ޚަބަރު

މިހާރު ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ވަޑައިގެންނެވި 35 ރަށުގެ ތެރެއިން 25 ރަށުން ވަނީ މުއިއްޒުއަށް ހުސް ގޮނޑި ދައްކާލާފައި, ރައްޔިތުންގެ ތާއީދެއް ނެތް!

ދިޔަވަރު
މިހާރު ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ވަޑައިގެންނެވި 35 ރަށުގެ ތެރެއިން 25 ރަށުން ވަނީ މުއިއްޒުއަށް ހުސް ގޮނޑި ދައްކާލާފައި, ރައްޔިތުންގެ ތާއީދެއް ނެތް!

ރައީސް މުއިއްޒު މިހާރު ރައްޖޭގެ އެކި ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި މިހާތަނަށް ޖުމްލަ 35 ރަށަކަށް ވަޑައިގެންފައިވާއިރު, މީގެތެރެއިން 25 ރަށަކަށް މުއިއްޒު ވަޑައިގެންނެވުމުން އެ ރަށްރަށުން, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި މުއިއްޒުއަށް ދައްކާލާފިއެވެ.

އެގޮތުން ގިނަ ރަށްރަށުން މުއިއްޒުއަށް މަރުހަބާ ކިއުމަށް ނުކުމެފައިވަނީ ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ބަދަލުގައި އެ ރަށްރަށުގައި ތިބޭ ޕީޕީއެމްގެ ގިނަ ސަޕޯޓަރުން މުއިއްޒުއަށް މަރުހަބާ ކިޔާފައިވަނީ ހުސްގޮނޑި ދައްކާލާގައިގެން, ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ވިދާޅުވެ ވީ ދޮގު ވައުދުތަކުގެ މަތިން މުއިއްޒުގެ ހަދާން އާކޮށް ދެމުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ދޮގު ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައިކައިގެންނެވެ.

އެގޮތުން, ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.

އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދުވެ ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ.

ރައީސް ޔާމިނަށް ތާއީދުކުރާ އެތައް ރައްޔިތުންނެއް ބުނަމުންދަނީ މުއިއްޒު ރައީސް ޔާމިނަށް އަނިޔާވެރިވަމުން ދިއުމާއި ގުޅިގެން, މުއިއްޒު ވަޑައިގަންނަވަމުން ގެންދަވާ ކޮންމެ ރަށަކުންވެސް, ރައީސް ޔާމިންގެ ސަޕޯޓަރުން, އެމަނިކުފާނުގެ ނަންޖެހި ހުސް ގޮނޑިއެއް ދައްކަމުންދަނީ, ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ވިދާޅުވެ މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެމަތިން މުއިއްޒުއަށް ހަދާން ކޮށްދިނުމުގެ ގޮތުން ކަމުގައެވެ.

ރައްޖޭގެ މެޖޯރިޓީ ރަށްރަށުގައި ތިބީ ޕީޕީއެމްއާއި އެމްޑީޕީއަށް ތާއީދުކުރާ މީހުންނެވެ. ޕީޕީއެމްގެ ސަޕޯޓަރުންނަކީ ރައީސް ޔާމިނަށް ތާއީދުކުރާ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.