ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު މ. ދިމްޔާތުގައި ރައީސް މުއިއްޒު ހޭދަކުރެއްވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރުފުޅު ހައްދަވައިފިއެވެ.
ހުވާ ކުރެއްވުމަށްފަހު ދިމްޔާތުގައި ދިރިއުޅުއްވި ދުވަސްތަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރައްވާކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހެއްދެވީ ރައީސް އޮފީހުން ގެނެސްދެމުންދާ "ރައީސްގެ ޖަވާބު" ސެގްމަންޓުގައި ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ، ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާ، އަމިއްލަފުޅު ގޭގެ ހަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފިކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާމެދު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނަޖްމާ ކުރި ސުވާލުގައި ބުނެފައި ވަނީ ކެއުމުގެ ހަރަދަށް 30 މިލިއަން ރުފިޔާ އާއި އަމިއްލަ ގެކޮޅުގެ އެކޮމޮޑޭޝަނަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައެއް އަޑު އިވިފައިވާ ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިހާރަކަށް އައިސް ފެނިގެން ދަނީ ހަގީގަތާ ހިލާފަށް ވަރަށް ގިނަ ވާހަކަތަކެއް ދައްކަމުން އަންނަ ތަން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ގެކޮޅުގައި ހުންނެވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމުގައި މުއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް "ދިވަރު އޮންލައިން"އާއި ވާހަކަ ދެއްކި, މުލިއާގޭގެ އިސް އޮފިޝަލަކު ވިދާޅުވީ, ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު މުއިއްޒު ދިމްޔާތުގައި ދިރިއުޅުއްވަން ފެއްޓެވުމަށް, އެމަނިކުފާނު ދިރިއުޅުއްވި ފަންގިފިލާއާއި އަދި އެޕާޓްމަންޓްގެ މަރާމާތަށް ދައުލަތުގެ މާލިއްޔަތުން 10 މިލިއަން ފުރިހާ ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓުގެ ފަރުނީޗަރު އާކޮށް, އިންޓީރިއަރ ޑިޒައިން ބަދަލު ކުރުމަށް އެކަނިވެސް 5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަދި ކެންބުއިމުގެ ހުރިހާ ޚަރަދެއްވެސް އެ މުއްދަތުގައި ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ޚަރަދުތައް ދައުލަތުގެ މާލިއްޔަތުން ކުރިކަން އޮޑިޓުން ހާމަވެގެން ދާނެކަމުގައެވެ.
މުއިއްޒުވަނީ މުލިއާގެއަށް ބަދަލުވުމުގެ ކުރިން އެގެ މަރާމާތު ކުރުމަށްވެސް ދައުލަތުގެ މާލިއްޔަތުން 30 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައެވެ. އޭގެ ތެރޭގައި މުލިއާގޭގައި ލަގްޒަރީ ޖަކޫޒީއެއް ބެހެއްޓުމަށް ބޮޑު ޚަރަދެއް ކޮށްފައި ވެއެވެ.
ދިމްޔާތުގައި އުޅުއްވި ދުވަސްތަކަށް ދައުލަތުގެ މާލިއްޔަތުން އެއްވެސް ޚަރަދެއް ނުކުރާކަމަށް ވިދާޅުވެސް މުއިއްޒު އިތުރުފުޅު ހައްދަވާފައިވާއިރު, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ދޮގު ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައިކައިގެން, މަކަރާއި ހީލަތުންކަން ފާހަގަ ކޮށްލެވެއެވެ.