މިއަދު ރައްޔިތުންގެ މަޖިލިހުން ފާސްކުރި, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ފަސްކުރާ ބިލް ގެޒެޓް ނުކުރުމަށް މުއިއްޒު ރައީސް އޮފީހުގެ ވެރިންނަށް އަމުރު ކޮށްފިއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ, މަޖިލިސް އިންތިޚާބު ފަސްކުރާ ބިލް ގެޒެޓް ނުކުރުމަށް މުއިއްޒު ރައީސް އޮފީހުގެ އިސް ފަރާތްތަކަށް އަންގާފައިވަނީ, މިއަދު މަޖިލީހުން ފާސްކުރި ބިލް ގާނޫނަކަށް ވެގެންދާނީ ތަސްދީގުކޮށް އަދި ގެޒެޓްގައި ޝާއިއުކުރުމުން ކަމަށް ގާނޫނުގައި ބުނާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް މިއަދު ވަނީ ފާސްކޮށްފައެވެ.
އިތުރު ބަދަލެއް ނުގެނެސް އެ ބިލު މިއަދު ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.
ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި އޮތީ އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހެއްގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
މިއީ މުއިއްޒު ދުސްތޫރީ ނިޒާމަށް ގޮންޖައްސަވާ ފުރަތަމަ ފަހަރެއް ނޫނެނެވެ. މި ސަރުކާރުގެ 3 ވަޒީރަކަށް ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިނުމުން މުއިއްޒުވަނި އެތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކޮށްފައެވެ. މަޖިލީހުގެ ރުހުން ނެތި އެ ވަޒީރުން ގެންދަވަނީ ގައުމުގެ މަސްލަހަތާއި ގުޅުންހުރި އެތައް ނިންމެވުމެއްގައި ބައިވެރިވަމުންނެވެ.