަކަށް ގަނާ ކުރި މައްސަލަ ބޮޑުވެ، ނުކުޅެދުންތެރި ހުންނަ އެންމެންގެ ނުރުހުން މުއިއްޒުގެ ސަރުކާރަށް އަމާޒުވެއްޖެއެވެ. މިއީ އިނދިކޮޅުގައި ތިބި ފަރާތްތައް ކިތަންމެ ދުވަހަކު މަސައްކަތް ކުރިއަސް ސަރުކާރަށް ނުދެވޭނެ ވަރުގެ ބޮޑު ގެއްލުމެކެވެ.
ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާ އަށް ބަދުބަސް ރައްދުކުރުމުގެ ސަބަބުން އިންޑިއާ ދަރިވަރުން ދިވެހި ދަރިވަރުންނާ މެދު އަމަލުތައް ބަހައްޓާ ގޮތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ، އޮސްޓްރޭލިއާގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރެއް ކަމަށްވާ މުއާވިޔަތު މުހައްމަދު ދީދީ (މުތޫ) ވަނީ މިދިޔަ ހުކުރު ދުވަހު ކަންބޮޑުވުން ފާޅުކޮށް 'އެކްސް'ގައި ޕޯސްޓެއް ލިޔެފަ އެވެ.
ސެރީބްރަލް ޕަލްސީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މުއާވިޔަތަކީ، ނުކުޅެދުންތެރިކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އެފަދަ މީހުންނަށް ދަތިވާ ގޮތަށް ހުންނަ ކަންކަން ރަނގަޅުކުރަން އަޑުހަރުކޮށް ވަކާލާތު ކުރާ މީހެކެވެ.
އިންޑިއާ ދަރިވަރުންގެ ފަރާތުން މިހާރު ފުރައްސާރަ ކުރިމަތިވާ ކަމަށް ބުނެ މުއާވިޔަތު ކުރި ޕޯސްޓާ ގުޅިގެން، ޑެޕިއުޓީ މިނިސްޓަރު ޝިއުނާ ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ބަދުބަސް ރައްދުކޮށް އިއްޔެ ކޮމެންޓެއް ކުރައްވާފަ އެވެ.
"[ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ] ޖާބިރު އުޅޭހެން ދުނިޔޭގެ ގައުމުތަކުގައި އުޅޭތީ ފުރައްސާރަ ކުރަނީ،" ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބިލިޓީ ރަނގަޅުކޮށްދިނުމަށް ވަކާލާތު ކުރުމަށްޓަކައި، ކޮނޑުގައި ގޮނޑިއެއް އަޅުވައިގެން މުއާވިޔަތު އިހުތިޖާޖު ކުރަމުންދާ ފޮޓޯއެއް ޕޯސްޓު ކުރުމަށް ފަހު ޝިއުނާ ލިޔުއްވި އެވެ.
މުއާވިޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ސިފަވާ ގޮތަށް ޝިއުނާ ކުރެއްވި އެ ކޮމެންޓަށް އާންމުންގެ ފާޑުކިޔުމާއި ހިތްހަމަނުޖެހުން އަމާޒުވި އެވެ. މުއާވިޔަތުގެ ދިފާއުގައި ސޯޝަލް މީޑިއާގައި އަޑު އުފުލި ބައެއް މީހުން ފާހަގަކުރި ގޮތުގައި:
މުއާވިޔަތަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔޫނިއަން އޮފް ސްޓޫޑެންޓްސްގެ މުހިއްމު މެމްބަރެއް
ޝިއުނާ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރިޔަސް، އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން
އޭނާގެ ހިނގުމުގައި ތަފާތު ގޮތެއް ހުންނަނީ އޭނާގެ ސެރީބްރަލް ޕަލްސީގެ ސަބަބުން؛ އޭނާގެ އަމަލުތައް ދުވަހަކު ވެސް ނުރަނގަޅު ގޮތަކަށް ނުބަހައްޓާ
އޭނާއަކީ ނުކުޅެދޭ މީހުންގެ ހައްގުގައި އަޑު އުފުލާ، ނުކުޅެދުންތެރިކަމާ މެދު ހޭލުންތެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރާ މީހެއް
"މި ޝިއުނާ އަކީ މިހާރު އާންމު އުނދަގުލަކަށް ވެއްޖެ. ކޮންމެވެސް އެއްޗެކޭ ކިޔާފަ ކޮންމެ މީހަކު ވެސް ގަނާ ކުރަންވީ. މިހާރު އޭނަ އެ ގަނާ ކުރަނީ ނުކުޅެދުންތެރިކަން ހުރި މީހަކާ. ސަރުކާރުން މީނައާ މެދު ފިޔަވަޅު އަޅައި މީނަ މަގާމުން ދުރުކުރާނީ ކޮން އިރަކުން؟" މީހަކު 'އެކްސް'ގައި ލިޔުނެވެ.
