ޚަބަރު

ގޮށް ނުޖައްސަވާ ބިލު ތަސްދީގުކުރައްވާ: އެމްޑީޕީ ޕީޖީ އިން މުއިއްޒަށް

ދިޔަވަރު
ގޮށް ނުޖައްސަވާ ބިލު ތަސްދީގުކުރައްވާ: އެމްޑީޕީ ޕީޖީ އިން މުއިއްޒަށް

ރޯދަ މަސް ތެރޭ މަޖިލިސް އިންތިހާބު ނުބާއްވަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ބިލު ދެވަނަ ފަހަރަށް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުން ބަސް އިއްވައިފި ކަމަށާއި އެއަށް ގޮށްނުޖައްސަވައި، ވީހާވެސް އަވަހަކަށް ތަސްދީގުކުރައްވަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)އިން ރައީސް މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައިފި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުގެ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މީގެ ކުރިން އެ ބިލު ފާސްވީ 44 މެންބަރުންގެ ވޯޓުން ކަމަށާއި މިފަހަރު 47 މެންބަރުންގެ އަގުލަބިއްޔަތާ އެކު ދެވަނަ ފަހަރަށް އެބިލު ފާސްކުރުމުން ރައީސަށް ބިލު ތަސްދީގުކުރައްވަން މަޖުބޫރު ކަމަށެވެ. 

އެއީ ޖުމްލަ މެންބަރުންގެ އަދަދު 87އަށް ބެލި ނަމަވެސް ފާސްވެގެން އެ ދިޔައީ އަގުލަބިއްޔަތު މެންބަރުން އަދަދު ކަމުގައިވާ 44 މެންބަރުންނަށް ވުރެ ވެސް އިތުރަށް ވާތީ ކަމަށް ފާހަގަކުރައްވައި، މިހާރު ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ބިލު ތަސްދީގުނުކޮށް ލަސް ކުރާނެ ހުއްޖަތެއް ނެތް ކަމަށް ޕީޖީ ލީޑަރު ވިދާޅުވި އެވެ.

"ދެން ރައީސުލްޖުމްހޫރިއްޔާއަށް އެއްވެސް ގާނޫނީ ސަބަބެއް ދެއްކޭކަށް ނޯންނާނެ އެ ބިލު ތަސްދީގު ނުކުރައްވައި،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ރޯދަ މަހު އިންތިހާބު ބޭއްވުމަކީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. އެ ހިތްހަމަނުޖެހުން ރައްޔިތުންގެ އޮތް އިރު، ރައްޔިތުން އެދޭ ގޮތާ ހިލާފަށް އަދި މަޖިލީހުގެ ނިންމާ ބޯނުލަނބައި ސަރުކާރުން އަމަލުކުރާ ނަމަ އެއީ ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.