ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާއަށް ދަރަނި ބޮޑު ގައުމުތައް ގިނައިން އޮންނަނީ އެފްރިކާގައެވެ. ނަމަވެސް އޭޝިއާގެ މެދުތެރޭގައި ވާ ގައުމުތަކާއި، ދެކުނު އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން ވެސް ޗައިނާގެ ދަރަނީގެ ދަންތުރާގައި ޖެހިފައިވާ ގައުމުތައް ފެނިގެން ދެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެއިން އިޤްތިޞާދީ ނަފާއެއް ނުނިކުންނަ ބިޔަ ޕްރޮކްޓްތަކަކީ ޗައިނާއިން އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ ޕްރޮޖެކްޓްތަކެވެ. ބަނދަރާއި ރޭލާއި އެއްގަމުގެ އިންފްރާސްޓްރަކްޗާ އެޅުމަށް ފައިސާ ދިނުމުގެ ޕްރޮގްރާމެއް ކަމަށްވާ ޗައިނާގެ "ނިއު ސިލްކް ރޯޑް" ޕްރޮޖެކްޓަކީ އޭގައި ބައިވެރިވާ ގައުމުތަކަށް، މި ޕްރޮޖެކްޓްތަކުގެ ސަބަބުން ޗައިނާއަށް ދަރަނި ބޮޑުވާ މަޝްރޫއެތަކެކެވެ. 2020 ވަނަ އަހަރު ނިމުނުއިރު، ލިބެން ހުރި ތަފާސްހިސާބުތަކަށް ރިއާޔަތް ކުރާއިރު، 97 ގައުމުގެ ތެރެއިން، "ނިއު ސިލްކް ރޯޑް" ގެ ދަށުން ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކަކީ، ޕާކިސްތާން (77.3 ބިލިއަން ޑޮލަރު)، އެންގޯލާ (36.3 ބިލިއަން ޑޮލަރު)، އިތިއޯޕިއާ (7.9 ބިލިއަން ޑޮލަރު)، ކެންޔާ (7.4 ބިލިއަން) އަދި ސްރީލަންކާ (6.8 ބިލިއަން ޑޮލަރު) އެވެ.
ދަރަނީގެ ގޮތުން އެންމެ ބޮޑު ބުރައެއް އޮތް ގައުމުތަކުގެ ތެރޭގައި ޖިބޫޓީ އާއި އެންގޯލާ ހިމެނެ އެވެ. ދެން އެންމެ ބޮޑުކޮށް ދަރަނީގެ ބުރަ ޗައިނާގެ މައްޗަށް އޮތް ޤައުމަކީ ރާއްޖެއެވެ. އޭގެ ފަހުން ލާއޯސްއެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ޕެރިސް ކްލަބް ގެ ގައުމުތަކުން ނުވަތަ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ނުވަތަ ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުން ނަގާ ލޯނަށް ވުރެ ބޮޑެވެ. އެގޮތުން ރާއްޖެއަށް ލިބިފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓްވެސް ހަމަ އެހާމެ ބޮޑެވެ. އެ ލޯނުތައް އަނބުރާ ދެއްކުމަށް ދޭ މުހުލަތުވެސް ކުޑައެވެ. އެހެންކަމުން، ޗައިނާއިން ދޭ ލޯނުތައް ސިފަވަނީ ކޮމާރޝަލް ލޯންތަކެއްގެ ގޮތުގައެވެ. އެހެންކަމުން މި ލޯނުތަކުގެ ސަބަބުން ތަރައްޤީގެ ލަނޑުތަނޑިތައް ހާސިލް ކުރަން ދައްޗެވެ.
ސަރުކާރަށް ރާއްޖެ ބަނގުރޫޓުވާ ފަދަ ދަނޑިވަޅެއްގައި އޮއްވައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބަނގުރޫޓު ވުމުން ދޭ ލޯނުގެ، އިންޓްރެސްޓް ރޭޓް ކުޑަވާއިރު، ސަރުކާރުން ޗައިނާއިން ނަގަން ވިސްނާ ލޯނުގެ އިންޓެރެސްޓް ރޭޓް އެތައް ގުނައެއް ބޮޑުވެގެންދާނެއެވެ.
އެކި ޤައުމުތަކުން ޗައިނާއަށް ދައްކަން ޖެހިފައިވާ ދަރަނީގެ އަދަދު ބޮޑު ކަމުން އެއީ ދެމެހެއްޓެނިވި ގޮތެއްގައި އެ ޤައުމުތަކަށް ދެއްކޭނެ ދަރަންޏެއް ނޫން ވޯލްޑް ބޭންކުން ވަނީ 2022 ވަނަ އަހަރު ޖެނުއަރީ މަހު ހާމަ ކޮށްފައެވެ. އަދި ކޮވިޑަށް ފަހު، ޤައުމުތަކަށް މިހާރު ވަނީ ޗައިނާއަށް ދަރާފައިވާ ދަރަނި ދެއްކުމުގައި އިތުރަށް ދަތިވެފައެވެ.
ޗައިނާ އަށް އެންމެ ބޮޑަށް ދަރާފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިޔާ ކަންޑުގެ ޤައުމުތައް ހިމެނޭއިރު، އިންޑިޔާގެ މައްޗަށް ނުފޫޒާއި ބާރު ފޮނުވައި، ސަރަހައްދީ އެއްބާރުލުމަށް އަސަރު ފޯރާނޭހެން ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނަށް އެހާ ބޮޑު ދަރަންޏެއް ޗައިނާއިން ދީފައިވަނީ އެއީ އިންޑިޔާ އާއި އެންމެ އަވަށްޓެރި ޤައުމަށް ވެފައި، އިންޑިޔާގެ ހަމަޖެހުން ނަގާލުމަށް ޕާކިސްތާނަށް ސިޔާސީ ނުފޫޒު ފޯރުވުމަށެވެ. ލަންކާ އަށް އަދި ރާއްޖެއަށްވެސް ޗައިނާއިން ލޯނު އެހީ ދޭ މައިނގަޑު ސަބަބަކީ އެއީ އެވެ. ދިވެހި ރާއްޖެއަކީ އުތުރު އެމެރިކާގެ އައްސޭރި ފަށު ހިސާބެއްގައި އޮތް ޤައުމެއް ނަމަ، ޗައިނާއަށް ދިވެހިރާއްޖެ ނުފެންނާނެއެވެ. ރާއްޖެ އާދޭސް ކޮށް ކުޑަކަކޫ މައްޗަށް ތިރި ވިއަސް އެހީތެރިކަމެއް ނުދޭނެއެވެ. ރާއްޖެއަށް ޗައިނާއިން ލޯނުދީ އެ ދަންތުރާގައި ޖައްސަން އެކުރާހާ މަސައްކަތެއް ކުރަނީ ދިވެހި ރާއްޖެ އިންޑިޔާގެ އަސްކަނި ދަށުގައި އޮތުމުންނެވެ.