ފާހަގަކޮށްލެވޭ - މީގެ ކުރިން ވެސް އެކި މީހުންނަށް ފުރައްސާރަކޮށް ޝިއުނާ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރައްވާފައިކަން މީހުން ފާހަގަކުރި އެވެ. އެގޮތުން ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި:
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ލޭއޮހޮރުވުމަކަށް ދާން ގޮވާލާ ޓްވީޓު ކުރުން؛ އެ މައްސަލާގައި އޭނާގެ އެކައުންޓް ސަސްޕެންޑު ކޮށް، އޭނާގެ މައްޗަށް ތަހުގީގެއް ވެސް ހިންގި
އިންޑިއާ މީހުންނާއި އެ ގައުމުގެ ބޮޑުވަޒީރަށް ބަދުބަސް ރައްދުކުރުން؛ އެ މައްސަލާގައި ޖެނުއަރީ ކުރީކޮޅު އިތުރު ދެ ޑެޕިއުޓީ މިނިސްޓަރުންނާ އެކު އޭނާ ސަސްޕެންޑު ކުރި
އަދިވެސް އޭނާ ހުންނެވީ ސަސްޕެންޝަންގައި
ފާޑުކިޔުން ބޮޑުވުމާ އެކު ޝިއުނާ ވަނީ އޭނާ މުއާވިޔަތަށް ރައްދުކޮށް ކުރެއްވި ކޮމެންޓު ޑިލީޓް ކޮށްލެއްވުމަށް ފަހު، މައާފަށް އެދިވަޑައިގެންފަ އެވެ. އެ ޕޯސްޓުގައި ޝިއުނާ ވިދާޅުވީ، އޭނާ އެ ކޮމެންޓު ކުރެއްވީ ބަޔަކު އޭނާއަށް "އިހުތިޖާޖާ ބެހޭ ގޮތުން ނުބައި މައުލޫމާތު ދިނުމުން" ކަމަށެވެ.
"އަޅުގަނޑު އެއްވެސް ހާލެއްގައި ގަސްތުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ފުރައްސާރައެއް ނުކުރާނަން، މިއީ 'މިސްއަންޑަސްޓޭންޑިން'އެއް،" އޭނާ މައާފަށް އެދި ލިޔުއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ނަމަވެސް، އެ ޕޯސްޓާ އެކު ޝިއުނާއަށް މީހުންގެ ފަރާތުން އަމާޒުވި ފާޑުކިޔުން ހައްތަހާ ވީ އިތުރެވެ.
"ފުރަތަމަ ކަމަކަށް އެއްވެސް މީހަކަށް ފުރައްސާރަ ކުރަނީ ކީއްކުރަން؟" މީހުން ސުވާލު އުފެއްދި އެވެ.
"[ޑެޕިއުޓީީ] މިނިސްޓަރު، މުއާވިޔަތުގެ ބަޔޯ ކިޔާލި ނަމަ ވަރަށް އަވަހަށް އެނގޭނެ އޭނާގެ ހިނގުމުގައި ތަފާތު ގޮތެއް ހުންނަނީ މަސްތުވާއެއްޗެއް ބޭނުންކޮށްގެން ނޫންކަން،" އެހެން މީހަކު ފާހަގަކުރި އެވެ.
މީހުން ބުނިގޮތުގައި، އެއްވެސް ވަރަކަށް ބަލާލުމެއް ނެތި، މީހަކު ބުނާހާ އެއްޗެއް ގަބޫލުކޮށްގެން ސަރުކާރުގެ މަތީ މަގާމެއްގައި ހުންނަ މީހަކު ތާކުންތާކު ނުޖެހޭ ކޮމެންޓް ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫނެވެ.
"މިފަހުން ބައެއް މީހުން، [ޑެޕިއުޓީ] މިނިސްޓަރުން ހިމެނޭހެން، އަޅުގަނޑު ނުކުޅެދޭ މީހުންގެ ހައްގުގައި ވަކާލާތު ކުރަން މިކުރާ މަސައްކަތްތަކަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކުމަކީ ވަރަށް ހިތްމަރުވާ ކަމެއް،" މުއާވިޔަތު 'އެކްސް'ގައި ލިޔުނެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި:
އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ގޮތަށް ސިފަކޮށް، އޭނާގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރުމުން ކަންބޮޑުވޭ
ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބަދަލުގައި، އެހެން ކަންކަމަށް މިނިސްޓަރުންގެ ސަމާލުކަން މާ ބޮޑު؛ އެކަން ބަދަލުކުރަން ޖެހޭ
ހޭލުންތެރިކަން އިތުރުކުރަން އޭނާ ކުރާ މަސައްކަތުގައި ކުރިއަށްދާނެ؛ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް އޭނާ ވަކާލާތުކުރާ ކަންކަމުގެ އަގު ވަޒަންކޮށް، ކަންކަން ހައްލުކުރަން އަމަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ބުނި
އޮސްޓްރޭލިއާގައި ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމިއްޔާއިން އިން ވެސް ވަނީ، މުއާވިޔަތަކީ ރާއްޖެއިން އެ ސްކޮލަޝިޕް ކާމިޔާބުކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފުރަތަމަ ދަރިވަރުކަން ފާހަގަކޮށް، އެ މައްސަލާގައި ޕޯސްޓެއް ލިޔެފަ އެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ވަކާލާތުކޮށް، ހޭލުުންތެރިކަން އިތުރުކުރަން އޭނާ ކުރާ މަސައްކަތްތަކާ މެދު އަޅުގަނޑުމެން ފަހުރުވެރިވޭ، އަދި އޭނާ ފަދަ ވަރުގަދަ ޑިސްއެބިލިޓީ އެޑްވޮކޭޓުންނާއި ލީޑަރުން ތިބުމަކީ ގައުމަށް ކޮންމެހެން ބޭނުންތެރި ކަމެއް،" އެ ޕޯސްޓުގައިވެ އެވެ.